ފުރަތަމަކަމަކަށް އޮތީ ބަލިތަކުން ރައްކާތެރިވެ ތިބުމަށް މަސައްކަތްކުރުމެވެ. ބަލިވެއްޖެނަމަ އޮތީ ޝިފާހޯދަން މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ފުރަތަމަ ކަމަކަށްވެސް އޮތީ ރައްކައުތެރިކަމާއި ޝިފާ ދެއްވެވުން އެދިގެން ދުޢާކުރުމެވެ.
އެހެންކަމުން މިގެނެސްދެނީ ބަލިތަކުން ރައްކާތެރިކަން ދެއްވެވުން އެދިގެންނާ ޝިފާ ދެއްވެވުން އެދިގެން ކުރެވިދާނެ ބައެއް ދުޢާތަކާއި ޛިކުރުތަކެވެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ބަލިވުމަކީ އާދަމުގެ ދަރިންގެ މައްޗަށް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެއީ މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެއިލާހު ލައްވާފައިވާ ސަބަބެއްވެސްމެއެވެ. ބަލިތަކަށް ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާ އެވެ.
އިބްރާހީމް علية السلام ވިދާޅުވި ބަސްފުޅު ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ.
﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ [سورة الشعراء 80]
މާނައީ: "އަދި ތިމަންކަލޭގެފާނު ބަލިވުމުން، ބަލި ފަސޭހަކުރައްވަނީ ހަމަ އެއިލާހެވެ."
އެހެންކަމުން ބައްޔެއް ޖެހުމުން ބޭސްވެރިކަމުގެ އެކިއެކި ޙިއްޞީ ސަބަބުތަކުގައި ހިފުމާއެކު، އެބަލިން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުން ގިނަގިނައިން ދުޢާ ކުރަންވާނެއެވެ.
މިގޮތުން ކުރެވިދާނެ ބައެއް ދުޢާތަކަކީ:
1. «اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اِشْفِهِ وَأَنْتَ الشَّافِي، لاَ شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا» [رواه البخاري في صحيحه (5743)]
މާނައީ: "އޭ ﷲ! މީސްތަކުންގެ ރައްބު! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ލައްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހެވެ. އިބަ އިލާހުގެ ޝިފާ ފިޔަވާ އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ (އެއާ ވިދިގެން) ބަލިމަޑުކަމެއް ދޫނުކުރާ ޝިފާއެއްކަމުގައި ލައްވާނދޭވެ"!
2. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ بِاسْمِ اللهِ ثَلَاثًا، وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ» [رواه مسلم في صحيحه 67 – (2202)]
މާނައީ: "ތިބާގެ ހަށިގަނޑުން ތަދު އިޙުސާސްވާ ތަނުގައި އަތް ބާއްވާށެވެ. ދެން 3 ފަހަރު بِسْمِ اللهِ ކިޔާށެވެ. އަދި 7 ފަހަރު أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ މިފަދައިން ކިޔާށެވެ."
ދުޢާގެ މާނައީ: "މިއަޅާއަށް އިޙުސާސް މިވާ ކަންތަކާއި މިއަޅާ ބިރުގަންނަކަމުގެ ނުބައިކަމުން، ﷲ އާއި އެއިލާހުގެ ކުޅަދުންވަންތަކަމުގެ ޛަރީޢާއިން ރައްކާތެރިކަން ތިމަން ހޯދަމެވެ."
މީގެ އިތުރަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީވެސް ބަލިކަތުންނާ އަދި އެހެނިހެން މުޞީބާތްތަކާއި ގެއްލުންތައް އެއްކިބާކޮށްދީ ސަލާމަތް ކޮށްދެނިވި ކަންތައްތަކެކެވެ. މިގޮތުން އަންނަނިވި ޛިކުރުތަކަކީ ހެނދުނާއި ހަވީރު ތިންފަހަރު ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކެކެވެ.
1. «اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ، وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ» [رواه أبو داود في سننه (5090) والبخاري في الأدب المفرد (701) وحسنه الألباني في صحيح الأدب المفرد (542)]
މާނައީ: "އޭ ﷲ! މިއަޅާގެ ހަށިގަނޑަށް ޢާފިޔަތު ދެއްވާނދޭވެ! އޭ ﷲ! މިއަޅާގެ އެހުމުގައިވެސް ޢާފިޔަތު ދެއްވާނދޭވެ! އޭ ﷲ! މިއަޅާގެ ފެނުމުގައިވެސް ޢާފިޔަތު ދެއްވާނދޭވެ! އިބަ އިލާހު މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުން އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށްވެސް އެދި މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އިބަ އިލާހު މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
2. «بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ» [رواه أبو داود في سننه (5088)، والترمذي في جامعه (3388)، وصححه الألباني في تحقيقه لمشكاة المصابيح (2391)]
މާނައީ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމުގައްޔާއި އުޑުގައިވެސް އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
ދުޢާއަކީ ﷲ ތަޢާލާ އަޅަމެންނަށް ދުޅަހެޔޮ ޞިއްޙަތެއްދެއްވައި އެންމެހާ ބަލިތަކުން ދުރުހެލިކޮށްދެއްވުމެވެ
- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ