މިހާރަކަށް އައިސް މީހުން މަރުވުމުން ޖަނާޒާތަކަށް ގޮސްތިބޭމީހުން ވަރަށް އަޑުގަދަކޮށް ވާހަކަދައްކައެވެ. އަދި ބައެއް ފަހަރު އާދައިގެ ވަރަކަށް ވާހަކަދެއްކިނަމަވެސް އެންމެން އެކުގައި ވާހަކަދެއްކުމުން އަޑުގަދަވެއެވެ.
ދޮރުތައް ލައްޕާފައި ހުންނަ މިސްކިތުގައި ތިބޭ މީހުންނަށް އެއަޑުތައް އިވި އުނދަގޫވާވަރަށް އަޑުގަދަވެއެވެ. އެހެންކަމަށްވާއިރު ދޮރުނުލައްޕައި ހުޅުވާލާފައި ހުންނަ ހިނަވާގޭގައި ކަފުންކޮށްފައި އޮންނަ މައްޔިތާއާއި ހަމައަށް އަޑުދާނެވަރު ވިސްނައިލާށެވެ.
އެގޮތަށް ތިބެ އަޑުގަދަކޮށް ދައްކަނީ މައްޔިތާ އާއި ގުޅުންހުރި ވާހަކަތަކެއް ނޫނެވެ. މައްޔިތާއަށް ފައިދާކުރާނެ ވާހަކަތަކެއް ނޫނެވެ. މައްޔިތާއަށްޓަކައި ހެޔޮދުޢާކުރަނީއެއް ނޫނެވެ. ދައްކަނީ ދުނިޔަވީ ވާހަކަތަކެވެ. މިއީ ވަރަށް ގިނަ ޖަނާޒާތަކުގައި ޢާންމުކޮށް ފެންނަ ކަންކަމެވެ.
ކޮންމެ މީހަކުނަމަވެސް މަރުވުމުން އެމީހެއްގެ ދެވަނަ ޙަޔާތަށް އެއޮތީ ފެށިފައެވެ. މަރުވެފައި އޮތް މައްޔިތާއާއިމެދު އެއިރުވެސް ކަންތައްތަކެއް ހިނގަމުންދާނެއެވެ. އެތަން މީސްތަކުންނަށް ނުފެންނަނީއެވެ. ނުދައްކަވަނީއެވެ.
ކޮންމެއަކަސް އަހުރެންގެ ސުވާލަކީ މަރުވެފައި އެއޮތީ ތިމާނަމަ، އެބޭކާރު ވާހަކަތަކުގެ އަޑު އިވުމުން އުނދަގުލެއް ނުވާނެހެއްޔެވެ؟ ތިމާއަށްޓަކައި ހެޔޮދުޢާކުރަންވީ ވަޤުތު އެކަން ނުކޮށް އެހެން ވާހަކަތައް ދައްކާ އަޑުއިވުމުން ޤަބޫލުކުރެވޭނީ ތިމާ މަރުވީތީ އެމީހުން ދެރަނުވާކަމާއި ކަންބޮޑުނުވާކަން ނޫންހެއްޔެވެ؟ އެޙާލަތުގައި ތިމާއަށް ކުރާނެ އަސަރު ނިކަން ހިތަށް ގެނެސްބަލާށެވެ!
މިކަންކަމަށް ހެޔޮ ވިސްނުމަކުން ވިސްނައިލުން ކީއްތޯއެވެ؟ ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. ހިނަވައި ސަންދޯކުއަޅާނެ މީހެކެވެ. ވަޅުލެވޭނެ މީހެކެވެ. މިއަދު އޭނާއެވެ. މާދަމާ ތިމާނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟