ތިމާ ދުނިޔޭގަހުރެ ކުރި ހުރިހާ ހެޔޮ ކަމެއް ޤިޔާމަތްދުވަހު ހިސާބު ބައްލަވާ ވަޤުތު ބާޠިލްވެދާނެ ސަބަބަކަށް ތިމާ ގެންގުޅޭ ފޯނާ ލެޕްޓޮޕްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑު!: ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ތިމާ ދުނިޔޭގަހުރެ ކުރި ހުރިހާ ހެޔޮ ކަމެއް ޤިޔާމަތްދުވަހު ހިސާބު ބައްލަވާ ވަޤުތު ބާޠިލްވެދާނެ ސަބަބަކަށް ތިމާ ގެންގުޅޭ ފޯނާ ލެޕްޓޮޕްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑު!: ވައްހާޖް ޠަރިން

އިންސާނުންނަކީ ބަލިކަށިބައަކަށްވުމުން ފަހަރެއްގައި މީހަކަށް ފާފައެއް ކުރެވިދާނެއެވެ! ތައުބާވުމުން އެކަން އެނިމުނީއެވެ! ނަމަވެސް އެކަހެރިވެހުރެ، ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން އެނގިހުރެމެ ފާފަކުރަން ބިރުނުގަންނަ މީހުން މިޙަދީޘްފުޅަށް ބިރުވެތިވާށެވެ! މިދައްކަނީ ތިބާކުޅަ ހެޔޮ އަމަލުތައް އެއީ ބޮޑެތި ބިޔަ ފަރުބަދަތައްހައި ގިނަ ހެޔޮ އަމަލުތަކެއް ކަމުގައިވީނަމަވެސް އެ ޢަމަލުތައް ވަޔަށް ބުރައިގެންދާނީ ހަނޑޫ ފޮޅައިލުމުން ކުނޑިތައް ބުރައިގެންދާ ގޮތަށް ކަމަށް އޮތް ޙަދީޘްފުޅުގެ ވާހަކައެވެ. މިއީ ކާކު ބޭނުންވާނެ ގޮތެއް ހެއްޔެވެ؟ ހަމައެކަކުވެސް އެގޮތް ބޭނުމެއް ނުވާނެއެވެ.  

މިފާހަގަކުރަނީ މިހާރުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަމުންދާ އެކަންތަކެވެ. ދުނިޔޭގައި ހުރެ ބުރަމަސައްކަތުން ކުރާ ހެޔޮ ޢަމަލުތަކުގެ އެއްވެސް ފައިދާއެއް ޤިޔާމަތް ދުވަހުން ނުކޮށްފާނެ ކަމުގެ ބިރު އެންމެ ބޮޑު އެއްމަސަލައިގެ ވާހަކައެވެ.   

ބޮޑެތި ބިޔަ ފަރުބަދަތައްހައި ބޮޑެތި ފުނިފުނިވަރަށް ހެޔޮ ޢަމަލުތައް ހިފައިގެން ޤިޔާމަތް ދުވަހު މަޙްޝަރަށް ދިއަ ނަމަވެސް އެމީހުން ކުރި އެއްވެސް އަޅުކަމެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ބައަކު ތިބޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިއ ކޮންފަދަ ބޮޑު ހިތާމައެއްޔެވެ؟ އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެމީހަކަށް ކުރިމަތިލާންޖެހޭނެ ނިކަމެތި ޙާލަތަށް ވިސްނާށެވެ.  

އެއީ ކޮންބައެއްތޯ ޞަޙާބީން ސުވާލުކުރެއްވެވުމުން ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އެއީ އެމީހުން އެކަނިވާހިނދު ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރުވާ މީހުން ކަމަށެވެ. މާނައަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރާ މީހުންނެވެ.  

އެމީހުންނަކީ ނަމާދުތަކާއި ދަމުނަމާދު ކޮށްފައިވާ ބައަކު ކަމުގައިވީނަމަވެސް އެމީހުންނަށް އޮތީ މިހާލެވެ. މިއީ މިއަދު އަހަރެމެން އެންމެން ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ފޯނު ނުވަތަ ލެޕްޓޮޕް ހިފައިގެން ކޮޓަރިއަށް ވަދެތިބެ ﷲ ތަޢާލާގެ އިންތަކުން ބޭރުވާ މީހުން މި ޙަދީޘްފުޅަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ!  

މިނުކުންނަ މައްސަލައަކީ ﷲ ތަޢާލާއަށް ބިރުވެތިނުވެވުމުގެ މައްސަލައެވެ. ތިބާ އެކަނި ކޮޓަރީގައި އޮންނައިރު ކޮޓަރިއަށް ބުޅަލެއް ވަދެދާނެ ކަމަށްވެސް ތިބާ ބިރުވެތިވެއެވެ! ނަމަވެސް ތިމާ ކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާއިރު އެކަމަށް އެއްވެސް ބިރެއް ނެތުމުން މިޖެހެނީ ކޮންތާކު ހެއްޔެވެ؟ ޢަމަލުން މިދެއްކެނީ ކޮންކަމެއްހެއްޔެވެ؟  

ފޯނާއި ލެޕްޓޮޕްގެ ވާހަކައިން މިސާލު މިޖެހީ އެއީ މިހާރު އެންމެ ގިނަ ބައަކު ﷲ ތަޢާލާގެ އިންތަކުން ބޭރުވުމަށް އެންމެ ގިނައިން ބޭނުންކުރާ ވަސީލަތްކަމަށްވުމުންނެވެ! ޙަދީޘްފުޅުގެ މާނައަކީ އެކަނިވުމުން ކޮންމެ ކަމެއްކޮށްގެން ނަމަވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ އިންތަކުން ބޭރުވުމެވެ! އެކަނިވުމުގެ ފުރުޞަތު ލިބުމުން އެކަނިވެފައި ﷲ ތަޢާލާއަށް އެއްވެސް ބިރެއް ނެތި ފާފަތައް ކުރަމުން ގެންދިއުމެވެ.  

- އުސްތާޛް ވައްހާޖް ޠަރިންގެ ދރުސަކުން

 

 

މިއަދު އޮންލައިން