ހުންކޮށި ނެގިޔަސް ދުނިޔޭގަ އުޅެވިދާނެތަ؟

ކިޔުމަށް ހޭދަވާނީ 3މ 46ސ
ހުންކޮށި ނެގިޔަސް ދުނިޔޭގަ އުޅެވިދާނެތަ؟

ޢަލީ އިޙްޞާން ފިރާޤް

 

އަޅުގަނޑުގެ ދަރިފުޅުގެ ހުންކޮށި ނަގަންޖެހިފައިވާ ކަމަށް ޑޮކްޓަރުން އެބަބުނެއެވެ. ހުންކޮށްޓާއިބެހޭ ގޮތުން މިއަދުނޫހުގައި ލިޔުނު ލިޔުމެއް ތަންކޮޅެއް ކުރިން ކިޔާފައިވާ ހަނދާނެއް ވެއެވެ. އެލިޔުން އަލުން ގެނެސްދެވިދާނެތޯ؟ 

ކިޔުންތެރިޔާ ތިއަ އެދިލައްވަނީ ތިރީގައިވާ ލިޔުންކަމަށް ފާހަގަކުރެވެއެވެ. މިލިޔުމުން ސާފުވެނުލައްވާ ކަމެއް އޮތްނަމަ އަންގަވާލަދެއްވުމުން އޮޅުންފިލުވައިދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ 

ދިވެހި ބަހުން ހުންކޮއްޓޭ ކިޔަނީ ސްޕްލީން (spleen) އަށެވެ. ހުންކޮއްޓަކީ ރަތް ދަނބުކުލައިގެ ގުނަވަނެކެވެ. މި ގުނަވަން ހުންނަކީ އިންސާނާގެ ވާތްފަރާތު ހައިޕޯކޮންޑްރިޔަލް ރީޖަން (left hypochondriac region) ގައެވެ. މައިދާ (stomach) ގެ ފުރަގަހުގައެވެ. ނުވަވަނަ އަދި ދިހަވަނަ އަރިކަށީގެ ކަށިގަނޑާ އެއް ލެވަލްއެއްގައެވެ. އާންމު އިންސާނެއްގެ ހުންކޮށީގެ ބޮޑު މިނަކީ ގާތްގަނޑަކަށް މުއްކަވައިލީމާ އަތްތިލަ ހުންނަވަރެވެ. 

ހުންކޮށި ވަށައިގެންވަނީ ފައިބްރޯއިލާސްޓިކް ކެޕްސޫލެކެވެ. އެހެންކަމުން ބޭނުންވެއްޖެ ހާލަތެއްގައި ހުންކޮށީގެ ސައިޒު އިތުރުވެގެންދެއެވެ. 

ހުންކޮށްޓަށް ހިތުން ތާޒާ ލޭ ފޯރުކޮށްދޭ ލޭ ހޮޅިއަކީ ސްޕްލެނިކް އާޓަރީ (splenic artery) އެވެ. މި ލޭ ހޮޅިއަކީ  ސިލިއެކް ޓްރަންކް (celiac trunk) އިން ގޮފިވެ އުފެދިފައިވާ ލޭހޮޅިއެކެވެ. ސިލިއެކް ޓްރަންކް އުފެދިފައިވަނީ އެބްޑޮމިނަލް އެއޯޓާއިންނެވެ.  ހުންކޮށީގައި ހުންނަލޭތައް ހުންކޮށިން ބޭރަށް ނުކުމެގެންދަނީ ސްޕްލެނިކް ވެއިން (splenic vein) މެދުވެރިކޮށެވެ. 

ހުންކޮށީގެ ވަޒީފާ:

ހުންކޮއްޓަކީ ސެކަންޑަރީ ލިމްފޮއިޑް (secondary lymphoid organ) ގުނަވަނެކެވެ. އެހެނީ ހުންކޮށިން ލޭ ފުރާނާ ސާފުކޮށްދީ، ލޭގައި ހުންނަ އެންޓިޖެންތައް، ހުންކޮށީގައި ހުންނަ ލިމްފޯސައިޓްތަކަށް ހުށައަޅައެވެ.   ލިމްފޯސައިޓްތައް އެ އެންޓިޖެންތައް ހަލާކުކޮށްލައި ނެތިކޮށްލައެވެ. މިގޮތުން ހުންކޮށީގެ ސަބަބުން ލިމްފޯސައިޓްތައް ފުރިހަމަވެ އެކްޓިވޭޓްވުމަށް ބާރުއަޅައެވެ. ލިމްފޯސައިޓަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ވަރުގަދަ ރޯލެއް އަދާ ކުރާ ސެލްއެކެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ އެއްޗަކާ ދެކޮޅަށް އެންޓިބޮޑީ އުފެއްދުމަށް ބާރުއަޅާ ކޮންމެ މާއްދާއަކަށް އެންޓިޖެން އޭ ކިޔައެވެ.  އެންޓިޖެންގެ ތެރޭގައި ބެކްޓީރިޔާ، ވައިރަސް، ކެމިކަލް އަދި އެނޫން ބާވަތްތައް ހިމެނެއެވެ.

ލޭ ފުރާނާ ސާފުކުރުމުގެ ތެރޭގައި، މުސްކުޅިވެފައިވާ އަދި ހަލާކުވެފައިވާ އެރިތްރޯސައިޓް (erythrocytes) ތައް، (ލޭގެ ރަތް ސެލްތައް)  ރީސައިކަލް ކުރެވެއެވެ.  ޞިއްޙަތު ރަނގަޅު މީހުންގެ، ޖުމްލަ ޕްލެޓްލެޓް (ތްރޮމްބޮސައިޓްސް) ގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ރައްކާކުރެވެނީ ހުންކޮށީގައެވެ.  

މި ލިޔުން ވިދާޅުވާ ބޭފުޅުންނަށް ހުންކޮށީގެ ވަޒީފާ ފަސޭހައިން ހިތްމައްޗަށް ގެނެސް ގަތުމަށްޓަކައި ކުރު ގޮތަކަށް ހުންކޮށީގެ ވަޒީފާ ތިރީގައި މިދަންނަވަނީއެވެ.  

1.   ލިމްފޯސައިޓް އުފެއްދުން

2.   މުސްކުޅިވެފައިވާ އަދި ހަލާކުވެފައިވާ ލޭގެ ރަތް ސެލްތައް ނައްތައިލުން

3.   ލޭ ރިޒާވްކޮށްދިނުން

4.   ދަގަނޑުގެ ބައިތައް ރައްކާކުރުން. ދަނގަނޑު ނުވަތަ އަޔަން އަކީ ހިމަގުލޮބިން އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާއެކެވެ 

ހުންކޮށި ނެގުން: 

ޞިއްޙީ މައްސަލައަކާ ގުޅިގެން ސްޕްލީން އެއްކޮށް ނުވަތަ އޭގެ ބައެއް ސާޖަރީކޮށްގެން ނެގުމަށް ސްޕްލެނެކްޓޮމީ (Splenectomy) އޭ ކިޔައެވެ. ދިފާއީ ނިޒާމުގެ މުހިންމު ވަޒީފާއެއް އަދާކުރި ނަމަވެސް، ހުންކޮއްށި ހިމެނިފައިވަނީ ނޮންވައިޓަލް އޯރގަންސް (non-vital organ) ގެ ތެރޭގައެވެ. އެ ގުނަވަނާ ނުލާވެސް އިންސާނާއަށް ދިރިއުޅެވޭ ފަދަ ގުނަވަނެއްގެ ގޮތުގައެވެ.  ހުންކޮށި ނަގަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ: 

1.   ހުންކޮށި އާދަޔާ ޚިލާފަށް ބޮޑުވުން

2.   ހުންކޮށި ފަޅައިގެން ދިޔުން

3.   ސީރިޔަސް އިންފެކްޝަން އެއްގެ ސަބަބުން

4.   ސިކްލް ސެލް އެނީމިއާ (sickle cell anemia) އާއި އިމިއުން ތްރޮމްބޮސައިޓޯޕެނިކް ޕަރޕޫރާ ( immune thrombocytopenic purpura) ފަދަ ލޭގެ ވަކި ބަލިތަކުގެ ސަބަބުން 

ހުންކޮށި ނަގައިފައިވާ މީހުން ނުވަތަ އުފެދުމުގައި ހުންކޮށި ނުހުންނަ މީހުން ފަސޭހައިން އިންފެކްޝަންތަކަށް  ހުށައެޅެވެ. 

(މިއަދުނޫހުގެ ލިޔުންތެރިޔާ ޢަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން ރާއްޖެއިން ބޭރުގައި ތަޢްލީމް ޙާޞިލުކުރަމުން އަންނަ ދަރިވަރެކެވެ.)

 

 

މިއަދު އޮންލައިން