ސޯޅަ އަހަރުގަ މަރުވި އަންހެންކުއްޖެއްގެ ޖަނާޒާއަށްފަހު މައިންބަފައިންނަށާ ޢާއިލާގެ މީހުންނަށް ކަރުނައަޅަންޖެހުނު ދުވަހެއް! ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ މައްސަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
ސޯޅަ އަހަރުގަ މަރުވި އަންހެންކުއްޖެއްގެ ޖަނާޒާއަށްފަހު މައިންބަފައިންނަށާ ޢާއިލާގެ މީހުންނަށް ކަރުނައަޅަންޖެހުނު ދުވަހެއް! ބެލެނިވެރިން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ މައްސަލަ!

ދާދިފަހުން ހިނގައިދިއަ ކަމެކެވެ. އެއީ 16 ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު މަރުވެގެން ވަޅުލެވުނު ދުވަހެކެވެ. ގިނަ ބައަކު ޖަނާޒާގައި ބައިވެރިވިއެވެ. ޖަނާޒާގެ ކަންކަން ނިމުމުން ގިނަ ބައަކު އެތަނުގައި ތިބެގެން ހިތާމަ ފައުޅުކޮށް ވާހަކަދެއްކިއެވެ. 

އެތަނުގައި ހުރި އެކުވެރިއަކު އެއްފަރާތަށް ޖެހިލާފައި ބުންޏެވެ. "އަހުރެން މިއަދުނޫސް ކިޔަމެވެ. އެހެންވެ ބުނެލަން ބޭނުންވާ ވާހަކައެއް އެބަ އޮތެވެ. އަހުރެންނަކީ ނިޔާވި ކުއްޖާގެ ބޮޑުބޭބެއެވެ. ކޮއްކޮގެ މަންމަ ޢާއި ބައްޕަ އަކީ އަޅުގަނޑުމެން ދައްކާ ވާހަކަ ޤަބޫލުކުރާ ބައެއް ނޫނެވެ. އެހެންވެ އެމީހުން މިއަދު އެތިބީ ވަރަށް ދެރަވެފައެވެ. އެއީ ޢުމުރުން މިހައި ދުވަސްވެ ކުއްޖާ ނަމާދަށް ދަރަމުން އަންނަތާ 7 އަހަރުވީއިރުވެސް ކުއްޖާ ލައްވައި ނަމާދެއް ނުކުރުވައެވެ. އަޢުރަ ނިވައެއް ނުކުރެއެވެ. ގެންގުޅުނީ އެންމެ ޒަމާނީ ހެދުންކޮޅުތައް ލައްވައިގެންނެވެ. 

އެކަމުގައި ކުއްޖާގެ ކުށަށްވުރެ ބޮޑީ މައިންބަފައިންގެ ކުށް ނޫން ހެއްޔެވެ؟ އެކަންކަން އެގޮތަށް މެދުވެރިއެވީ އެކަމަށް މައިންބަފައިން ސަމާލުކަން ނުދިނުމުންކަމަށްވާތީއެވެ. މިކަމަށް ހޭލުންތެރިކުރުވަން މިއަދުނޫހުގައި ލިޔެފައި ހުންނަ ލިޔުންތައް ކިޔާތީ އެކަމުގެ ފައިދާ ކުރެއެވެ. ކިޔާ އެންމެންނަށްވެސް ފައިދާ ކުރާނެއެވެ. އަހުރެން އެދެނީ ވީހާ ގިނައިން އެބާވަތުގެ ލިޔުންތައް ޝާއިޢުކުރުމެވެ. މާތް ﷲ ހެޔޮ ރަޙްމަތް ލައްވަވާނެތެވެ." 

މިއީ ކިޔުންތެރިއަކު ބުނެފައިވާ ބަސްކޮޅެއް އޭނާ ބުނި ގޮތަށެވެ. މިކަމަކީ ހަމައެންމެންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ބާލިޣްވުމުން ކޮންމެ ކުއްޖަކުވެސް ދާނީ ނަމާދަށް ދަރަމުންނެވެ. އަދި އަންހެންކުދިން ބުރުގާ ނުއަޅާނަމަ އެކަން ނުކުރިކަންވެސް އޮންނާނެއެވެ. ނަމަވެސް އެޢުމުރުގެ ކުދިންނަށް އެކަންކުރެވޭނީ މައިންބަފައިން އެކަން ކޮށްދިނީމައެވެ. އެކަމުގައި ކުދިންގެ މާބޮޑު ބާރެއް ނުއޮންނާނެއެވެ. ހަމައެގޮތަށް ކުދިންނަކީ ނަމާދުކުރާ ކުދިން ކަމުގައި ވާނީވެސް މައިންބަފައިން އެކަމަށް ސަމާލުކަންދީ ކުދިން ތަރުބިއްޔަތުކުރުމުންނެވެ. 

ގިނައީ ޢުމުރުން ދުވަސްވާފަހުން މަރުވާ މީހުން ނަމަވެސް ހަގު ޢުމުރުގައިވެސް މަރުވެއެވެ. އެފަދަ މަދުކުދިންގެ ތެރޭގައި ތިމާގެ ދަރިފުޅުވެސް ނުހިމެނޭނެކަން އެނގެނީ ކާކަށް ހެއްޔެވެ؟ ވީމާ ތިމާއާއި ދަރިފުޅުގެ އާޚިރަތަށްޓަކައިވެސް މިފަދަ ކަންކަމަށް މައިންބަފައިން ހޭލުންތެރިވާން އެބަޖެހެއެވެ. 

ދަރިންނާއި ސުވަރުގެއިން ބައްދަލުކުރަން އެދޭނަމަ ﷲ ތައާލާ އަންގަވާފައިވާ މަގުން ޢަމަލުކުރާށެވެ! ދަރިންނަކީ ނަމާދުކުރާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! ދަރިންލައްވައި ނަމާދުކުރާށެވެ! މައިންބަފައިންވެސް ނަމާދުކުރާށެވެ! އަންހެންދަރިންގެ އަޢުރަ ނިވާކުރުވާށެވެ! މައިމީހާވެސް އަޢުރަ ނިވާކުރާށެވެ!  

ތިރީގައިވާ 2 ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އެއްވެސް މީހެއްގެ ޢުމުރަކީ އެނގޭނެ އެއްޗެއް ނޫނެވެ. މަރުވާނީ ކޮން ވަޤުތަކު ކަމެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ދަރިން ކުޑައިރު ދުނިޔެދޫކުރަންޖެހޭ މައިންބަފައިންވެސް މަދެއް ނޫނެވެ. އެފަދަ ޙާލަތުގައި ދަރިންނަށް ލިބޭ މާޔޫސްކަން ބޮޑުވެ ދުނިޔެ މަތިން ފޫހިވެއެވެ. ކިޔަވަންވެސް ފޫހިވެއެވެ. އެކަމުގެ ސަބަބުން ބައެއްކުދިންނަށް ނަފްސާނީ ބައްޔަކަށްވެސް އެބަވެއެވެ. 

ވީމާ ކުދިންގެ ޢުމުރާއި ގުޅޭ ގޮތުން މިއީ ހޭލުންތެރިކަން އިތުރުކުރުވަންޖެހިފައިވާ ކަމެކެވެ. މިކަމުން ދަރިންނަށް އިތުރު ފައިދާއެއްވެސް ކުރާނެއެވެ. އެއީ ކުއްޖަކަށް ކުރާނެ އެންމެ ބޮޑު ފައިދާއެވެ. އެފައިދާ އެހައި ބޮޑު ފައިދާއަކަށްވަނީ ކޮންމެ ކުއްޖަކީވެސް ހަމަ ކޮންމެ ޢުމުރެއްގައިވެސް މަރުވެދާނެ ކުއްޖެއްކަން ކުދިންނަށް ޤަބޫލުކުރެވުމެވެ. 

ވީމާ މަރާއިމެދު ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރަންވާނެއެވެ. އަހަރެމެން ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް މަރުވެދާނެ މީހަކުކަން ޤަބޫލުކޮށް އެތަމަށް ތައްޔާރުނުވެވޭނަމަ އަހަރެމެންނަކީ ފޭލްވެފައިވާ ބައެކެވެ. 

މިގޮތުން ނީހައި ގިނައިން ކުދިން ޖަނާޒާތަކަށް ގެންދާށެވެ. އެއިރު މަރުވެގެން ވަޅުލެވެނީ މުސްކުޅިވުމުން އެކަނި ނޫންކަމާއި ތިމާއާއި ތިމާއަށްވުރެ މާހަގުކުދިންވެސް މަރުވާކަމާއި މަރުވުމުން ވަޅުލެވޭކަންވެސް ވިސްނޭނެއެވެ. އަދިކިއެއްތަ އެއީ އެކުދިން ބޮޑެތިވުމުން ޖަނާޒާތަކުގައި ބައިވެރިވަން އާދަވާނެވެސް ކަމެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައި ލިޔުމަކީ މިމައުޟޫއާއި ވަރަށް ގުޅުންހުރި ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ. މިއީ މީގެ 2 އަހަރު ކުރިން ހަމަ އަޅުގަނޑުމެންގެ ތެރޭގައި ހިނގައިދިއަ ކަމެކެވެ.   

ބައްޕަ އާ ކުޑަބެއާ ވެސް އިރާދަކުރެއްވިއްޔާ ސުވަރުގެއިން ބައްދަލުވާނެ!: ސަނޫންގެ ދަރިފުޅު 

"އިރާދަކުރެއްވިއްޔާ ބައްޕައާއި ކުޑަބެއާއި ވެސް ސުވަރުގެއިން ބައްދަލުވާނެ! އަހަރެމެން އެންމެން ވެސް ސުވަރުގެ އިން ބައްދަލުވާނެ!" މިއީ  ކުރީ ރޭ ކުއްލި ގޮތަކަށް ނިޔާވި ފްލައިމީގެ ޒުވާން ޕައިލެޓް، ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަޞީރުގެ ދަރިފުޅު އޭނާގެ ބައްޕަ ނިޔާވިކަން އެނގުމުން ބުނެފައިވާ ބަސްކޮޅެކެވެ. 

މިކަމުން ވެސް އެނގިގެންދަނީ ސަނޫން ނަޞީރު އާއި އޭނާގެ އަނބިކަނބަލުން އެދެމަފިރިންގެ 7 އަހަރުގެ ކުޑަ ދަރިފުޅު ތަރުބިއްޔަތުކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމެވެ. އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވައިދީގެން ކަމެވެ. 

ސަނޫންގެ ކޮއްކޮ، ދަރިފުޅުގެ ކުޑަބެ ވަނީ ދާދިފަހުން ކުއްލިގޮތަށް ނިޔާވެފައެވެ. އެކަމުގެ ކަންކަން ވެސް ހިނގައިދިއައީ ހަމަކުއްޖާގެ ކުރިމަތީގައެވެ. އެހެންކަމުން ޢާއިލާއިން ވަނީ ކޮންމެ ވަގުތަކުވެސް ކޮންމެ މީހަކުވެސް މަރުވެދާނެ ކަމާއި ކުރަން އޮތް ކަމަކީ ސުވަރުގެއިން ބައްދަލުކޮށްދެއްވެވުން އެދި ދުޢާކުރުންކަން ވިސްނައިދީފައެވެ. އެއިގެ އިތުރުން ުވަރުގެއިން ބައްދަލުވާނީ ދުނިޔޭގައި ކޮން ގޮތަކަށް އުޅުމުންކަން ވެސް ވަނީ އަނގައިދީފައެވެ. ބައްޕަ (ސަނޫން) ނިޔާވުމުންވެސް ދަރިފުޅަށް އެހައި ސާބިތުކަން އެ ލިބުނީ އެ ތަރުބިއްޔަތުގެ ސަބަބުންނެވެ.   

މިއީ މިއަދު އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާކަމެކެވެ. ދަރިންގެ އުމުޜާއި ގުޅޭގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިދީ ﷲ ތަޢާލާ އަށާއި އިސްލާމް ދީނަށް ދަރިންގެ ހިތްތަކުގައި ލޯބި ޖައްސުވަން މަސައްކަތްކުރުމުގެ ފައިދާ މިފަދަ ކަންކަމުން މިދަނީ އެނގި ހާމަވަމުންނެވެ.

މިއަދު އޮންލައިން