ދަރަނީގެ ތެރެއިން އެންމެ ނުރައްކާތެރި ދަރަންޏަކީ މީހުންނަށް ކުރާ އަނިޔާއާ ދޭ ހިތްދަތިކަން! އެދަރަނި ދެދުނިޔޭގަވެސް އަރާހަމަކޮށް ގަދަކަމުންނަމަވެސް ބަދަލު އަތުލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދަރަނީގެ ތެރެއިން އެންމެ ނުރައްކާތެރި ދަރަންޏަކީ މީހުންނަށް ކުރާ އަނިޔާއާ ދޭ ހިތްދަތިކަން! އެދަރަނި ދެދުނިޔޭގަވެސް އަރާހަމަކޮށް ގަދަކަމުންނަމަވެސް ބަދަލު އަތުލާނެ!

ތިބާ މީހަކަށް ދޭ ކޮންމެ ދެރައަކީ، ނުވަތަ ގެއްލުމަކީ އަދި އަނިޔާއަކީވެސް ތިބާއަށް ނެގޭ ދަރަންޏެކެވެ. އެދަރަނި ތިބާގެ ކިބައިން ބަދަލުހިފަން އެނބުރި ތިމާއާއި ދިމާއަށް އަންނާނެއެވެ. ނުއެނގޭނީ ކޮން ދުވަހަކު ކަމެވެ. ކިތައް އަހަރު ފަހުން ކަމެވެ.  

އަނެކާ ތިމާއަށްވުރެ ބަލިކަށިކަމަށް ބަލައި ބައެއް މީހުން ޖިސްމާނީ އަނިޔާކުރެއެވެ. އަނެއްބައަކު ކުރަނީ ނަފްސާނީ އަނިޔާއެވެ. ހީކުރެވިފައި އޮންނަނީ އޭނާ ނިކަމެތިވީމާ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ތިމާއަށް ލިބޭނެ ދެރައެއް ނުއޮންނާނެ ކަމަށެވެ.  

ބައެއް ފިރިން އެމީހުންގެ އަނބިންނަށް އަނިޔާކުރަނީ އަދި އަނިޔާވެރިވަނީވެސް ހަމަ މިވިސްނުމުގައި ތިބެއެވެ. އަނބިމީހާ ބަލިކަށިވެފައި ނިކަމެތިވީމާ ކަމެއް ނުކުރެވޭނީ އޭނާއަށެވެ. ނަމަވެސް އޭނާއަށް ތިބާ ދަރާ އެދަރަނި ތިބާގެ އަތުން ލައިގަންނަން ނުވަތަ ބަދަލުހިފަން އެދަރަނި ތިބާއާއި ދިމާއަށް އެނބުރި ނައިސްނުދާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ.  

ތަފާތު ޢިބާރާތްތަކުން މިދެއްކެނީ ހަމަ އެއްވާހަކައެކެވެ. އެއްވެސް މީހަކަށް އަނިޔާވެރިނުވުމުގެ ވާހަކައެވެ. އެއްވެސް މީހެއްގެ ހިތުގަ ޖައްސުވާފައި އަނެކާއަށް އުފަލުގައި ނުހުރެވޭނެ ވާހަކައެވެ. އަނިޔާ ލިބޭ މީހާގެ ދުޢާ ޢިޖާބަކުރައްވަވާނެ ޥާހަކައެވެ. އެކަމަށް ގިނަ ފަހަރު ދުނިޔޭގައިވެސް ބަދަލުދޭންޖެހޭނެ ވާހަކަޢާއި އާޚިރަތް ދުވަހު ބަދަލުނުދީ ސަލާމަތްނުވެވޭނެ ވާހަކައެވެ. 

މިގޮތަށް ވިސްނާށެވެ! ތިމާއަށް ދެރައެއް ލިބެން އެދޭ، ހިތްދަތި ޙާލުގައި އުޅެން ބޭނުންވާ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމަށްވާއިރު ތިމާ އެހެން މީހުންނަށް ދެރަގޮތްތައް ހަދައި ހިތްދަތިކަންދޭން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެހެންމީހުންނަށް ކުރިމަތިވާ ތަކްލީފްތައް ފިލުވައިދީ އުފާކޮށްދޭން މަސައްކަތްކުރާ މީހަކަށްވާށެވެ. އެއިރުން ތިބާ ބޭނުންވާ އުފާވެރިކަން ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން