ޢާއިޝަތު ރަފާޙް ޢަލީ
ތިން ވަނަ ކަމަކަށް މި ބަޔާން ކޮށްލަނީ ޣާފިލްކަމުން ދުރުހެލިވުމަށް ދުޢާ ކުރުމެވެ. އަބަދުވެސް ދުޢާ ކުރުން މަތީގައި ދެމިހުރުމެވެ.
ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ދުޢާ ކުރަން ވާނެއެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
(وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوالِي وَلْيُؤْمِنُوابِي لَعَلَّهُمْ يَرْشُدُونَ )
މާނައީ: "އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ".
ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠުތަކުގެ ތެރޭގައި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ގިނަގިނައިން ދުޢާކޮށް ކަންކަމަށް ﷲ ގެ ޙަޟްރަތުގައި އެދުމަކީ ވަރަަށް މުހިއްމު ކަމެކެވެ. ނަމަވެސް އެކަމުގައި މާޔޫސްވެގެން ނުވާނެއެވެ. ކަމެއްގައި ލަސްވުމެއް އޮތް ކަމުގައިވިޔަސް ކެތްތެރިވެ ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރުން މަތީގައި ދެމިހުރުމަށް ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އަންގަވާފައިވެއެވެ.
(يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ)
މާނައަކީ: "އަޅާ ނުބައިކަމެއް ކުރުން ދޫކޮށްނުލާހުރުން، ނުވަތަ ރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ".
އެހެންކަމުން ޣާފިލްކަމުން ދުރުހެލިވެ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށާއި، ސުވަރުގެ ޙާޞިލް ކުރުމަށްޓަކައި އަބަދުވެސް ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ދުޢާ ކުރުމަށް އަޅުގަނޑުމެންނަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވެއެވެ.