ކޮންމެފަދަ ޙާލަތެއް ކުރިމަތިވުމުންވެސް ދުޢާކުރުންމަތީގަ ދެމިހުރުމާ ކެތްތެރިވުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ސަބަބެކެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޮންމެފަދަ ޙާލަތެއް ކުރިމަތިވުމުންވެސް ދުޢާކުރުންމަތީގަ ދެމިހުރުމާ ކެތްތެރިވުމަކީ ދުޢާ ޢިޖާބަކުރައްވަވާނެ ސަބަބެކެވެ! އިން ޝާ ﷲ

ލޮބުވެތިއަޚުންނާއިއުޚުތުންނޭވެ! ދުލުން ބުނާ ބަސްތައް އަޑުއިވޭ މީހުން އެވާހަކަ ޤަބޫލުކޮށްފާނެއެވެ! ނަމަވެސް ތިބާގެ ހިތް ދެނެވޮޑިގެންވާ ﷲ ތަޢާލާ އެބަސްތައް ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ތިބާގެ ޙަޤީޤަތް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީއެވެ.  

"އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ." (އަލްބަޤަރާ: 156)   

އަހުރެންނަށް ކުރެވިފައިވާ ތަޖުރިބާއަށް ބަލައި ބުނަމެވެ. މިއާޔަތުގައިވާ ފަދައިން ހަމައެކަނި ދުލުން ނުބެނެ، އެބަހީ މިއީ ހަމއެކަނި ދުލުން ބުނާބަހަކަށް ނުހަދައި ހިތުގެ އަޑިން މިއާޔަތް ޤަބޫލުކުރާ މީހުންނަށް ﷲ ތަޢާލާގެ ރަޙްމަތް އޮހެމުންދާނެއެވެ. އެހެނީ ކޮންމެ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް އޭނާ އެ ވަކީލުކުރަނީ ﷲ ތަޢާލާއަށެވެ! އެފަދައިން ﷲ ތަޢާލާއަށް ލޯބިކުރާ އަޅުން ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ! އެއީ ހަމަ ޔަޤީންކަމެކެވެ.  

ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިވުމަކީ ދުނިޔަވީ ހަޔާތުގެ އެއްބައެވެ. ހަމަ އަބަދުވެސް ހިތްދަތިވާންޖެހޭ ކަންކަން ކުރިމަތިވާނެއެވެ. އެއީ އެމީހާ އިމްތިޙާން ކުރެއްވެވުމަށްޓަކައި އެކަންކަން ކުރިމަތިކުރައްވަވާތީއެވެ. ވީމާ ކިތަންމެ ހިތްދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް ހިތުގެ އަޑިން ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެމީހަކަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ 

ކެތްތެރިކަމަކީ ކިހައި މަތިވެރިކަންބޮޑުކަމެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ކެތްތެރިވާން ބުނުމަކީ ފަސޭހަކަމެކެވެ. ނަމަވެސް ޢަމަލުން އެކަންކުރުމަކީ ގިނަބައަކަށް ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ޙައްލާއިމެދު ވިސްނާލަން އެބަޖެހެއެވެ.  

ހިތްދަތި ޙާލު މެދުވެރިވެގެން ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވުމުން ގިނަ ބައަކު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. އެއީ ހަމަ ކޮންމެ މީހަކަށްވެސް އެކަން ހަމަ ގިނަފަހަރު މެދުވެރިވާނެ ގޮތްވެސްމެއެވެ. އެހެންކަމުން އެފަދަ ޙާލުގައި ވިސްނައިލުން ވަރަށް މުހިންމު ކަމެއްގެ ވާހަކަ މިރޭ ބުނެލާނަމެވެ. 

ކޮންމެ ފަދަ ޙާލަތެއް މެދުވެރިވުމުންވެސް އޮތީ ކެތްތެރިވުންކަން އެންމެންނަށްވެސް އެނގެއެވެ. އެހެންވެ ތިމާ މިހުރީ ކެތްތެރިވެގެންކަމަށް ގިނަ ބައަކު ބުނެއެވެ. ނަމަވެސް މައްސަލައަކީ ދުލުން އެގޮތަށް ބުނި ނަމަވެސް ހިތުން އެކަން ޤަބޫލުނުކުރެވޭ ކަމެވެ. ހިތުން ކެތްތެރި ނުވެވޭކަމެވެ. ދުލުން ބުނާ ބަހާއި ކަމުގެ ޙަޤީޤތް ދިމާނުކުރެވޭ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން