އެކިމީހުން ޙާޞިލްކުރަން ބޭނުންވާނީ އެކިކަންކަމެވެ. އެއިން ކޮންމެ ކަމެއް ޙާޞިލުކުރަން ކުރާނެ ވަކިޚާއްޞަ ޛިކުރެއް ނުވަތަ ޢަމަލެއްވެސް ނެތިދާނެއެވެ. ނަމަވެސް ތިމާ ތިމާ ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް މަގުފަހިކޮށްދޭނެ ޢަމަލުތައް އެބަހުއްޓެވެ. މިބަޔާންކުރަނީ އެފަދަ ކަމެއްގެ ވާހަކައެވެ.
އިލްމު އުނގެނިވަޑައިގަތުމަށްޓަކައި އިމާމު އަޙްމަދު ބުނު ޙަންބަލް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެއްގައި އެއްރެއަކު ރަށެއްގައި މަޑުކޮށްލެއްވިއެވެ. އެކަލޭގެފާނަށް އެރޭ އަވަހާރަފުޅު ލެއްޕެވުމަށްޓަކައި މިސްކިތް ނޫން ތަނެއް ލިބިވަޑައެއް ނުގަތެވެ. އެކަލޭގެފާނު މިސްކިތުގައި އަވަހާރަފުޅު ލެއްޕެވުމަށް ޤަޞްދު ކުރެއްވުމުން އެ މިސްކިތް ބަލަހައްޓަން ހުރި މީހާ އެކަން މަނަޢަ ކުރިއެވެ. އެކި ގޮތް ގޮތަށް އެކަލޭގެފާނު ވާހަކަފުޅު ދެއްކެވުމުންވެސް އޭނާ އެކަލޭގެފާނު މިސްކިތުގައި އަވަހާރަފުޅު ލެއްޕެވުމުގެ ހުއްދަ އެއް ނުދިނެވެ.
އިމާމު އަޙްމަދު ބުނު ޙައްބަލް އަކީ ޢުމުރުފުޅުން ދުވަސްވެފައިވާ ބޭކަލެކެވެ. މޫނުފުޅު މަތިން މަޑުމައިތިރިކަމާއި މާތްކަމުގެ އަސަރުތައް ފައުޅުވޭވޭ ހުއްޓެވެ. އިމާމު އަޙްމަދު ބުނު ޙަންބަލް މިސްކިތުގެ ސިޑިމަތީގައި އަވަހަރަފުޅު ލެއްޕެވުމުގެ އިޒުނައަށް އެދިވަޑައިގަތެވެ. ނަމަވެސް އެމީހާ އެކަމަށް ވެސް ހުއްދައެއް ނުދިނެވެ. އޭނާ ޤަޞްދު ކުރީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އެކަލޭގެފާނު މިސްކިތާއި ދުރުކުރާށެވެ. އަދި އޭނާ އެކަލޭގެފާނު މިސްކިތުން ގަދަކަމުން ބޭރުކޮށްލިއެވެ.
މިސްކިތާއި މާދުރު ނޫން ހިސާބެއްގައި ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ފިހާރައެއްގައި މީހަކު، ޕާން ފިހެ ވިއްކަމުން ދެއެވެ. އެމީހާ އަށް އެމަންޒަރު ފެނުމުން އިމާމު އަޙްމަދު ބުނު ޙަންބަލުގެ އަރިހަށް ގޮސް ދެންނެވިއެވެ. ތިމަންގެ ފިހާރަށް ވަޑައިގެން ފިހާރަ ތެރޭގައި އަވަހާރަފުޅު ލައްޕަވާށެވެ. އޭނާ އެކަލޭގެފާނަށް މާތްކޮށް ހިތައި ގަދަރު ދިނެވެ.
ޕާންފިހާ މީހާ ޕާންފިހަން ބޭނުންވާ ފުއްގަނޑު ތައްޔާރު ކުރަމުން ދިޔައިރު، އިމާމު އަޙްމަދު ބުނު ޙަންބަލްއަށް އެމީހާގެ ކިބައިން އަޖާއިބު ކަމެއް ފާހަގަ ކުރެވުނުވެ. އެއީ ޕާންފިހާ މީހާ ކޮންމެ ކަމެއް ކުރި ކަމުގައިވީ ނަމަވެސް ދުލުން އަސްތަޣްފާރު ކުރަމުންދާ ކަމެވެ. ފުއްގަނޑު މޮޑެމުން، ގުޅަ ހަދަމުން އަދި އެފުއްގުޅައަށް އުނދުނަށް ލަމުން އަދި އުނދުނުން އެ ޕާން ނަގަމުން ވެސް އަސްތަޣްފާރު ކުރަމުން ދިޔައެވެ. މިގޮތުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔައެވެ. އިމާމު އަޙްމަދު ބުނު ޙަންބަލް އެކަމާއި ވަރަށް ބޮޑަށް އަޖާޢިބު ވެވަޑައިގަތެވެ.
ޕާންފިހާ މީހާ އެހާ ގިނަގިއިން އަސްތަޣްފާރު ކުރާ ސަބަބާއި ބެހޭ ގޮތުން އިމާމު އަޙްމަދު ބުނު ޙަންބަލް ހެނދުނު ސުވާލު ކުރެއްވިއެވެ. ޕާންފިހާ މީހާ، އެކަލޭގެފާނަށް ދެންނެވިއެވެ. ތިމަން ވަނީ ކުރާ ކޮންމެ މަސައްކަތެއް ކުރަމުން ވެސް އަސްތަޣްފާރު ކުރުމަށް އާދަވެފައެވެ. އިމާމު އަޙްމަދު ބުނު ޙަންބަލް ވިދާޅުވިއެވެ. ތިކަމުން ތިބާއަށް އެއްވެސް ފައިދާ އެއް ކުރޭ ހެއްޔެވެ؟
ޕާން ފިހާ މީހާ ދެންނެވިއެވެ. އާދޭހެވެ. އަޙްމަދު ބުނު ޙަންބަލް އާއި ބައްދަލުކޮށް ދެއްވުމަށް އެދި ކުރި ދުޢާ ފިޔަވައި، އެކަލާނގެ ތިމަން ކުރި ކޮންމެ ދުޢާއެއް ތިމަންނާއަށް އިޖާބަ ކޮށް ދެއްވިއެވެ. އިމާމު އަޙްމަދު ބުނު ޙަންބަލް ވިދާޅުވިއެވެ. މާތް الله ގަންދެއްވައި ވިދާޅުވަމެވެ. ތިމަން ކަލޭގެފާނަކީ އަޙްމަދު ބުނު ޙަންބަލްއެވެ. އެކަލާނގެ ތިމަން ކަލޭގެފާނު މިސްކިތުން ބޭރަށްލުމަށް މެދުވެރި ކުރެއްވިއެވެ. އެއީ ތިބާގެ ދުޢާ އިޖާބަކޮށް ދެއްވައި އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައި ދެއްވުމަށެވެ. (ނިމުނީ)
- ޝައިޚް މޫސާ އަންވަރު ޙަސަން