ރަންދަރި އިޚްތިޔާރުކުރުމަކީ ކުދިންގެ ހިތުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް ނަފްރަތު އުފެދުމުގެ އިތުރުން ފަހުން މައިންބަފައިންނަށް ކަރުނައަޅަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރަންދަރި އިޚްތިޔާރުކުރުމަކީ ކުދިންގެ ހިތުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް ނަފްރަތު އުފެދުމުގެ އިތުރުން ފަހުން މައިންބަފައިންނަށް ކަރުނައަޅަންޖެހޭ ކަމެއް!

ކުދިން ކުޑައިރު މިކުރެވެނީ ކޮންކަމެއްކަން ނުވެސް ވިސްނޭ ޙާލުގައި ބައެއް ކަންކަން ކުރެވިފައި ހުރެއެވެ. އެއިގެ ތެރޭގައި އަނިޔާވެސް ހިމެނެއެވެ. އަނިޔާގެ ސަބަބުން ލަކުނެއް ލުން ފަދަ ކަމެއްވެސް މެދުވެރިވެދާނެއެވެ. އަދި ވަރަށް ނުބައި ބަސްތައްވެސް ބުނެވިފައި ހުރެދާނެއެވެ.  

އެގޮތަށް ކުދިންނަށް ކުރެވޭ އެއްވެސް ކަމެއްގެ ވާހަކަ ކުދިން ބޮޑެތިވުމުން ކިޔައިނުދޭށެވެ! އެކަންކަން ހަނދާންކޮށްނުދޭށެވެ. ސަބަބަކީ އެފަދަ ވާހަކަތައް ކިޔައިދިނުމުން ހަސަދަވެރިވެވޭތީއެވެ. ލަކުނެއް ލުން ފަދަ ކަމެއް މެދުވެފައިވާނަމަ އެކަންކުރި ކުއްޖާއަށް މުޅި ޢުމުރުގައިވެސް ނަފްރަތުކުރެވޭ ގޮތް މެދުވެރިވާތީއެވެ.  

އެބާވަތުގެ ކަމެއް ދިމާވެފައިވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ބައަކީ މައިންބަފައިންނެވެ. އެހެނީ އެކަން މެދުވެރިވި ސަބަބަކަށްވާނީ ދަރިންނަށް ދޭންޖެހޭ ސަމާލުކަން މައިންބަފައިންނަށް ނުދެވުމެވެ. އެހެންވީމާ އެކަމުގައި ކުދިންގެ އެއްވެސް ކުށެއް ނެތެވެ.  

ދެން އޮތީ ކުދިން ހަނޑާންހުންނަން ފަށާފަހުން އެފަދަ ކަމެއް މެދުވެރިވުމެވެ. އެޙާލަތުގައި މައިންބަފައިންގެ މަސްއޫލިއްޔަތަކަށްވާންވާނީ ކުށްކުރެވުނު ކުއްޖާއަށް ވިސްނައިދީގެން އަނެއް ކުއްޖާގެ ކިބައިން މާފަށް އެދުވުމެވެ. ދެކުދިން ޞުލްޙަކުރުވަން މަސައްކަތްކުރުމެވެ.  

މިކަމުގައިވެސް ބައެއް މައިންބަފައިން ކުދިންގެ މެދުގައި ތަފާތުކުރެއެވެ. ރަންދަރި ކިތަންމެ ގޯސްކަމެއް ކުރިޔަސް އެކަން ކަމަކަސް ނުހަދާއިރު އަނެއް ދަރިފުޅުގެ އަތުން ކިތަންމެ ކުޑަކަމެއް މެދުވެރިވިނަމަވެސް އެކަން ވަރަށް ބޮދު ކަމަކަށް ހަދައެވެ. ކިރިޔާ ކަމެއްވާއިރަށް ރުޅި އައިސް "ކަލޭ އަހަރެންގެ ދަރިފުޅު މަރައިފި!" ކަމަށް ބުނާއިރު އެކުއްޖާއަކީވެސް ތިބާގެ ދަރިއެއް ނޫނީ ހެއްޔެވެ؟  

މިބުނި ގޮތަށް މައިންބަފައިން ޢަމަލުކުރުމުގެ ނަތީޖާއަކަށްވަނީ ދަރިންގެ މެދުގައި ތަފާތުކުރުމުގެ ސަބަބުން ކުދިންގެ ހިތުގައި އެެހން ކުދިންނަށް ނަފްރަތު އުފެދުމެވެ. އަދި މައިންގެ މައްޗަށްވެސް ނަފްރަތުކުރެވުމެވެ. އަދި އެކަން އެކުދިންގެ ކިބައިން ފަހުން ފެނުމުން އެކަމަށްޓަކައި ހިތާމަކުރަން މައިންބަފައިންނަށް ޖެހުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން