ﷲ ތަޢާލާގެ ޙަޟްރަތަށް ވަންހަނާވާނެ އެއްވެސް ކަމެއް ނެތެވެ. އެންމެން ކުރާ ހުރިހާ ކަންކަން ދެކެދެނެވޮޑިގެންވެއެވެ. އެއްވެސް މީހަކު އިސްތިސްނާވުމެއް ނެތި އެންމެން އުޅޭ ޙާލުވެސް ދެކެދެނެވޮޑިގެންވެއެވެ. އެކަން ޤަބޫލުނުކުރެވި ބިރުވެތިނުވެވެނީ އަޅުތަކުންނަށެވެ.
ތިމާއަށް ދަތިޙާލެއްގައި އުޅެން ޖެހުމުން ބައެއް މީހުންނަށް ބުނެވެއެވެ. "އަޅެ އަހުރެންނަށް މިހައި ދަތިޙާލުގައި ދިރިއުޅެންޖެހިފައިވާކަން ﷲ ތަޢާލާ ދެނެވޮޑިގެން ނުވަނީ ހެއްޔެވެ؟" މީސްތަކުންނޭވެ މިފަދަ ވަސްވާސްތައް ހިތަށް ވަނަނުދޭށެވެ. މިއީ ކަނޑައެޅިގެން ޝައިޠޯނާ ތިބާގެ ހިތަށް ވައްދުވާ ވަސްވާސްތަކެވެ.
އަނެއްބައަކު އެބަ ބުނެއެވެ. "ﷲ ތަޢާލާ އަހރެން ދޫކޮށް ލެއްވެވީއެވެ. ނޫންނަމަ މިހައި ބޮޑު ނިކަމެތިކަމެއްގައި ދިރިއުޅޭކަށް ނުޖެހޭނެއެވެ." މިއީވެސް ހަމަ ޝައިޠޯނާ ހިތަށް ވައްދުވާ ވަސްވާސްތަކެވެ.
އިންސާނުން ކީއްކުރަންހެއްޔެވެ؟ އަހަރެމެންގެ ލޮލަށް ނުފެންނަ ކުދިކުދި ފަނިފަކުސަތައް އުޅޭ ގޮތާއި ކުރާ ކަންކަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ އުފެއްދެވި އެއްވެސް އަޅަކު އެކަލާނގެ ދޫކޮށް ނުލައްވަވާނެތެވެ. ﷲ ތަޢާލާގެ މަގު ދޫކޮށް ދުރަށް ދެވެނީ މީސްތަކުންނަށެވެ.
މިބަޔާންކުރި ކަންކަމަށް ވިސްނައިލާށެވެ. އެއިރުން ލިބިގެން ތިއައުޅޭ މާޔޫސްކަން ފިލާނެއެވެ.
"މުސްލިމް އަޚުންނޭވެ! ފެންނަ ތަކެއްޗާއި، ނުފެންނަ ތަކެތީގައި ވެސް މާތް اللهގެ ކުޅަދުންވަންތަކަމާއި، ދެނެވޮޑިގަތުން ޝާމިލުވެއެވެ. ވަންހަނާ ވެފައިވާ ކަންތައްތަކާއި، އަޅާގެ ހިތުގައި ހިނގާ ވަސްވާސްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ވެގޮސްފައިވާ ކަންތައްތަކާއި، ވަމުންދާ ކަންތައްތަކާއި، ވާނޭކަންތައްތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. މާތް الله ގެ ޢިލްމުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގައެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "އަދި ޣައިބުގެ ތަޅުދަނޑިތައް ވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއް ވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއް ވިޔަސް، އަދި ރޯއެއްޗެއް ވިޔަސް، ހިކިއެއްޗެއް ވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.
މާތް الله އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާނގެކަން އަބަދުމެ ހަނދާންކުރުމަކީ، ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެކެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ ޢިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިޤާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ މާޔޫސްވާކަށް ނުޖެހޭނެއެވެ. ފަހެ އީމާންކަން ހަރުދަނާވެ ތާޒާވުމަކީ، ހިތުގެ ސާބިތުކަން ވަރުގަދަވެ، ޙަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންދާ ކަމެކެވެ.
މުސްލިމް އަޚުންނޭވެ! މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ، މާތް الله ގެ އިރާދަފުޅުގެ މަތިންނެވެ. އަޅުތަކުން ކިތަންމެ މޮޅަށް، ކިތަންމެ ވަރަކަށް ކަންތައް ރޭވިކަމުގައި ވިޔަސް އެކަމެއް މާތް اللهގެ އިރާދަފުޅުގެ މަތިން މެނުވީ ނުހިނގާނެއެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ﱣ "ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރި ރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ."
މުސްލިމް އަޚުންނޭވެ! ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތް اللهގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުން ކަމަށް އަޅުގަނޑުމެން އީމާންވާ އިރު، އެކަލާނގެ ޝަރުޢު ކުރައްވާފައިވާ ކަންތައްތަކަށް އަޅުގަނޑުމެން ކިޔަމަންގަންނަން ޖެހޭނެއެވެ. މާތް الله އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮކަންތަކަށް ގޮވާލުމާއި ނުބައިނޭދެވޭ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރަންވާނެއެވެ. އިސްލާމީ ޝަރީޢަތުގައި ވާގޮތަށް ޙަރާމްކަންތައް ޙަރާމްކަމުގައި ބަލައިގަންނަން ޖެހޭނެއެވެ. ޙަލާލުކަންތައް ޙަލާލު ކަންތައް ކަމުގައި ބަލައިގަންނަން ޖެހޭނެއެވެ.
ކޮންމެ ޙާލެއްގައި އުޅެންޖެހުނަސް އެމީހާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަމުންގެންދާނަމަ ހުރިހާ ތަކްލީފްތަކަކުންވެސް ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން