ޒަވާޖީޙަޔާތް ވޭތިކުރަމުންދާއިރު ކޮންމެފަދަ ޙާލަތެއްވެސް ކުރިމަތިވެދާނެއެވެ. ކިތަންމެ ބޮޑު ނިކަމެތިކަމެއްވެސް ލިބިދާނެއެވެ. ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ. އަދި އެނޫން ކަމެއްވެސް ކުރިމަތިވެދާނެއެވެ. މިފަދަ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިނުލާށެވެ! ބަލިވުމުން ބައިވެރިޔާ އެއްލައިނުލާށެވެ.
މިކިޔައިދޭ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ! މިއީ އަހުރެންގެ ރަޙްމަތްތެރިއަކު ކިޔައިދިން ވާހަކައެކެވެ.
"އަހަރެންގެ އަންހެނުންނަށް ވަރަށް ވަރުގަދަ ސްޓްރޯކެއް ޖެހި އެކުގައި ވަރަށް ބޮޑަށް ވާގިނެތުނެވެ. ބައެއް ޑޮކްޓަރުން އުންމީދު ކަނޑައިލި ކަމަށް ނުބުނަންވެގެން އުންމީދު ވަރަށް ކުޑަކަމަށް ބުންޏެވެ. ބައެއް ޑޮކްޓަރުން ބުނީ ރަނގަޅުވި ނަމަވެސް ރަނގަޅުވާން ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ. ނަމަވެސް އަޅުގަނޑު އެއިން އެއްވެސް ކަމެއް ޤަބޫލެއް ނުކުރަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ.
ހަމަ ކުރިއާއި އެއްގޮތަށް ދަމުނަމާދު ކުރަމެވެ. ފަތިސް ނަމާދުކުރަމެވެ. ނިދީން ހޭލެވުމާއިއެކު ފުރަތަމަ ކަމަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުދަންނަވަމެވެ. އެއީ އަނބިމީހާ އެހާލުގައި އޮތް ނަމަވެސް އަޅުގަނޑާއި ޢާއލާގެ އެންމެން ގަދަވެ ސަލާމަތުން ލަހައްޓަވާފައިވާތީއެވެ. އަދި އެޙާލުގައިވެސް އަނބިމީހާ ދުނިޔޭގައި ލައްވަވާފައިވާތީއެވެ. (ފުރާނަ ނުގެންދަވާތީއެވެ.) ކޮންމެ ދުވަހަކުވެސް ބަނޑުހައިހޫނުކަން ފިލާވަރަށް ރިޒުޤް ދެއްވަވާތީއެވެ. ދެންވެސް ދެއްވަވާފައިވާ ނިޢްމަތްތައް ވަރަށް ގިނައެވެ.
އިމާމްއެވެ. ކެތްތެރިވެ ދުޢާކުރުން އިތުރުކުރީމެވެ! އެޙާލަތުން އަނބިމީހާ ސަލާމަތްކުރައްވަވައި ޝިފާ ދެއްވެވުން އެދިގެން ވަރުބަލިކަމެއް ނެތި ދުޢާކުރީމެވެ. ނަތީޖާ ދަންނަވަންތޯއެވެ! މަސްދުވަސް ނުވަނީސް އަނބިމީހާ ހޮސްޕިޓަލުން ގެއަށް ގެނެވިއްޖެއެވެ. މިހާރު ހިނގައިވެސް އުޅެވެއެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުން ކޮންމެ ދުވަހަކުވެސް ފެންނަނީ އިތުރަށް ރަނގަޅުވަމުން އަންނަތަނެވެ. މިހާރު ކުޑަކޮށް ވާހަކަވެސް ދެކެވެއެވެ!
ޑޮކްޓަރުން މިއަދު ތިބެނީ ފާޑަކަށެވެ. "މިއީ މިކޭސްގަ އުންމީދުވެސް ކުރެވިފަ ނެތް ރިކަވަރީ ސްޕީޑެއް" ކަމަށް އެބަ ބުނެއެވެ. އެމީހުންނަށް ފާޑުކިޔާކަށް ނެތީމެވެ. ﷲ ތަޢާލާ މީހަކަށް ލައްވަވާނެ ރަޙްމަތެއް އެކަކަސްވެސް ނުއެނގޭނެތީއެވެ. ނުވެސް ވިސްނޭނެތީއެވެ."
މިވާހަކަ މިކިޔައިދިނީ އިންސާނުންނަށް ކަންބޮޑުވާންޖެހޭނެ އެތައްކަމެއް ކުރިމަތިކުރައްވަވައި ﷲ ތަޢާލާ އިމްތިޙާންކުރައްވަވާނެ ކަމާއި ކެތްތެރިވެ ފާސްވެއްޖެ ނަމަ ރަހްމަތް އޮއްސަވާނެކަން ބަޔާންކުރުމަށެވެ. އޭނާއަށް ކުރިމަތިވި ބޮޑު ހިތާމައިން ކާމިޔާބު މިންވަރުކުރެއްވެވި ގޮތް ނިކަން ދެކިބަލާށެވެ!
ބައެއް މީހުންނަށް އިމްތިޙާނުގެ މުއްދަތު ކުރުކުރައްވަވައެވެ. އަނެއްބައި މީހުންނަށް އެއަށްވުރެ ދިގުކުރައްވަވައެވެ. ޔަޤީންކަމަކީ އިމްތީޙާނުގައި ކެތްތެރިވެ ޝުކުރުކުރުމުގައި ސާބިތުވެއްޖެ ނަމަ ހީވެސް ނުކުރެވޭ ފަދަ ބޮޑެތި ނިޢްމަތްތައް އިތުރުކުރައްވަވާނެ ކަމެވެ! އިން ޝާ ﷲ
އިސްލާމީ ތިލަފަތުގެ ދަރުސަކުން