އިރުއޮއްސުމުން ދަރިން ބިރުން އުޅޭނަމަ، އަދި މިބުނާ ޒާތުގެ ކަމެއް ކުދިންނަށް ކުރިމަތިވާނަމަ އެއީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
އިރުއޮއްސުމުން ދަރިން ބިރުން އުޅޭނަމަ، އަދި މިބުނާ ޒާތުގެ ކަމެއް ކުދިންނަށް ކުރިމަތިވާނަމަ އެއީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ!

ފުރަތަމަ ކަމަކަށް ފާހަގަކުރާނީ އިރުއޮއްސުމުން ކުދިން ބިރުން އުޅޭނަމައެވެ. އިރުއޮއްސުމަކީ ކުދިން ބިރުގަންނަން ޖެހޭ ކަމެއް ނޫނެވެ. އަދި ނުރައްކަލެއް ނެތް ނަމަ އިރުއޮއްސުމުން ކުދިން ބިރުން އުޅޭކަށް ނުޖެހެއެވެ. އިރު އޮއްސުމުން ކުދިން އާދައާއި ޚިލާފަށް ބިރުން އުޅޭނަމަ އެކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. 

މިޒަމާނުގައި ގިނަ ބައަކު ދިރިއުޅެނީ ފްލެތްތަކުގައެވެ. ދުވާލުވެސް ބޮކިދިއްލައިގެންނެވެ. ވީމާ އިރު އޮއްސުމަކުން އެކަން ކުދިންނަކަށް ނުވެސް އެނގޭނެއެވެ. 

ބައެއް ކުދިން އިރުއޮއްސުމުން އާދައާއި ޚިލާފަށް މަޑުން ތިބެދާނެއެވެ. ވާހަކަދެއްކުން މަދުވެސްވެދާނެއެވެ. އެއްދިމާއަކަށް ބަލަންވެސް އިނދެދާނެއެވެ. ދެދަތްޕިލަ ޖައްސައި ބާރުވެސް ކޮށްފާނެއެވެ. އިރުއޮއްސުމާއިއެކު މިފަދަ ބަދަލުތައް ކުދިންނަށް އަންނަނަމަ އެކަންކަމަށް ސަމާލުކަންދޭންވާނެއެވެ. 

ސަބަބު އެނގޭނީ ރުޤްޔާކުރުމުންނެވެ. ނަމަވެސް މިބުނި ޒާތުގެ ކަންކަން ގިނައިން ކުރިމަތިވަނީ ސިޙުރު، އެސްފީނާ އަދި ޝައިޠޯނުންގެ ކިބައިންނެވެ. އެކަންކަމުން ކުދިން ރައްކައުތެރިކުރަން ކުރަންޖެހޭ ކަންކަން ނުކުރެވޭތީއެވެ. 

މިބާވަތުގެ ކަންކަން ކުރިމަތިވުމުން ޙައްލުކުރަން ކުރެވިދާނެ ކަމަކާއިމެދު ގިނަބައަކު ސުވާލުތައް ކުރެއެވެ. އަހަރެން އެމީހުންނާ ފުރަތަމަވެސް ކުރާ ސުވާލަކީ އަޑުއިއްވައި ތިބާގެ ދުލުން ގޭގައި ބަޤަރާ ސޫރަތް ކިޔަވަންހެއްޔެވެ؟ އަދި އެންމެ ކުޑަމިނުން ކުދިން ލައްވައި ހެނދުނާއި ހަވީރު އާޔަތުލްކުރުސި (3 ފަހަރު) ކިޔަވަމު ހެއްޔެވެ؟ ނިދުމުގެ ކުރިން ކިޔުއްވަމު ހެއްޔެވެ؟ ދެއިރު 3 ސޫރަތް ކިޔުއްވަމުހެއްޔެވެ؟ މިކަންކަމަކީ ކުދިން ކުޑަކަމުން ކުދިން ލައްވައި ނުކުރުވޭނަމަ މައިންބަފައިން ކުރަންޖެހޭނެ ކަންކަމެވެ. 

ބައެއް މީހުން ގޭގައި ބަޤަރާ ސޫރަތް ޖަހާފައި ބަހައްޓައެވެ. ނަމަވެސް އެކަމުން މައްސަލަ ޙައްލެއް ނުވެއެވެ. ޤުރްއާން ކިޔެވުމަކީ ތިމާ ކުރަންޖެހޭ އަޅުކަމެކެވެ. އަޅުކަމެއް ކުރިކަމަށްވާނީ އެމީހަކު އެކަމެއް ކުރުމުންނެވެ. ވީމާ ރެކޯޑިންގ ޖަހާފައި ބަހައްޓަންވީވެސް ތިމާމެން ކިޔަވަމުންނެވެ. އެއީ ކިޔެވުމުގެ އިތުރުން ކުރަން އޮތް ކަމެކެވެ. ހަމައެކަނި ރެކޯޑިންގ ޖަހާފައި ބެހެއްޓުމްކުން ކިޔެވުމުން ކުރާ ފައިދާއެއް ނުކުރާނެއެވެ. ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ!  

ކޮންމެ މީހަކުވެސް ކުރަން އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހެއްގެ ދިރިއުޅުން އުފާވެރިކުރުމެވެ. ދިރިއުޅުން އުފާވެރިކުރުމަށް ދެކަމަކަށް މަސައްކަތްކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ދެވަނަ ކަމަކީ އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. ގިނަ ބައަކު އެއްގެއެއްގައި އުޅޭނަމަ އެންމެންވެސް މިކަންކަމަށް މަސައްކަތްކުރާނެއެވެ. މިވެނި މީހަކު ކުރާތީ ތިމާއަށްވެސް ފުދޭނެކަމަށް ބަލައިގެންނުވާނެއެވެ.

އެސްފީނާ އާއި ސިހުރާއި ޖިންނި ޝައިޠޯނުންގެ ކިބައިން ސަލާމަތްވާން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ދިރިއުޅޭގެއާއި އެއިން އެއްވެސް ކަމެއް ކައިރިވިއަ ނުދިނުމެވެ. އެކަމަށް ވަރަށް ފަސޭހަ މަގެއް ﷲ ތަޢާލާ ވަނީ ދައްކަވައިދެއްވަވައިފައެވެ.

ރަސޫލް () ޙަދީޘްފުކުރައްވަވާފައިވަނީ ބަޤަރާ ސޫރަތް އެގެއެއްގައި ކިޔަވާނަމަ ކިޔަވާމީހާގެ އިތުރުން އެގެއަކަށްވެސް ބަރަކާތް ލައްވަވާނެ ކަމަށެވެ. އަދި އެގެއަކާއި ޖިންނި ޝައިޠޯނުންނަށް ކައިރިވެސް ނުވެވޭނެ ކަމަށެވެ. ހަމައެއާއިއެކު ސިހުރުހާރުއާއި އެސްފީނާގެ އުނދަގޫތަކުން އެ ގެއެއް ސަލާމަތްކުރައްވަވާނެ ކަމަށެވެ. މާނައަކީ މިއިން ކަމެއް އެގޭގެ އަހުލުވެރިއަކަށް ޖެހުނު ނަމަވެސް އެމީހަކު އެކަމަކުން ސަލާމަތްކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ.

ސިޙުރުވެރިންގެ ވާހަކަތަކުން އެނގެނީ އެގެއެއްގައި ބަޤަރާ ސޫރަތްކިޔަވާ ގެއަކަށް ޝައިޠޯނުންނަށް ކައިރިވެސް ނުވެވޭ ކަމެވެ. އަދި އެގެއެއް ޝައިޠޯނުންނަށް ނުވެސް ފެންނަ ކަމަށްވެސް ބުނެއެވެ. ވީމާ އަހުރެމެންނާއި އަހުރެމެންގެ ދަރިންނާއި އަދި ދިރިއުޅޭ ގެދޮރުގެ ރައްކައުތެރިކަމަށްޓަކައިވެސް ގޭގައި ބަޤަރާ ސޫރަތް ކިޔަވަމުން ގެންދާށެވެ. ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

 

މިއަދު އޮންލައިން