އިންސާނުންގެ ސަލާމަތާއި ރައްކައުތެރިކަންވެސް އަދި ކާމިޔާބީވެސް އެންމެ ބޮޑަށް ގުޅިފައިވަނީ އެމީހެއްގެ ދުލާއިއެވެ. އެކަމަކުވެސް ދުލަށް ނުވަތަ ދޫރައްކައުތެރިކުރުމަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ވަރަށް މަދުމީހަކަށެވެ. މިއީ ވަރަށް ދެރަކޮސް ކުރެވޭ ކަމެކެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބައަކު ހެޔޮ ޢަމަލުތައްކުރެއެވެ. ކައިހަދަނީ ޙަލާލްތަކެއްޗެވެ. ތިބެނީ ޙަރާމް ކަންކަން ކުރުމާއި ދުރުހެލިވެގެންނެވެ. އެހެންކަމާއިއެކުވެސް ގިނަބައަކަށް ސަމާލުކަން ނުދެވޭ ކަމެއް އެބައޮތެވެ. އެއީ އެމީހާގެ ދޫ ރައްކައުތެރިކުރުމެވެ.
އަބުޙުރައިރާ އާއި ޤުޠަދާގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. ވަރަށް ގިނައިން އަޅުކަންކުރަމުން ދިއަ އަޅުވެރިއަކު ވަރަށް ގިނަ ފާފަފަކުރާ މީހަކަށް ނަޞޭޙަތްދީދީވެސް ހުއްޓައިނުލުމުން ދެމީހުންގެ މެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން "ކަލެއަށް ދުވަހަކުވެސް ﷲ ތަޢާލާ ޢަފޫ ނުކުރައްވަވާނެ" ކަމަށް ބުނީތީ އެ އަޅުވެރިޔާ ބަރަކައަށް ލެއްވެވި ވާހަކައެވެ.
މިއީ އަހަރެމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. ފާފަކުރާނަމަ އެމީހަކަށް ނަޞޭޙަތްތެރިވާށެވެ. ނަމަވެސް އެއްވެސް މީހަކަށް ސުވަރުގެ ނުވައްދަވާނެ ކަމަށް ނުބުނާށެވެ. އެންމެ ބޮޑެތި ފާފަތައް ކުރަމުން އައި މީހުންވެސް ތައުބާވުމުން ﷲ ތަޢާލާ ވަނީ ސުވަރުގެ ވައްދަވައިފައެވެ. ސުވަރުގެ ވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
އެހެނެއްކަމަކު އެފާފައެއް ކުރުމުން ސުވަރުގެ ނުވައްދަވާނެކަމަށް ޤުރްއާނާއި ޙަދީޘްފުޅުން އެނގެން އޮތް ފާފައެއް އެއްވެސް މީހަކުކުރާނަމަ އެއީ އެފަދަ ބޮޑުފާފައެއް ކަމަށް ބުނެދޭށެވެ. އެއީ މުޅިން ތަފާތު މައްސަލައެކެވެ.
ބުނެލަން ބޭނުންވަނީ ޙަރާމް ތަކެއްޗާއި ޙަރާމްކަންކަން ކުރަން ބިރުވެތިވާ ފަދައިން ދުލުން ބުނެވޭ ބަސްތަކަށްވެސްވެސް ފަރުވާތެރިވާންވާނެއެވެ. ދުލުން ބުނަންވާނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ބަސްތަކެވެ. ބުނެވޭ ހަމަ އެންމެ ބަހަކުންވެސް މީހާގެ ދެދުނިޔެ ގެއްލިގެން ހިނގައިދާނެއެވެ! މިބަޔާންކުރި ޙަދީޘްފުޅުން އެއޮތީ އެކަން ވަރަށް ރަނގަޅަށް އެނގޭށެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން