40 އަހަރު ނުވަތަ 60 އަހަރު ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހު ދުނިޔޭގައި އުޅެވިފައިވާ މީހަކާއި ސުވާލުކޮށްބަލާށެވެ! ބުނާނީ 2000 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅުއްވެވި ނޫޙުގެފާނުވެސް ވިދާޅުވިފަދައިންނެވެ. "ދުނިޔޭގައި މިއުޅެވުނީ ދާދިކުޑަކުޑަ ހިނދުކޮޅަކުއެވެ." މާނައަކީ ޢުމުރުން އެހައިގިނަ ދުވަސްވީކަން އޭނާއަށް އިޙްޞާޞްވެސް ނުކުރެވޭނެއެވެ.
ބިރުވެތިވާށެވެ! ޤިޔާމަތްދުވަހަކީ ފަންސާސް ހާސް އަހަރަށް ދެމިގެންދާނެ އެންމެ ދުވަހެކެވެ. ިޔާމަތްދުވަހު ވަޤުތު ގިނަވެ އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނީ ދުނިޔޭގަ އުޅެން ދެއްވެވި ވަޤުތު ނަގާލި މީހުންނަށެވެ. ދުނިޔޭގައި ދެއްވެވި ވަޤުތުގެ ބޭނުން ނުހިފި މީހުންނަށެވެ.
އެމީހުންނަކީ ދުނިޔޭގައި ހުރިއިރު އުފަލާއި މަޖަލުގައި ވަޤުތުތައް ހޭދަކުރި މީހުންނެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރި މީހުންނަށެވެ. ވަޤުތުގެ ބޭނުން ހިފައި ޤިޔާމަތް ދުވަހަށް ތައްޔާރުނުވި މީހުންނަށެވެ.
ޤިޔާމަތްދުވަހަކީ ދާދި މަދު ވަޤުތުކޮޅެއް ކަމުގައި އިޙްޞާޞްކުރެވޭނެ ބައަކު ތިބޭނެއެވެ. އެއީ ދުނިޔޭގެ ޙަޔާތުގައި ދެއްވެވި ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފިމީހުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ، ކިޔަމަންތެރިވެ ދުނިޔޭގައި ތިމާލެއްވެވި ވަޤުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފި މީހުންނެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމުންނާއި ތަކްލީފްތަކުން އެމީހުން ސަލާމަތްކުރައްވަވާނެތެވެ. އެމީހުން ތިބޭނީ ޢަރުޝީގެ ހިޔާވަހިކަމުގެދަށުގައެވެ.
މީސްތަކުންނޭވެ! އަހުރެމެން ދުނިޔޭގައި ލައްވަވާފައި މިވަނީ ހަމައެންމެ ކަމަކަށެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ކުރާ ކޮންމެ ޢަމަލެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ. އެއިރުން އެމީހަކަށް އެއްވެސް ފާފައެއް ނުކުރެވޭނެއެވެ. ކުރެވޭ ކޮންމެ ކަމެއްވެސް ވާނީ އަޅުކަމަކަށެވެ.
ގަދައަޅައި މަސައްކަތްކުރަންވީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ މީހަކަށް ވުމަށެވެ. އެންމެ ހެޔޮވެގެންވާ ނަޞީބު ލިބިގަނެވޭ މީހަކަށް ވެވޭނީ އެއިރުންނެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން