ބައެއް މީހުންނަސް ވާހަކައެއް އަޑުއިވުމުން އެވާހަކަ ދައްކަމުން ހިނގަނީ އެކަމުގެ ޙަޤީޤަތް ބަލައިލުމެއް ނެތިއެވެ. އެވާހަކަ ހިފައިގެން ގޮސް ކައިވެނިކޮށް ޒަވާޖީ ޙަޔާތުގެ ބައިވެރިޔާ ގާތުގައި އޭނާގެ ބައިވެރިޔާގެ ވާހަކަ ދައްކާއިރު އެކަމުން ނުކުމެދާނެ މައްސަލަތަކަކަށް ވިސްނައެއް ނުލައެވެ. މިފަދަ ވާހަކަތައް ދައްކާފައި "ނަމަނަމަ އަހުރެން މިވާހަކަ ބުނިކަމަށް ނުހަދަން"ވެސް ބުނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިފަދަ ނުބައި އާދަތައް ދޫކޮށްލާށެވެ! ފުރަތަމަ ކަމަކަށް ކަމެއްގެ ވާހަކަ އަޑުއިވުމުން އެކަމަކާއި ތިމާއާއި ސީދާ ގުޅުން ނެތްނަމަ އެކަމުގެ ތެރެއަށް ނުވަންނާށެވެ! ވަންނަން ބޭނުންވެގެން ވަންނަނަމަ އެކަމުގެ ތެދުކަން ކަށަވަރުކުރަންވާނެއެވެ.
އެގޮތުން އެކަމެއް ކަށަވަރުކުރަން މަސައްކަތްކުރުމަކީވެސް ކުރެވޭ އަޅުކަމެކެވެ. އެކަން އަޅުކަމަކަށްވާ ސަބަބު އެނގޭހެއްޔެވެ؟ އެއީ އެކަންކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. އެއީ ކޮންމެ ކަމެއް ނަމަވެސް އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް އަޅުކަމެކެވެ. ނުކުރަން އަންގަވާފައިވާ ކަމެއް ނުކުރުމަކީވެސް ހަމަ އަޅުކަމެކެވެ.
ދޮގުވާހަކަތައް ފެތުރުމަކީ ކުރެވޭ ފާފައެކެވެ. ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ ފަދަ ވާހަކަތައް ދެއްކުމަކީ ވަކިން ބޮޑު ފާފައެކެވެ. ކުރިން ބުނިފަދަ ވާހަކައެއް ދައްކާފައި ތިމާ ބުނިކަމަށް ނުބުނަން ބުނެލުމުން އަނެކާ ތިބާގެ ނަން ސިއްރުކުރިއްޔާ ތިބާ ކުރީ ފާފައަކަށް ނުވާނީ ހެއްޔެވެ؟ ޢަޛާބު ނުދެއްވަވާނީ ހެއްޔެވެ؟
އެހެނެއް އެކަމެއް ނުވާނެއެވެ. ފާފަވެރިވާނެއެވެ. ޢަޛާބު ދެއްވަވާނެއެވެ. އެކަމުން ސަލާމަތްވެވޭނީ އަނެކާގެ ކިބައިން މާފުހޯދުމުންނެވެ. ވީމާ މިފަދަ ނުބައި ކަންކަން ނުކުރާށެވެ! ދައްކާނެ ވާހަކައެއް ނެތިއްޔާ ކޮންމެވެސް ހެޔޮޢަމަލެއް ކުރުމުގެ ވާހަކަ ދައްކަންވީ ނޫންހެއްޔެވެ؟ އެއިރުން ޘަވާބު ދެއްވަވާނެތެވެ.
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން