ޣާފިލް ކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މި ލިޔުމުގައި މިބަލާލަނީ ޤުރްއާން ކިޔެވުމުގެ މައްޗަށެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
"خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري)
މާނައީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެ ޤުރުއާން އުނގައްނައިދޭ މީހާއެވެ.
ކީރިތި ޤުރްއާނަކީ ޝިފާއެކެވެ. އަދި އެފޮތް ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރެވެ. ކީރިތި ޤުރްއާނުގައި އެތައް ވާހަކަތައްވެއެވެ. އެވާހަކަތަކުން އެތައް ޢިބުރަތެއް ލިބެއެވެ. ހިތައް ހަމަޖެހުމާއި، ތަސައްލީއާއި ލައްޒަތު ލިއްބައިދެއެވެ. ޤިޔާމަތް ދުވަހުން ކީރިތި ޤުރްއާނުގެ އަހުލުވެރިންނަށް އެފޮތް ޝަފާޢަތްތެރިވެއެވެ.
ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ﴿٢٨﴾
މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)"
އަދިވެސް ޠާހާ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ
މާނައީ: "އަހަރެން މިޤުރުއާން ތިބާގެ މައްޗަށް ބާވައިލެއްވީ، ތިބާގެ ހިތްދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ."
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ»
މާނައީ: "ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށްވެސް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް އޭގެ ދިހަ ހެޔޮކަން ފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ޙަދީޘެއް ނުކުރައްވަމެވެ. އެހެނަސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ. (އެބަހީ: އެއީ ތިރީސް ހެޔޮކަމެވެ.)"