އަތްމަތި ދަތިކޮށް ދިރިއުޅެންޖެހުނަސް ލާލިބާހުގަ ފޮތިއަޅަންޖެހުނަސް އެންމެ އުފަލުގަ ދިރިއުޅުމުގެ ފުރުޞަތު ލިބެން އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
އަތްމަތި ދަތިކޮށް ދިރިއުޅެންޖެހުނަސް ލާލިބާހުގަ ފޮތިއަޅަންޖެހުނަސް އެންމެ އުފަލުގަ ދިރިއުޅުމުގެ ފުރުޞަތު ލިބެން އޮތް މަގު-

އަޅުގަނޑުގެ ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް ތަޤްވާވެރިކަން ވަރަށް ކުޑައެވެ. ދުލުން ބުނާ ބަސްތަކުން ހިތްފަޅައިގެންދާންޖެހޭ ޙާލަތު އެތައް ފަހަރަކު ކުރިމަތިވާ ދުވަސްވެސް މަދެއް ނޫނެވެ.

އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތަނަވަސްކަން ލިބިފައިވުމަކީ ދެއްވަވާ ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް ދިރިއުޅުމަށް އެންމެ މުހިންމީ ތަނަވަސްކަމެއް ނޫނެވެ! ތަޤްވާވެރިކަމެވެ. ރިވެތި އަޚްލާޤީ ސިފަތަކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެކަމަށް އުންމީދުކުރަމެވެ.

އެއްބައަކު ބޭނުންވަނީ ތަނަވަސް ބައިވެރިއެކެވެ. މަދުމީހަކު ނޫނީ ތަނަވަސް ނޫން މީހަކާއި ގުޅޭކަށްވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން މިކިޔައިދެނީ ތަނަވަސް ފިރިއަކާއި ފަޤީރު ފިރިއަކާއި 2 ފިރިންގެ ކިބައިން ތަޖުރިބާ ލިބުނު އަންހެނެއްގެ ވާހަކައެވެ.

އޭނާގެ ޒަވާޖީ ހަޔާތުގެ ވާހަކަ ކިޔައިދެމުން ބުނެފައިވެއެވެ.

"އަހަރެން ފުރަތަމަ ކައިވެނި ކުރީ ރަށުގެ އެންމެ ތަނަވަސް ފިރިހެނުންގެ ތެރޭގައި ހިމެނޭ މީހަކާއިއެވެ. އެއީ ތަނަވަސް މީހެކެވެ. ނަމަވެސް ތަޤްވާވެރިކަމުގެ ސިފަ އެއްވެސް ވަރަކަށް ހުރި މީހެއް ނޫނެވެ. 2 ދަރިން ލިބުނު ފަހުން ވަރިވާން ޖެހުނީ ހިތަށާއި ސިކުނޑިއަށް ހަމަ އެއްވެސް ހަމަޖެހުމެއް ނުލިބިގެންނެވެ. ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހުނު ކަންތައްތަކަށް ކެތް ނުކުރެވިގެންނެވެ.

މިހާރު ކައިވެނިކޮށްގެން މިއުޅެނީ ވަރަށް ކުޑަ މުސާރައެއް ލިބޭ މީހަކާއިއެވެ. ދިރިއުޅުމުގެ ކަންކަން އަސާސީ ފެންވަރުގައިވެސް ފުއްދައިލެވެނީ މަދު މަހެއްގައެވެ. އެއިރު ހެދުން ލައި އުޅުނީ އެންމެ އަގު ބޮޑު ފޮތިންނެވެ. މިހާރު މިލަނީ އެންމެ އާދައިގެ ފޭރާމެވެ. ފޮތިމަތީ ފޮތި އަޅައިގެންވެސް އެބަލަމެވެ.

ނަމަވެސް މިހާރުގެ ފިރިމީހާއަކީ ވަރަށް ތަޤްވާވެރި ހެޔޮ ލަފާ މީހަކަށްވުމުން ހިތުގައި ޕެޗްއަޅާކަށް ނުޖެހެއެވެ. ބޭރުފުށުން ރީތިވެފައި އެތެރޭގައި އޮންނަ ހިތުގައި ޕެޗްއަޅައިގެން އުޅެން ޖެހުމުން އެކަމުގެ ވޭން މާބޮޑެވެ. އެހެންކަމުން ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ."

މިފަދަ ކިތަންމެ ހާދިސާތަކެއް ތިއައިން ކޮންމެ މީހަކަށް ވެސް އެނގިފައިވާނެއެވެ. ކިތަންމެ ރައްޓެއްސަކަށް ކުރިމަތިވެފައިވާނެއެވެ. އަދި މިތަނުގައި ތިބި ބައެއް މީހުންނަކީ މިކަން އަމިއްލައަށް ތަޖުރިބާ ކުރެވިފައިވާ ބައަކަށްވެސް ވެދާނެއެވެ.

ދެން ބަލައިލަންވީ މިއަދުގެ ޙަޤީޤީ ޙާލަތަށެވެ! ކަންކަން މިފަދައިން މެދުވެރިވާ ސަބަބަށެވެ!

"ދުނިޔެއަކީ އުފާކުރަނިވި ތަނެކެވެ. ދަންނާށެވެ! ދުނިޔެއިން ތިމާއަށް ލިބޭނެ އެންމެ ހެޔޮ ނިޢްމަތަކީ ޞާލިޙް އަންހެނެކެވެ. (ޢަންތބެކެވެ.)" މިއީ މާތްﷲ ރުއްސުން ލެއްވެވި ޢަބްދުﷲ އިބްނި ޢުމަރުގެ އަރިއަހުން ޞަހީޙް މުސްލިމްގައި ބަޔާން ކުރައްވާފައިވާ ބަސްފުޅެކެވެ.

މިހާރަކަށް އައިސް ކައިވެނި ކުރުމުގައި ގިނަ ބައަކު މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދޭތަނެއް ނުފެއެވެ. ބަލާތަން ފެންނަނީ ބޭރުފުށުގެ ސިފައަށާއި ތަނަވަސްކަން ފަދަ ކަންކަމަށް ކަމުގައި ފާހަގަ ކުރެވެއެވެ.

ބަލައިލަން ރީތި އަންތބަކު ލިބިއްޖެނަމަ ލޮލަށް ހިތްހަމަޖެހުން ލިބިދާނެއެވެ. ނަމަވެސް އެ އަންހެނަކީ ޞާލިޙް، ތަޤްވާވެރިއަކަށްނުވާނަމަ ހިތަށް ލިބެންޖެހޭ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ސިކުނޑިއަށް ލިބެންޖެހޭ ހަމަޖެހުމެއް ވެސް ނުލިބޭނެއެވެ. ހަމައެފަދައިން ތަނަވަސްކަން ހުރި އަންހެނަކު އިޚްތިޔާރުކުރާއިރު އޭނާއަކީ ޞާލިޙް، ތަޤްވާވެރިއަކަށް ނުވެއްޖެނަމަ ގިނަ ފަހަރު ދިރިއުޅުން ވާނީ ގަދަގަނޑަކަށް ޣަރަޤްވެ ރާޅުތަކުގެ ތެރޭގައި ފަތަން ޖެހުން ފަދަ ކަމަކަށެވެ.

މިކަންކަމަކީ ދުނިޔެއިން ފެނި ތަޖުރިބާ ކުރެވެމުން އަންނަ ކަންކަމެވެ. ހިތާމައަކީ ކިތަންމެ ގިނައިން ފެނި ތަޖުރިބާކުރަން ޖެހުނު ނަމަވެސް އެކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.

މިޙަދީޘްފުޅުގައި ބަޔާން ކުރައްވަވާފައި އެވަނީ އަނބިމީހާގެ ވާހަކަ ނަމަވެސް ފިރިއަކު އިޚްތިޔާރުކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. ބޭރުފުށުގެ ސިފައަށާއި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކޮށްފިނަމަ ކަންތައްތައް ދާނީ ހަމަ މިގޮތްތަށް މެދުވެރިވަމުންނެވެ. އެކަން އެންމެންނަށްވެސް އެނގޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަރީގެ މައްސަލަތައް މިހައި ބޮޑަށް އިތުރުވަމުން މިދަނީ މިފަދަ ޙަދީޘްފުޅުތަކަށް ހަމަ އަމަލުނުކުރޭވޭތީއެވެ. ރަސޫލް (ﷺ) ބަޔާންކޮށްދެއްވަވާފައިވާ މިފަދަ ކޮންމެ ކަމަކީ ވެސް ހަމަ ﷲ ތަޢާލާގެ އެންގެވުންތަކެވެ. ވީމާ އަހަރެމެންނަށް ކޮންމެ ކަމެއްގައިވެސް އޮތީ ހަމަ ﷲ ތަޢާލާއަށް ކިޔަމންތެރިކަން އަދާކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން