މިލިއަނުން އަގުހުރި ސެންޓް ޖެހިޔަސް ވަސްފިލާނެ! ޙަޤީޤީ ފައިދާއެއް ކުރާނެ އެންމެ މީރުވަސްދުވާ ހުވަނދު ލެވިއްޖެ މީހެއްގެ ގައިން ދުވަހަކުވެސް ވަސްނުފިލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މިލިއަނުން އަގުހުރި ސެންޓް ޖެހިޔަސް ވަސްފިލާނެ! ޙަޤީޤީ ފައިދާއެއް ކުރާނެ އެންމެ މީރުވަސްދުވާ ހުވަނދު ލެވިއްޖެ މީހެއްގެ ގައިން ދުވަހަކުވެސް ވަސްނުފިލާނެ!

ސެންޓްކިޔަސް އަތަރުކިޔަސް ހުވަނދުކިޔަސް މިދައްކަނީ ހަމަ އެއްކަމަކަށް ބޭނުންކުރާ އެއްޗެތީގެ ވާހަކައެވެ. ގައިން މީރުވަސް ދުއްވަން ބޭނުންކުރާ އެއްޗެތީގެ ވާހަކައެވެ. މިލިއަނުން ފައިސާދީފައި ގަންނަ ސެންޓުގެ ވަސްވެސް ކެނޑޭނެއެވެ. ނަމަވެސް އެހުވަނދެއްލެވިއްޖެނަމަ ދުވަހަކުވެސް ގައިން ވަސްނުފިލާނެ ހުވަނދެއްވެއެވެ. ދައްކަން މިއުޅެނީ އެހުވަނދުގެ ޥާހަކައެވެ.

ފަށާނީ ތަންކޮޅެއް ދުރުންނެވެ. މީސްތަކުން ޢާންމުކޮށް ކުރާ ޚަރަދުތަކަށްބަލާއިރު އެންމެ ބޮޑު ހޭދައެއްކުރާ އެއްކަމަކީ ހުވަނދު ގަތުމެވެ. ގިނަ ބައަކު ހުވަނދަށް ލޯބިކުރެއެވެ. ކޮންމެ އަގެއް ދީފައި ގަނެގެންވެސް ލާން ބޭނުންވަނީ އެންމެ އަގުބޮޑު ހުވަނދެވެ. އެތައް ވައްތަރެއްގެ ހުވަނދު ގަނެވޭއިރުވެސް ހިތް ނުފުރޭ މީހުން މަދެއް ނޫނެވެ.

ކިތަންމެ ބޮޑު ހޭދައެއްކޮށްގެންވެސް، ކިތަންމެ ގިނަ ބާވަތުގެ ހުވަނދު ޖަމާކޮށްގެން 4 އިރު 4 ބާވަތުގެ ހުވަނދުލީ ނަމަވެސް ދުނިޔޭގައިލާ އަގުބޮޑު ހުވަނދުން ލިބޭ ހިތްހަމަ ޖެހުމަކީ ވަގުތީ ހިތްހަމަޖެހުމެކެވެ. އެއިގެ ވަސް ފިލާނެއެވެ! ވަސްނުފިލައި ހުންނަ ހުވަނދެއް އަދި އުފެއްދިފައެއް ނުވެއެވެ. އަދި އުފެއްދޭނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ އެއީ ސުވަރުގެއިން ލިބެންއޮތް ނިޢްމަތެކެވެ.

ދުނިޔޭގައި ހުވަނދުލާން ނުލިބުމަކީ މައްސަލައެއް ކަމަށް ނުދެވޭށެވެ! އެހެނީ ތިބާއަކީ ތަޤްވާވެރިއަކަށް ވެވިއްޖެ ނަމަ ތިބާގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ހުވަނދު ހިއްޕަވައިގެންނެވެ. އެ ހުވަނދުން ހުވަނދުލެވިއްޖެނަމަ ދުވަހަކުވެސް ވަހެއް ނުފިލާނެއެވެ. އަދި ނަރަކައިގެ ހޫނުކަން ތިބާގެ ގައިގައި ނުވެސް ބީހޭނެއެވެ! ދާއިމީ މަންޒިލަކަށްވާނީ ސުވަރުގެއެވެ.

ވީމާ ފަޤީރުވުމުގެ ސަބަބުން ހުވަނދު ގަންނަން ނުލިބުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ކިތަންމެ ފަޤީރު ނަމަވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށް ތަޤްވާވެރިއަކަށްވެވިދާނެއެވެ. އެއިރުން ދުވަހަކުވެސް ވަސް ނުފިލާނެ، އިންސާނަކަށް ލިބޭނެ އެންމެ އަގުބޮޑު ހުވަނދު ލިބިގެން އެދަނީ އެކަމަށް އެންމެ ރިޔާލައެއްވެސް އަތުން ހޭދަކުރަން ނުޖެހިއެވެ! ގަދައަޅައި މަސައްކަތްކުރަންވީ އެ ހުވަނދުލެވޭމީހަކަށްވުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން