ސިޙުރުގެ މައްސލައަކީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވުމުން ސިޙުރުން ސަލާމަތްވެ ތިބެން ކުރެވިދޭނެ ކަންކަމާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ސިޙުރުހެދުމުގައި އަރާހުރި ސިޙުރުވެރިއަކު އެންމެ ވަރުގަދަ ސިޙުރުހަދާފަ އެތައް ފަހަރަކު ޖިންނި ފޮނުވައިގެން އެއްވެސް ގެއްލުމެއް ނުދެވުނު އަންހެނަކު ކިޔަމުން އައި ޛިކުރުތަކާ ދުޢާތަކެވެ.
ޝައިޚުގެ ބަސްފުޅު:
މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. ދާދިފަހުން ސަޢުދިޢަރަބިޔާގެ ތަބޫކުގައި ހިނގިކަމެކެވެ. ގެއެއްގައި ސިޙުރުހަދާކަމުގެ ޝަކުވާތައް ލިބެންފެށުމުން އެގެއަށްވަދެ ބެލިއިރު ޤަބުރުސްތާނަކަށްވުރެ ކަންތައް ބޮޑެވެ. ނަޖިސްކަން އަދިމާބޮޑެވެ. ސިހުރު ހާއްޔެއް ފަދަތަނެކެވެ. ސިޙުރު ހަދަން ބޭނުންކުރާ އެއްޗެތީގެ ތެރެއިން ނެތް އެއްޗެއް ނެތެވެ.
އެގޭގައި ސިޙުރު ހަދަނީ އަންހެނެކެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ގާތަށް ސިޙުރު ހައްދުވަން ގިނައިން ދަނީ އަންހެނުންނެވެ. އެއިގެ ތެރެއިން ގިނަމީހުން ސިޙުރު ޙައްދުވަނީ އަމިއްލަ ޢާއިލާގެ މީހުންނަށެވެ. އަދި ހެއްދުވި ސިޙުރުގެ ސަބަބުން އަނެކާއަށް ލިބުނު ގެއްލުމުން ސަލާމަތްވިއަނުދިނުމަށްޓަކައި އަހަރަކު، ދެއަހަރުން، 3 އަހަރުން އެ ސިޙުރު އައުކުރަންވެސް ގިނަބައަކު އައުދެއެވެ. ހަމަ އޭނާ އެއްބަސްވި ގޮތުގައި އޭނާ ކިތަންމެ ވަރަކަށް ސިޙުރު ހެދިނަމަވެސް ނުޖެހޭ ބައަކުވެސް ތިބެއެވެ.
އޭނާގެ ފޯނު އަތުލައިގެން އޭނާ ލައްވާ ސިޙުރު ހައްދުވާ މީހުންގެ މަޢްލޫމާތު އޮޅުންފިލުވިއިރު އެއިގެ ތެރޭގައި ޑޮކްޓަރުންނާއި ޕްރޮފެސަރުންވެސް ހިމެނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ އެމީހުން ކިޔައިގެން ތިބި ޝަހާދަތުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
ކޮންމެއަކަސް ލެޔާއި ނަޖިހުން މީހުންގެ ނަންތައް ލިޔެ ހަދާފައިވާ އެތައް ސިހުރެއް އެގެއިން ފެނުނެވެ. ފުލުހުންނަށް އަޅައިގަތް އެއްކަމަކީ އެއްނަމެއް އެކި ގޮތްގޮތަށް ބޭނުންކޮށްގެން 5 ފަހަރު އެކަކަށް ސިޙުރު ހަދާފައިވާ ކަމެވެ. އެހެންވެ އެކަމާއި ގުޅިގެން ސިޙުރުވެރިޔާ އާއި ސުވާލުކުރުމުން ބުނީ އެ އަންހެންމީހާގެ ބޮޑުދައިތަ ބުނެގެން އޭނާއަށް އެނގޭ އެންމެ ނުބައި އެންމެ ބާރުގަދަ ސިޙުރު އެތައް ފަހަރަކު ހަދާފައި އެގެއަށް ޖިންނި ފޮނުވުމުން އެގެއަށް ނުވަދެވުނުތަނުގައި ގެއިން އެއްވެސް މީހަކުވެސް ޖިންނިންނަށް ނުފެނުނުކަމަށެވެ.
އެހެންވެ ތަޙްޤީޤްގެ ތެރެއިން އެއަންހެންމީހާއަށް ފުލުހުން ގުޅައި އެއްވެސް ބާވަތެއްގެ އުނދަގުލެއް ނުވަތަ އާދައާއި ޚަލާފް ކަމެއް ކުރިމަތިވިތޯ ސުވާލުކުރުމުން ބުނީ ވައި ނުވެސް ޖެހޭ ބައެއް ރޭރޭ ދޮރުތަކުގެ ބިއްލޫރިތަޅުވާ ކަމަށެވެ. އަދި ފާޑުފާޑުގެ އަލި ފެންނަ ކަމަށާއި އެއިން އެއްވެސް ކަމަކީ ސިޙުރާއި ގުޅިގެން ހިނގާކަމެއްކަން ކުރިން ވިސްނިފައިވެސް ނެތް ކަމަށެވެ.
އެހިސާބުން ތަޙްޤީޤްކުރިމީހާ އެއަންހެންމީހާގެ ހަށިރައްކަލަކަށްކުރަނީ ކޮންކަމެއްތޯ އޮޅުންފިލުވަން ސުވާލުކުރުމުން ކިޔައިދިނެވެ. "އަހަރެންނަކީ މުދައްރިސަކީމެވެ. ޢުމުރަކީ 32 އަހަރެވެ. ކޮންމެ ދުވަހަކުވެސް 2 އިރު ޛިކުރުކޮށް ދުޢާކުރަމެވެ. ބައެއް ދުޢާތައް ނުކިޔައި ދުލެއް ނުކުރަމެވެ. އެއިގެ ތެރޭގައި މިދުޢާތައް ހިމެނެއެވެ.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
وَمِنْ هَمَزَاتِ الشَّيَاطِينِ، وَأَنْ يَحْضُرُونِ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
'بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ
މީގެ އިތުރުން ދެއިރުވެސް އަލްޙަމްދު 7 ފަހަރު ކިޔަވަމެވެ. ކޮންމެ 3 ދުވަހަކުން ބަޤަރާ ސޫރަތް ކިޔަވައި ނިންމަމެވެ. އާޔަތުލްކުރުސި ކިޔަވަމެވެ. އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް ކިޔަވަމެވެ.
ކޮންމެއަކަސް އެހައި ބާރުގަދަ ސިޙުރުތައް ހަދާފައި ޖިންނިތައް އެތައް ފަހަރަކު ފޮނުވީމާވެސް އޭނާ މިކަންކަންކުރާތީ އެގެއަށް ޖިންނިއަށް ނުވަދެވުނީއެވެ. އަދި އެގެއިން މީހަކުވެސް ނުފެނުނީއެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ. ކިތަންމެ ބުރަކޮށް މަސައްކަތުގައި އުޅެންޖެހުނަސް 2 އިރު ކިޔަންޖެހޭ ޛިކުރުތައް ނުކިޔައި ދޫކޮށްނުލާށެވެ. ފިތުނައިން ފުރިގެންވާ މިފަދަ ޒަމާނެއްގައި މިފަދަ ޙަމަލާތައް އަންނާނީ ކޮން ދިމާއަކުން ކާކުގެ ކިބައިން ކަމެއް ނުއެނގޭނެއެވެ. ސަލާމަތާއި ރައްކައުތެރިކަން ލިބުންވަނީ އެމީހަކު އެކަންކަން ލިބިގަންނަން މަސައްކަތްކުރިވަރަކުންނެވެ.
- ޝައިޚް މުޙައްމަދު އަލްނަޤްވިގެ ދަރުސަކުން