ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
(أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لا يَقْبَلُ إِلا طَيِّبًا ، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ ، فَقَالَ : ( يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ ) ، وَقَالَ : ( يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ) ، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ ، وَمَطْعَمُهُ حَرَامٌ ، وَمَشْرَبُهُ حَرَامٌ ، وَمَلْبَسُهُ حَرَامٌ ، وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ)
މާނައަކީ: "އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީ އެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެކަލާނގެ ގަބޫލެއް ނުކުރައްވައެވެ. ރަސޫލުންނަށް އަމުރުކުރެއްވިފަދައިން މުއިމިނުންނަށްވެސް އަމުރުކުރެއްވިއެވެ. ވަޙީ ކުރެއްވިއެވެ. (އޭ އެންމެހައި ރަސޫލުބޭކަލުންނޭވެ. ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ. އަދި ޞާލިޙް ޢަމަލު ކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާކަންތައް ތިމަން ﷲ މޮޅަށް ދެނެވޮޑިގެންވަމެވެ".
އަދިވެސް ވަޙީ ކުރައްވައެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށ ތިމަން ﷲ ރިޒްގުކުރެއްވި ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ"، އެއަށްފަހު ދިގުދަތުރެއްކޮށް، ވަރުބަލިކަމުން ބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވެވިއެވެ. އެމީހަކު ދެއަތް މައްޗަށް ނަގައިގެން ހުރެ ދުޢާ ކުރެއެވެ. "ހައްދަވައިގެންގުޅުއްވާ އިލާހެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ"، ނަމަވެސް އޭނާގެ ކާތަކެތި ޙަރާމެވެ. އަދި ބޯތަކެތިވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެން ހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީ ކިހިނަކުންހެެއްޔެވެ؟".
މި ޙަދީޘަށް ބަލާލުމުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ ދުޢާކުރުމުގެ މުހިއްމު ކަމާއި، ދުޢާ ކުރާއިރު ޙަރާމް ތަކެތީން ދުރުހެލިވެގެން ހުރުމެވެ. އަދި ޙަލާލް ތަކެތި ކައި އުޅުމަށް އަންގަވާފައިވެއެެވެ.
ﷲ ތަޢާލާ ނަމްލު ސޫރަތުގެ 62 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ أَإِلَـٰهٌ مَّعَ اللَّـهِ قَلِيلًا مَّا تَذَكَّرُونَ﴾
މާނައީ: "ނުވަތަ ދަތި އުނދަގޫ ޙާލުޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”
މި ޙަދީޘުން ލިބޭ ފައިދާތައް:
ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވުން
ޙަރާމް ތަކެތި ކެއުމަކީ ދުޢާ އިޖާބަ ނުވާނެ ކަމެއްކަން
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށް ޢަމަލުތައް ބެހެއްޓުން
ޙަލާލް ތަކެތި ކެއުމުގެ މުހިއްމުކަން