ޑޮކްޓަރުން އުންމީދު ކަނޑާލި ބައްޕައަކަށް ކުޑަދަރިފުޅު ދިން ބޭސްފުޅިއެއް ބުއިތަނާ ޝިފާ ލިބުނު ގޮތުގެ ވާހަކަ- ދަސްކުރަންވީ އެބޭސްފުޅި ދިނުމުގެ ކުރިން ކުޑަދަރިފުޅު ކުރި ކަންތައް ކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޑޮކްޓަރުން އުންމީދު ކަނޑާލި ބައްޕައަކަށް ކުޑަދަރިފުޅު ދިން ބޭސްފުޅިއެއް ބުއިތަނާ ޝިފާ ލިބުނު ގޮތުގެ ވާހަކަ- ދަސްކުރަންވީ އެބޭސްފުޅި ދިނުމުގެ ކުރިން ކުޑަދަރިފުޅު ކުރި ކަންތައް ކުރަން!

އެއީ ޢުމުރުން 10 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ބައްޕަ އޮތީ ވަރަށް ބަލިޙާލުގައި ހޮސްޕިޓަލުގައެވެ. އެއްދުވަހު ޑޮކްޓަރާއި އޭނާގެ މަންމަ ދެއްކި ވާހަކަ ކުއްޖާއަށް އަޑުއިވުނެވެ. ޑޮކްޓަރު ބުންޏެވެ. "ޝިފާ ލިބޭތޯ ދޭނެ އިތުރު ބޭހެއް ނުވިސްނެއެވެ. ދެން އޮތީ ﷲ ރަޙްމަތް ލެއްވެވުމެވެ." 

ކުއްޖާ ހިތަށް އެރިއެވެ. "ﷲ ރަޙްމަތް ލައްވަވާނެ ބޭސް ޑޮކްޓަރުންނަށް ނުއެނގުނީތާއެވެ. އަހުރެން އެބޭސްހޯދާނަމެވެ." އެވިސްނުމުގައި ހުރެ ކުއްޖާ ހޮސްޕިޓަލް ކައިރީގައި ހުރި ފާމަސީއަކަށް ގޮސްބުންޏެވެ. "އަހުރެންގެ ބައްޕައަށް ﷲ ރަޙްމަތް ލައްވަވާނެ ބޭހެއް ކަލޭމެންނަށް އެނގޭނަމަ ދީބަލާށެވެ." އެހެންބުނެ ބައްޕަގެ ޙާލު ކިޔައިދިނުމުން ފާމަސިސްޓް މަލްޓިވިޓަމިން ސިރަޕްފުޅިއެއް ދީފައި ބުންޏެވެ. "މިއީ ކޮއްކޮ ތިއަ ބުނާ ކަހަލަ ބޭހެކެވެ. އެކަމަކު މިބޭސް ބައްޕައަށް ބޯންދިނުމުގެ ކުރިން މިބޭހުގައި ބަރަކާތް ލެއްވެވުން އެދިގެން ކޮއްކޮ ﷲ އަށް ދުޢާކުރަންވާނެއެވެ. އަދި އެގޮތަށް ދުޢާކުރަން ބައްޕަ ގާތުގައިވެސް ބުނާށެވެ!" 

ކުއްޖާ ބޭސްފުޅި ހިފައިގެންގޮސް ފާމަސިސްޓް ބުނި މަގުން ދުޢާކޮށްފައި ބޭސްފުޅި ބައްޕައަތަށް ދެމުން ބުންޏެވެ. "ބައްޕާއެވެ! މިބޭސް ބޯށެވެ! ބައްޕަ ގަދަވާނެއެވެ." އެއީ ކޮންގޮތަކުން ހޯދި ބޭހެއްތޯ ދަރިފުޅާއި ސުވާލުކުރުމުން ބޭސްފުޅި ހޯދިގޮތް ކިޔައިދިނެވެ. ދަރިފުޅު އެހައި ބުރަމަސައްކަތުން ހޯދިބޭސްފުޅިއަކަށްވުމުން ބައްޕަ އެބޭސްފުޅިން ބޭސް ބޮއެ ފުޅި ހުސްކޮށްލިއެވެ. 

ނަތީޖާ ފެނިގެންދިއައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ބޭސްފުޅި ހުސްވިތަނާ ބައްޕައަށް ޝިފާލިބެންފެށީއެވެ. މަޑުމަޑުން ގޮސް ގަދަވެ ގެއަށްވެސް ދެވުނީއެވެ. ޢާންމު ދިރއުޅުމެއްވެސް އުޅެން ފެށުނީއެވެ. 

އެއްރޭ ކާން ތިބެފައި ކުއްޖާ ބުންޏެވެ. "ބައްޕާއެވެ. އެޑޮކްޓަރަށް ނުއެނގުނީއެވެ. ބައްޕައަށް ބޭސްދިނުމުގެ ކުރިން ﷲ އަށް ދުޢާކުރަން ނުބުނަނީ ނުއެނގޭތީ ނޫން ހެއްޔެވެ؟ ޑޮކްޓަރަށްވުރެ ފާމަސިސްޓް މާމޮޅެއް ނޫންހެއްޔެވެ؟" 

ވިސްނާށެވެ! އެކުއްޖާގެ ފެންވަރުން އެކުއްޖާ އެބުނީ ހަމަ ކަމުގެ ޙަޤީޤަތެވެ. ބަލިވުމުން ޝިފާހޯދަން މަސައްކަތްކުރާއިރު ގިނަބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމަކީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ދުޢާކުރުމެވެ. ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރުމެވެ. 

އަޅުގަނޑަކީ ދީނީ ޢިލްމްވެރިއެއް ނޫނެވެ. ވީމާ ދައްކާނެ މާގިނަ ވާހަކަތަކެއް ނުއެނގެއެވެ. ނަމަވެސް މިވާހަކަކޮޅު ސޯޝަލް މީޑިއާއިން ފެނުމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން