އިސްތިޚާރާ ކުރަންވީ މީހަކުދެކެ ލޯބިވުމުގެ ކުރިންނެވެ! ކައިވެނިކުރަންވުމަކުން ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
އިސްތިޚާރާ ކުރަންވީ މީހަކުދެކެ ލޯބިވުމުގެ ކުރިންނެވެ! ކައިވެނިކުރަންވުމަކުން ނޫނެވެ!

އިސްތިޚާރާ ކުރުމުގެ އާދަހިފޭނީ ﷲ ތަޢާލާ ގެ ޙަޟްރަތަށް ވަރަށް ބޮޑަށް ލޯބިވެވޭ، އަދި އިތުބާރުކުރެވޭ އަޅުންނަށެވެ. އެފަދަ މީހުން ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްކަން ޔަޤީންކުރަން ބޭނުންވާނެއެވެ. އަދި ތިމާއަށް ކުރެވެން މިއުޅޭ ކަމަކީ ތިމާއަށް ފައިދާހުރިކަމެއްކަން ﷲ ތަޢާލާގެ ޙަޟްރަތުން އެނގެން ބޭނުންވާނެއެވެ. އެކަމަށް އޮތްމަގަކީ އިސްތިޚާރާ ކުރުމެވެ. 

އިސްތިޚާރާ ގެ ވާހަކައަކީ މުސްލިމުންނަށް އައު ވާހަކައެއް ނޫނެވެ. އެންމެން ވެސް ދަންނަ ވާހަކައެކެވެ. އެކަމެއް ފެށުމުގެ ކުރިއަށް އިސްތިޚާރާ ކުރަންޖެހޭ ކަންކަމުގެ ލިސްޓަށް ލޯބިވުންވެސް މިވަނީ އިތުރުކުރަން ޖެހިފައެވެ. އެއީ ލޯބިވެގެން އުޅެންފެށުމަށްފަހު ނުވަތަ ލޯބީގެ ގުޅުން އުފެދުމުން ދެމީހުންނަށް ވަކިވުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ. 

އަހުރެން ލޯބިވެގެން އުޅުން މާނަމިކުރަނީ ލޯބީގައި ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުން ބޭރުވެގެން އުޅުމަކަށް ނޫނެވެ. ހުއްދަކުރެއްވެވި އިންތަކުގައިވެސް އުޅުމަށެވެ. ވީމާ މިބުނި ބަހުގެ މާނަ އޮޅުވާލައިގެން ނުވާނެއެވެ. 

މިރޭގެ ނަޞޭޙަތް މިފަށަނީ ކުޑަކުޑަ ވާހަކައަކުންނެވެ! 

އޭނާ ކައިވެނިކުރީ ވަރަށް ހަގު އުމުރުގައެވެ. އެހެންކަމުން ދީނުގެ ކަންކަމާއި އެހައިގާތެއް ނޫނެވެ! ހޭލުންތެރިއެއްވެސް ނޫނެވެ. އޭނާ ދީނާއި ގާތްވީ އުމުރުން 28 ވަރަކަށް އަހަރުގައެވެ. 30 އަހަރުގައި ކައިވެނި ރޫޅިއްޖެއެވެ! 2 ދަރިންވެސް ތިއްބެވެ! 

އޭނާއަކީ އަތްމަތި ދަތި އަންހެނެކެވެ. މައިންބަފައިންނަކީ ފަޤީރު ބައެކެވެ. ޢާއިލާގައި ވެސް އެހީތެރިވެދެވޭނެ މީހަކު ނެތެވެ! އެހެންކަމުން އޭނާ ހުރީ ހެޔޮލަފާ ފިރިއަކަށް އިންތިހާއަށް ބޭނުންވެފައެވެ. އޭނާ ދިއައީ އެފަދަ ފިރިއަކަށް އެދި ދުޢާކުރަމުންނެވެ. 

އޭނާގެ ތަޤްވާވެރިކަމަށް ބަލައި ކައިވެނިކުރަން ހުށަހެޅުންތައް ލިބުނެވެ. ދަތިޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް އޭނާ އެހުށަހެޅުންތައް ބަލައި ނުގެނެ ކެތްތެރިވީ އިސްތިޚާރާ ކުރުމުން ބަލައިގަންނަން ނުވިސްނުމުންނެވެ.

6 ވަނަ ހުށަހެޅުން އޭނާ ބަލައިގަތެވެ. އިސްތިޚާރާ ކުރުމުން އެކަން ޤބޫލުކުރުމަށް ވިސްނުމުންނެވެ. މިހާރު އެކައިވެންޏަށް މިއީ 30 އަހަރެވެ! ދެމަފިރިން ދިރިއުޅެމުން ގެންދަނީ ހާދަ އުފަލުގައެވެ!" 

ކޮންމެ ކަމެއްވެސް ކުރަން ނިންމަންވާނީ އެކަމަކާއިމެދު ފުންކޮށް ވިސްނައި މަޝްވަރާ ހޯދަންޖެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައެވެ. އިރުއިރުކޮޅުން ބަދަލު ނުގެންނާށެވެ! އެއިރުން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ! ހަރުދަނާވުމަކީ އެއީއެވެ! 

ބައެއް މީހުން ކަންކަން ކުރަން ފެށުމަށްފަހު މީހުން ދޭ ޚިޔާލުތަކަށް ބަލައި އެކަމެއްގައި ކުރިއަށްދިއުން އެބް ހުއްޓާލައެވެ! މީހުން ދައްކާ ވާހަކައަށް ބަލައި އެކަމެއް ކާމިޔާބުނުކުރެވިދާނެ ކަމަށް އެބަ ނިންމައެވެ! 

މިފަދައިން ކަންކަން ކުރާނަމަ ގެއްލިގެން އެދަނީ އަގުހުރި އެތައް ގިނަ ވަގުތުތަކެކެވެ. އެތައް ބައިވަރު ފައިސާތަކެވެ. ބޭކާރުވެގެން އެދަނީ ޢުމުރުގެ ގިނަ ދުވަސްތަކެކެވެ! މިފަދަ ގެއްލުންތަކަކީ ފައިސާއިން އަގުކުރެވޭނެ ކަންކަމެއްވެސް ނޫނެވެ! 

އިސްލާމް ދީނުގައި އޮތީ ވިސްނުންތެރިކަމާއިއެކު ކަންކަން ކުރަންފެށުމެވެ. މިޒަމާނަށް ބަލައިފިނަމަ ދިރިއުޅެން ކުރަން ފަށާ މަސައްކަތްކުރަން ފަށަނީ ފީޒިބިލިޓީހަދައިގެންނެވެ. 

ކިތަންމެ މޮޅު ފީސިބިލިޓީ ރިޕޯޓެއް ހަދައިގެން ކަންކަން ކުރަން އުޅޭއިރުވެސް އިސްތިޚާރާ ނަމާދުކުރާށެވެ! އެއިރުން އެކަމެއްގައި ތިމާއަށް އެންމެ ރަނގަޅު، އެންމެ ފައިދާހުރި ގޮތް ﷲ ތަޢާލާ އެމީހަކަށް އަންގަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

އަހުރެންނަށް ބުނެވެންއޮތީ ކަންކަން ފޭލްވަނީ ހަމައެކަނި ފީސިބިލިޓީ ރިޕޯޓަށް ބަރޯސާވެގެން ކަންކަން ކުރަން އުޅޭތީ ކަމަށެވެ! ފީސިބިލިޓީ ރިޕޯޓަކީ އިންސާނުން ހަދާ ރިޕޯޓެކެވެ. އިސްތިޚާރާ ނަމާދުކުރުން އެކަމެއްގައި ޢަމަލުކުރަންވީ ގޮތް އަންގަވައި ދެއްވަވަނީ ﷲ ތަޢާލާއެވެ! ވީމާ ﷲ ތަޢާލާއަށް އިތުބާރުކުރާށެވެ! ކޮންމެ ކަމެއްވެސް ހިންމަވައިދެއްވަވަނީ ﷲ ތައާލާއެވެ! ޔަޤީންކުރަންވީ އެކަމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން