ސުވަރުގެ ލިބުންވަނީ ސުވަރުގޭގެ ވާހަކަ ގިނައިން ދެއްކި ވަރަކުން ނޫނެވެ! ތަޤްވާވެރިވެ ހެޔޮ އަމަލުކުރިވަރަކުންނެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން ވަނީ ﷲ ތައާލާގެ ވާހަކަދެއްކުމަކުން އެކަންޏެއް ނޫނެވެ! އެވާހަކަ ދައްކަމުން ﷲ ތަޢަލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރިވަރަކުންނެވެ.
މިކަންކަން އެނގޭއިރުވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދުވާލަކު އެންމެ ނަމާދެއް ނުކުރާ މީހުންވެސް ދީނުގެ ވާހަކަތައް ދައްކައެވެ. ސޯޝަލް މީޑިއާގައި ދީނީ ޕޯސްޓްތައް ލިޔެއެވެ. ޝެއާވެސް ކުރެއެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ސުވާލުކުރައްވަވާނީ ނަމާދާއި ބެހޭގޮތުންކަމާއި ނަމާދަށް ރައްކައުތެރިވެވިފައިނުވާނަމަ އެހެން ޢަމަލުތަކުން ކުރާނެ ފައިދާއެއް ނެތްކަން އެނގޭއިރުވެސް ނަމާދަށް ދޭންޖެހޭ ސަމާލުކަމެއް ނުދެއެވެ. އެފަދަ މީހުން ފެތިގެން އެދަނީ ދެއްކުންތެރިންގެ ގޮޅިއަށް ނޫން ހެއްޔެވެ؟
އަހަރެން ނުވަތަ އެހެންވެސް ދީނީ ޢިލްމުވެރިއަކު ފެނުމުން އަވަސް އަވަހަށް ކައިރިއަށް އައިސް ސެލްފީ ނަގާ މީހުން އުޅެއެވެ. އެފަދަ މީހުން ވަރަށް ގިނަވެސްމެއެވެ. ހަނދާނުގައި ބަހައްޓަންވީ ނަގާ ސެލްފީތަކުން ތިމާއަށް ސުވަރުގެ ނުދެވޭނެ ކަމެވެ. ސުވަރުގެ ދެވޭނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކޮށްގެން ކަމެވެ.
އަހަރެމެން މީސްތަކުންނާއި ބައްދަލުކުރާ ބޭނުމަކީ ﷲ ތަޢާލާގެ އެންގެވުންތައް ތިއަ ބައިމީހުންނަށް ކިޔައި ދިނުމެވެ. އޮޅުންފިލުވައިދީ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމެވެ. އެއީ އަހަރެމެންނަށް އަދާކުރަންޖެހޭ ދީނީ ވާޖިބެކެވެ. އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ.
ކިތަންމެ މަޝްހޫރު ދީނީ ޢިލްމުވެރިއަކު ދަރުސެއް ދެއްވި ނަމަވެސް އެ ދަރުސްގެ ފައިދާ ޙާޞިކުކުރެވޭނީ ދަރުސްގައި ބުނެދިން ކަންތައްތަކަށް ތިމާ އަމަލުކުރި ނަމައެވެ. ދަރުސް އަޑުއެހުމަކީ ސުވަރުގެ ދެވޭ ސަބަބެއް ނޫނެވެ. ސުވަރުގެ ދެވޭނީ އެމީހަކު ކުރާ ހެޔޮ އަމަލުތަކުންނެވެ.
މިވާހަކަތައް މިގޮތަށް ދައްކަން މިޖެހޭ ސަބަބަކީ ދަރުސްތައް އަޑުއަހާ މީހުންގެ އަދަދު ގިނަ ނަމަވެސް އަމަލުކުރާ މީހުންގެ އަދަދު މަދުވަމުން އަންނާތީއެވެ. ދަރުސްތަކުގައި ކުރަން ބުނެދޭ ކަންތައްތައް ކުރާ މީހުންގެ އަދަދު މަދުވަމުން އަންނާތީއެވެ. އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަހަރެމެން ވާންޖެހޭނީ އެނގޭ މިނަވަރުން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރާ ބައަކަށެވެ.
ކުރިންވެސް ބުނާފަދައިން މިހާރަކަށް އައިސް ﷲ ތަޢާލާ މަތިވެރިކޮށް ވާހަކަ ދައްކާ މީހުން ބައިވަރެވެ. ނަމަވެސް އެފަދަ ވާހަކަތައް ދައްކާ ގިނަ ބައަކީ ﷲ ތައާލާގެ އެންގެވުންތަކަށް ޢަމަލުކުރާ މީހުންނެއް ނޫނެވެ. ވީމާ އެމީހުން އެދައްކާ ވާހަކަތަކުން އެމީހުންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ވީމާ މިފަދަ ކަންކަމަށް ހޭލުންތެރިވާށެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރާބައަކަށްވާށެވެ. ނޫނީ ތިމާއަށް ދެއްކޭ ވާހަކަތަކަކީ ދެއްކުންތެރި އަމަލުތަކަކަށްވެދާނެއެވެ. ދެއްކުންތެރިކަމުގެ ސިފައަކީ މުސްލިމުންގެ ކިބައިގައި އެއްވެސް ވަރަކަށް ހުރެގެންވާނެ ސިފައެއް ނޫނެވެ.
--މުފްތީ މެންކުގެ ދަރުސަކުން