ގިނަ ބައަކަށް ޤަބޫލުނުކުރެވުނު ނަމަވެސް ތަފާތު މައްސަލަތައް ކުރިމަތިވެ ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުން ވަރަށް ގިނައެވެ. ކާނެ ރަނގަޅު އެއްޗެއް ނުލިބޭތަނުގައި ބަނޑުފުރެންދެން ކާން ނުލިބޭ އެތައް ބައަކު އެބައުޅެއެވެ.
ތަނަވަސްކަން ލިބިގެން ތިބި ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފަޤީރަކަށް އެހީތެރިވެއްޖެނަމަ އެއީ އަތުން ގެއްލިގެންދާ އެއްޗެއް ކަމަށެވެ. ފަޤީރުން ބެލެހެއްޓުމަކީ ސަރުން ކުރަންޖެހޭނެ ކަމެއް ކަމަށާއި އެކަމުގައި ތިމާގެ އެއްވެސް މަސްއޫލިއްޔަތެއް ނެތް ކަމަށެވެ.
ވިސްނައިލާށެވެ! ފަޤީރުންނަށް ތިމާ އެހީތެރިވެނުދޭނަމަ އެކަން ތިމާކުރިކަމުގެ ޘަވާބެއް ނުލިބޭނެއެވެ. އަދި ތަނަވަސްކަން ހުރެމެ އެހީތެރިނުވިނަމަ އެއީ ﷲ ތަޢާލާގެ އެންގެވުމާއި ޚިލާފްވުމެވެ. އެކަމަށް ޙައްޤުޖަޒާ ދެއްވަވާނެތެވެ! ވީމާ ފަޤީރަކަށް އެހީތެރިވާން ކިތަންމެ ކުޑަ ފުރުޞަތެއް ލިބުނަސް އެފުރުޞަތު ދޫކޮށްނުލާށެވެ! އެކަމުން ލިބެން އޮތް ޘަވާބު ހޯދަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޖޯ އޭނާގެ އާދައިގެމަތިން މަގުމަތީގައި ސަލާންޖަހަން މަދުކޮށްލައިގެން އިންދާ ފެނުނީ ކުރިމަތީގައި ޒުވާން ރީތި، އަގުބޮޑު ހެދުމެއްލައިގެން ހުރި އަންހެނަކު ހުއްޓި ހުއްޓައެވެ. އަންހެން މީހާ އޭނާ އާއި ގާތްވާން ފެށުމުން ދުރަށް ދިއުމަށް ބުނުމުންވެސް އޭނާ އައީ ގާތަށެވެ. އަންހެން މީހާ އޭނާގެ ކިބައިން އެދުނީ ރެސްޓޯރަންޓަކަށް ގޮސް އޭނާ އާއިއެކު ކެއުމަށެވެ.
ޖޯއެ ދައުވަތު ޤަބޫލުކުރަން ބޭނުމެއް ނުވިއެވެ. އެވަގުތު ފުލުހަކު އެތަނަށް އައިސް ވެގެން އުޅޭގޮތް އޮޅުން ފިލުވިއެވެ. އަދި ޖޯ ދޫކޮށް އެތަނުން ދިއުމަށް އަންހެން މީހާއަށް އިރުޝާދު ދިނެވެ. ނަމަވެސް އަނަހެން މީހާ ފުލުސްމީހާގެ ކިބައިން އެދުނީ ޖޯ ރެސްޓޯރަންޓަކަށް ގެންދަން އެހީތެރިވެދިނުމަށެވެ.
ދެމީހުންކުރި މަސައްކަތުން އެންމެފަހުން ޖޯ އެއްބަސްވެ އެމީހުންނާއިއެކު ރެސްޓޯރަންޓަކަށް ދިއައެވެ. ނަމަވެސް ގޮނޑީގައި އިށީނުމުން މެނޭޖަރު ބުނީ އެހައި ހަޑިކޮށް ތިބޭ ފަޤީރުންނަށް ރެސްޓޯރަންޓުން ޚިދުމަތްދިނުމުން ތަނުގެ އަގުވެއްޓޭނެ ކަމަށެވެ.
އެވަގުތު އަންހެން މީހާ އޭނާއަކީ ކާކުކަން ބުނެދިނުމަށްފަހު ކާޑު ދައްކައިލިއިރު އޭނާއަކީ ރެސްޓޯރަންޓް ހިންގާ ކުންފުނީގެ އެންމެ އިސްވެރިޔާއެވެ. ކައިނިމިގެން އަންހެން މީހާ ޖޯއަށް ބުންޏެވެ!
"ޖޯ މިއަދު ހަނދާން ނުހުރެދާނެއެވެ. މިދައްކަނީ މީގެ އަހަރުތަކެއް ކުރީ ދުވަހެއްގެ ވާހަކައެވެ. އަހަރެން ކިޔަވައި ނިމިގެން ވަޒީފާއެއް ހޯދަމުންދަނިކޮށް އަހަރެން އަތުން ފައިސާ ހުސްވުމުން އެޕާޓްމަންޓުން ނެރެ ބޭރުކޮށްލި ދުވަހުގެ ވާހަކައެވެ. އެދުވަހު ކާނެ ފައިސާވެސް ނެތި ވަރަށް ހައިހޫނު ކަމުގައި ހުރެ ޖޯ އާއި މަގުމަތިން ބައްދަލުވެ ކައިލާނެ އެއްޗަކަށް އެދުމުން ޖޯ އަހަރެން ގޮވައިގެން ރެސްޓޯރަންޓަކަށް ގޮސް ކާންދީ ބިލްދެއްކިއެވެ. އަހަރެން ވަރަށް މަސައްކަތުން ޖޯ ހޯދީ އެހެންވެގެންނެވެ.
ޖޯ ހަދަންވީ ގޮތަކީ މިކާޑު ހިފައިގެން ގޮސް އަހަރެންގެ އެޗްއާރު މެނޭޖަރާ ބައްދަލުކުރަންވީއެވެ. ޖޯ ހެދުންގަންނާނެ ފައިސާވެސް ދޭނެއެވެ. ހުރިހާ ކަމެއްވެސް ކޮށްދޭނެއެވެ. އެއްވެސް ކަމަކަށް ބޭނުންވެއްޖެ ނަމަ އަހަރެންގެ ހުރިހާ ދޮރުތަކެއް އަބަދުވެސް ހުންނާނީ ޖޯއަށް ހުޅުވިފައެވެ.
އޭނާއަށް ތަނަވަސްކަން ލިބުނު ގޮތާއިބެހޭގޮތުން ޖޯ ސުވާލުކުރުމުން ކިޔައިދިނެވެ. "އަހަރެން ކުރި މަސައްކަތުން ހަމަ އެދުވަހު ވަޒީފާއެއް ލިބުނެވެ. އެވަޒީފާގައި ހުރެގެން އަމިއްލަ މަސައްކަތެއް ފެށީއެވެ. އެމަސައްކަތް ކުރިއަރައި ތަނަވަސްކަން ލިބުނީއެވެ."
މިއީ ވަރަށް އާދައާއި ޚިލާފް ޙާދސާއެއްގެ ވާހަކައެވެ.، ނަމަވެސް މިއީ ހަމަ ޙަޤީޤީ ވާހަކައެކެވެ. ޙާޞިލުކުރަންވީ ޢިބްރަތަކީ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވމުގެ މުހިންމުކަމެވެ. އެކަމުގެ ފައިދާ މިދުނިޔޭގައިވެސް އެކި ގޮތްގޮތަށް އެކި މީހުންނަށް ލިބިގެންދާ ކަމެވެ. ހަމަ އެއާއިއެކު ކިތަންމެ ފަޤީރު ނަމަވެސް ހިތްވަރާއި ޢަޒުމާއިއެކު މަސައްކަތްކުރުމުން ތަނަވަސްކަމާއި ކުރިއެރުން ލިބޭނެ ކަމެވެ. ﷲ ތަޢާލާ އެމީހަކަށް ކަންކަން ފަހިކުރައްވަވައި ދެއްވަވާނެ ކަމެވެ.