ނަމާދުގައި ކިޔާ ކޮންމެ ޛިކުރަކީވެސް މުހިންމު ޛިކުރެކެވެ. ކުރާ ކޮންމެ ދުޢާއަކީވެސް މުހިންމު ދުޢާއެކެވެ. އެހެންކަމާއިއެކުގައިވެސް މިދުޢާއަކީ ވަރަށް ޚާއްޞަ ދުޢާއެއް ކަމަށް މިބުނަނީ ކުރެވިފައިވާ ހުރިހާ ފާފަތަކާއި ކުރެވެންހުރި ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވެވުމަށް މިދުޢާގައި އެދެވޭތީއެވެ.
އަހަރެމެންކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުމާއި ނަރަކައިން ސަލާމަތްކުރެއްވެވުމާއި ސުވަރުގެ ވެއްދެވުން އޮތީ ފާފަތައް ފުއްސަވައި ދެއްވަވައިގެންކަމަށްވާތީއެވެ.
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ، وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ،
وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لَا إِلَعَ إِلَّا أَنْتَ
ދުޢާގައި އެކުލެވިގެންވާ މާނައީ:
"ހައްދަވާ ބޮޑުކުރެއްވެވި ރަސްކަލާކޮ!، ތިމަންއަޅާގެ ފާފަ ފުއްސަވވާނދޭވެ!، ތިމަންއަޅާ އިސްވެ ކުލަހައި ފާފައެކެވެ. ތިމަންއަޅާ ފަސްކުޅަހައި ފާފައަކާއި، ތިމަންއަޅާ ވަންހަނާކުޅަހައި ފާފައަކާއި، ތިމަންއަޅާ، ފައުޅުގައިކުޅަހައި ފާފައަކާއި، ތިމަންއަޅާ އިސްރާފް (ވަކިމިވެނިވަރެއް، މިވެނިގޮތެއްނެތި) ކުޅަހައި ފާފައަކާއި، އެފާފަތައް މިއަޅާގެ ކިބައިން ވީކަން އަޅަށްވުރެ އިނބަރަސްކަލާނގެ ބޮޑަށް ދެނެވޮޑިގެންވާ ފާފައަކާއިއެވެ.
އިނބަރަސްކަލާނގެއީ އިސްކުރައްވާ ކުއްތަން ކުރައްވާ ރަސްކަލާނގެއެވެ. އަދި އިނބަ ރަސްކަލާނގެއީ ފަސްކުރައްވާ ރަސްކަލާނގެއެވެ. އިނބަ ﷲގެ ރަސްކަންފުޅު މެނުވީ އިލާހަކު ނުވެއެވެ."
މިދުޢާއަކީ ރަސޫލް ﷺ ކޮންމެ ނަމާދެއް ނިންނަމަވައި ސަލާމް ދެއްވެވުމުގެކުރިން ކުރެއްވެވި ދުޢާއެކެވެ. ވީމާ އަހަރެމެން ވެސް މިދުޢާކުރަންވާނީ ކުރިން ބަޔާންކުރި ފަދައިން ޚާއްޞަ ސަމާލުކަމެއް ދީގެންނެވެ. އިޚްލާޞްތެރިކަމާއިއެކު މިދުޢާކުރަމުންގެންދާ މީހާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން