ފަރުޟުކުރެއްވެވި އަޅުކަންކުރުން ވާޖިބުވާ ޢުމުރަށް އެޅުމުން ފަރުޟް އަޅުކަން ކުރުމުގައި ދެމިހުންނަ މީހަކަށްވާން މަސައްކަތްކުރާށެވެ. އެކަމުގެ ފައިދާ ވަރަށް އަވަހަށް ފެންނަން ފަށާނެއެވެ. ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާ މީހުންނަށް ރަވާތިބް ސުންނަތް ކުރަންފެށުމުގެ ހިތްވަރު ލިބޭނެއެވެ. އެހިސާބުން ރޭއަޅުކަމާއި އެހެން ސުންނަތް ނަމާދުތައް ކުރުމުގެ ހިތްވަރުވެސް ލިބޭނެއެވެ. އިން ޝާ ﷲ
ބައެއް މީހުން ހީކުރަނީ ﷲ ތަޢާލާ އާއި ގާތް ވުމަށް މަސައްކަތް ކުރެވޭނީ ވަކި ފެންވަރެއްގެ ބައަކަށް ކަމަށެވެ. ބޮޑެތި ޢިލްމުވެރިންނަށް ކަމަށެވެ. ބޮޑެތި މަހުޖަނުންނަށް ކަމަށެވެ. އަދި ވަރަށް ގިނަ ވަގުތު ލިބޭ ބައަކަށް ކަމަށެވެ. އަދި އެފަދަ މީހުންނަކީ އެމީހުންގެ އަމިއްލަ ގޭގައި ކުދިކުދި މިސްކިތް ހަދައިގެން އަޅުކަން ކުރެވޭނެ ވަރުގެ ޖާގަ އޮންނަންޖެހޭނެ ބައެއް ކަމަށެވެ.
މިއީ ވަރަށް ބޮޑެތި ކުށް ހީކުރުންތަކެކެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވަނީ އެންމެ ދަތި ހާލުގައި ﷲ އާ ގާތް ވުމަށް މަސައްކަތް ކުރާ މީހުންނަށެވެ. އެހެންކަމުން އެއީ ވަކި ފެންވަރެއްގެ ބައަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ.
އެކަމަކު އެއްކަމެއް ފާހަގަކޮށްލާނަމެވެ. ﷲ ތަޢާލާ ބޮޑަށް ލޯބިވެވޮޑިގަންނަވާނީ ކުރިންސުރެވެސް އަޅުކަންކުރަމުން އަންނަނަމައެވެ. އެހެނީ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމަކީ އެއީއެވެ. ބައެއް މީހުން އަޅުކަންކުރަން ފަށަނީ ކޮންމެވެސް މުޞީބާތެއް ޖެހުމުންނެވެ. އެއިރުން އެއީ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެވުނީއެއް ނޫނެވެ. އެހެންކަމާއިއެކުވެސް މުޞީބާތެއް ޖެހުމުންވެސް އަޅުކަންކުރަން ފަށަން ވިސްނުނުކަން އެއީ ލެއްވެވި ރަޙްމަތެކެވެ. އެކަމަސްޓަކައި އުފާކުރާށެވެ. އަދި އެހެން މީހުންވެސް އޭނާއަށްޓަކައި ހެޔޮދުޢާކޮށްދޭށެވެ.
މިސާލަކަށް ތިބާއަކީ ވަރަށް ބުރަކޮށް، ވަރަށް ގިނައިރު މަސައްކަތްކުރަންޖެހޭ މީހަކަށްވެދާނެއެވެ. ބައެއް ވަގުތުތަކުގައި ހަމައެކަނި ފަރުޟު ނަމާދުގެ 4 ރަކްޢަތް ކޮށްލާނެ ވަގުތު ލިބޭ މީހަކަށްވެސް ވެދާނެއެވެ. ކަންބޮޑުނުވާށެވެ. އެފަދަ ވަގުތުތަކުގައި ހަމަ އެކަނި ފަރުޟު އަދާކޮށްލާށެވެ.
ކާރޫބާރޫ އެންމެ ބޮޑު، އާބާދީ އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގެ މަގުމަތިން ފެނުނު މަންޒަރެކެވެ. އިންތިހާއަށް ހޫނު ގަދަ ދުވަހަކު މީހަކު ދިއައީ ދަމާގާޑިޔަލެއް ފުރެންދެން ފިޔާ ބަސްތާތަކެއް ބަރުކޮށްގެންނެވެ. މެންދުރު ނަމާދުގެ ބަންގީގެ އަޑު އިވުމުން އޭނާ ގާޑިޔާ މަގުގެ އެއްފަރާތުގައި ބޭއްވިއެވެ. އަދި ކުޑަ ފެންފުޅިއެއްނަގައި ވުޟޫކޮށްލައިގެން ގާޑިޔާ ކައިރީގައި ނަމާދުކުރީއެވެ. ސަލާމް ދިނުމަށްފަހު ފުންމައިގެން ތެދުވެ ގާޑިޔާ ދަމަން ފެށިއެވެ.
ނިކަން ވިސްނައިބަލާށެވެ! އެއާކޮންޑިޝަން ކޮށްފައިވާ މިސްކިތްތަކުގައި ނަމާދުކުރާއިރު އެތަން ބައްލަވައިވޮޑިގެންވާ އިލާހް، އެމީހާ އެކުރި ނަމާދުވެސް ބައްލަވައިވޮޑިގެންވެއެވެ. އެފަދަ ދަތިހާލުގައިވެސް ބަންގީގެ އަޑަށް ވަގުތުން އިޖާބަ ދީ އޭނާ އެކުރި ނަމާދަށް ﷲ ތަޢާލާ ދެއްވަވާނެ "މާކްސް" ގިނަވާނެ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
އަދިވެސް ނިކަން ވިސްނައިލަބަލާށެވެ! ތިބާގެ ގެއަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެކެވެ. އެކި ސައިޒުން ބޮކިތައް ލައި އަލިކުރެވިފައިވާ ގެއެކެވެ. ނަމަވެސް ތިބާގެ ގެއަކު ކީރިތި ޤްރްއާނުން އެންމެ އަކުރެއްވެސް ނުކިޔަވައެވެ. އަނެކާގެ ގޭގައި އެންމެ ކުޑަމިނުން ކަރަންޓެއްވެސް ނެތެވެ. ބޭނުން ކުރަނީ ފުޅިބައްތިއެވެ. ނަމަވެސް އެގޭގައި ކީރިތި ޤްރްއާން ކިޔަވައެވެ. އެހާލުގައިވެސް ކީރިތި ޤްރްއާން ކިޔަވާ މީހާއަށް ﷲ ތަޢާލާ ދެއްވަވާނެ ސަވާބު ހިތަށް ގެނެވިދާނެއެވެ.
މަރްޔަމް އަކީ ކުޑަކުޑަ 4 ދަރިން ގޮވައިގެން އެކަނި ދިރިއުޅެންޖެހިފައިވާ މައެކެވެ. ތަނެއްގައި ހަމަޖެހި، އިށީނދެލައިގެން އިނދެ ޛިކްރްކޮށްލާނެ އެއްވެސް ވަގުތެއް އޭނާއަކަށް ނުވެއެވެ. އެހާލުގައި މަރްޔަމް މަސައްކަތްކުރަމުން ގެންދާއިރުވެސް އަބަދުވެސް ހުންނަނީ ޛިކްރްކުރުން މަތީގައެވެ. މަރްޔަމްއަށް ދެއްވަވާނެ ސަވާބާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
މީސްތަކުންނޭވެ! މިހާމަކުރީ މިސާލުތަކެކެވެ. އަހަރެމެން އެންމެންވެސް ގަދައަޅައި މަސައްކަތްކުރަންވީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމަށެވެ. ވާދަކުރަން މަސައްކަތް ކުރަންވީ ހެޔޮ އަމަލުކުރުމުގައެވެ. ވަގުތާއި ފުރުޞަތަކީ ހޯދީމައި ލިބޭނެ އެއްޗެކެވެ. އެއްވެސް މީހެއްގެ ފަހަތަކުން ވަގުތާއި ފުރުޞަތެއް ނުއަންނާނެއެވެ. ފަހަތުން ދާންޖެހެނީ ތިމާއަށެވެ.
އެއް ދުވަހު ބައްދަލުވި އަންހެނަކު ބުންޏެވެ. ނިދިން ހޭލީންސުރެ ތަނެއްގައި އިށީނދެ އިނދެލަން ފުރުޞަތު ލިބެނީ ހަމަ އެކަނި ދަރިފުޅަށް ބުއްދޭ ވަގުތު އެކަނި ކަމަށާއި އެ ވަގުތުގައިވެސް ބަލަނީ ވީހައި ގިނައިން ޛިކުރުކުރެވޭތޯ ކަމަށެވެ!
ނިކަން ވިސްނައިބަލާށެވެ! މިހިރީވެސް ހަމަ އިންސާނުން ދިރިއުޅެމުން ގެންދާ ހާލެވެ. އެހާލުގައިވެސް އެމީހުން އެބަލަނީ ވީހައި ގިނައިން ހެޔޮ އަމަލުކުރެވޭތޯއެވެ. ނަމަވެސް ހުރިހައި ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާފައި ތިބޭ ގިނަ ބައަކަށް މިއުޅެނީ ހޭލީންސުރެ ނިދަންވާއިރުވެސް ﷲ ތަޢަލާގެ މަތިން ހަނދާންކޮށްލާނެ ވަގުތެއް ނުވެގެންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ މިވަގުތުން ފެށިގެންވެސް ވިސްނައި ފިކުރުކުރަން ފަށާށެވެ! ކިތަންމެ ދަތި ހާލުގައި އުޅުނު ނަމަވެސް ވީހައި ގިނައިން ހެޔޮ އަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ! އިސާހިތަކު ހިތްހަމަޖެހުން ލިބެންފަށާނެއެވެ! އުފާވެރިކަންވެސް ލިބެން ފަށާނެއެވެ! މަރުވުމުން ލިބޭނެ ނިޢްމަތްތައް އަދި މާގިނަވާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން