ފުރަތަމަ ކަމަކީ ކީރިތި ޤުރްއާން ޖަހާނަމަ އަޑުއަހަންވާނެއެވެ. އެކަމަށް ސަމާލުކަންދޭންވާނެއެވެ. ވީމާ ތުއްތުކުދިންނަށް އަޑުއިއްވަން ޤުރްއާން ޖަހާނަމަ އެއަޑު އެންމެންނަށް އިވޭވަރަށް ބާރަށް ނުޖަހާށެވެ. ބާރަށް ޖަހާނަމަ އަޑުއިވޭ އެންމެންވެސް އެކަމަށް ސަމާލުކަންދޭންވާނެއެވެ.
މިކަމުގައި ބައެއް ބެލެނިވެރިންނަށް ޢަމަލުކުރެވެނީ ރަނގަޅަށް ނޫންކަމަށްވާތީ ސަމާލުކަންދޭންވީ ބައެއް ކަންކަން ހަނދުމަކޮށްލައިދޭނަމެވެ.
"ގޭގައި ޤުރްއާން ޖަހާނަމަ އަޑުއަހަންވާނެއެވެ. ހަމައެކަނި ތުއްތުކުދިންނަށް ނުވަތަ ކުއްޖަކަށް އަޑުއިއްވަން ޤުރްއާން ޖަހާނަމަ ޖަހަންވާނީ އެކުއްޖާއަށް އަޑުއިވޭނެ ވަރަށެވެ."
މާނައަކީ އެނދުގައި އޮތްނަމަ އެނދުކައިރީގައި ކުއްޖާއަށް އަޑުއިވޭވަރަށެވެ.
ބައެއް ގޭގޭގައި ޓީވީން ނުވަތަ އެނޫންވެސް ވަސީލަތަކުން ޤުރްއާން ޖަހާފައި އެކަމަށް ސަމާލުކަން ނުދީ އެހެންކަންކަމަށް ސަމާލުކަންދީގެން ތިބެއެވެ. އެހެން ތިބެ ކުޅިވަރުކުޅުމާއި ހީނސަމާސާކުރުން ފަދަ ކަންކަންވެސް ކުރެއެވެ. އެއިރުން އެކުރެވެނީ އަދަބާއި ޚިލާފް ކަންކަމެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި އަޑުއެހުމަކީވެސް އަޅުކަމެކެވެ. ކިޔެވިކަމުގެ ޘަވާބު ލިބޭނީ ކިޔެވުމުންނެވެ. އަޑުއެހުމުން ލިބޭނީ އަޑުއެހިކަމުގެ ޘަވާބެވެ. އެއީ ތަފާތު ދެކަމެކެވެ.