ރުޤްޔާކުރަން ބޭނުންވެގެންވެސް ދެމަފިރިންނާ ޢާއިލާގެ ސިއްރުތައް ކިޔައިދިނުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ރުޤްޔާކުރަން ބޭނުންވެގެންވެސް ދެމަފިރިންނާ ޢާއިލާގެ ސިއްރުތައް ކިޔައިދިނުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

ރުޤްޔާކުރަން ދެވޭ ބައެއް މީހުންގެ ކިބައިން ފެންނަ ކަންކމުގެ ޝަކުވާތައް އަބަދުހެން ލިބެއެވެ. އެއިގެ ތެރެއިން އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ "ކޮންމެ ކަމަކަށް ކަންބޮޑުވެ އެއީ ސިޙުރު ނުވަތަ އެސްފީނާ އާއި ގުޅުންހުރި ކަމެއްތޯ ބަލައި ރުޤްޔާކޮށްދޭން އެދުނަސް ވަކިހިސާބަކުން ދެމަފިރިންގެ ސިއްރުތައް ހޯދަން ސުލާލުކުރާތީ" އެކަމުގެ ޝަކުވާއެވެ.  

މިކަމުގެ ޙައްލެއްގެ ގޮތުން ބައެއް ޢިލްމްވެރިން ވިދާޅުވަނީ ދެމަފިރިން އެކުގައި ތިބެގެން ނޫނީ އެފަދަ ކަންކަމުގައި އެއްވެސް މީހަކާއި ބައްދަލުނުކުރުމެވެ. ކަންކަން ރަނގަޅުކުރުމުގެ ބޭނުމުގައި ބައިވެރިޔާއަށް ސިއްރުން ވާހަކަ ދައްކައި ނުހެދުމެވެ.  

ވަރަށް ފަހުން މީހަކު ކިޔައިދިން ގޮތުގައި ރުޤްޔާކުރަންދެވުނު މީހާ ފުރަތަމަ އޭނާގެ ފިރިމީހާއަށް ބުނީ ތައްރީފްގެ ބަސްތަކެވެ. ހަފްތާއެއްހައިދުވަސްވީއިރު ވާހަކައިގެ ރާގު މުޅިން ބަދަލުވެއްޖެއެވެ. އެހެންވެ ގަތްބިރުން އަވަހަށް އެކަން ހުއްޓާލާފައި އަމިއްލައަށް ރުޤްޔާކުރަން ފެށީއެވެ.  

ތެދުވެރިކަމާއިއެކު ރުޤްޔާކުރާ މީހުން ހިލޭ އަންހެނަކާއި އެކަހެރިކޮށް ބައްދަލެއް ނުކުރާނެއެވެ. އެކަނިހުރެ ހިލޭ އަންހެނަކާއި ވާހަކަދައްކަންވެސް ބޭނުމެއް ނުވާނެއެވެ. އެއީ ދީނުގައި ހުއްދަ ކަމަކަށްނުވާތީއެވެ. ވީމާ މިކަންކަމަށް ސަމާލުކަންދޭށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ރުޤްޔާކުރަން ކޮންމެ ކޮންމެ މީހެއްގެ ގާތަށް ދާކަށް ނުވާނެއެވެ. ދާންވާނީ އިތުބާރު ހިފޭ، އެއީ ކާކުކަން އެނގޭ މީސްމީހުންގެ ގާތަށެވެ. ނޫންނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. 

ސަބަބަކީ ރުޤްޔާކުރަން ގޮސް ދެމަފިރިންގެ ސިއްރުތަކާއި ޢާއިލާގެ ސިއްރުތަކާއި އެހެންވެސް ކަންކަން އެމީހަކަށް ކިޔައިދޭންޖެހޭތީއެވެ. އެމީޙަކާއިމެދު ފުރިހަމައަށް އިތުބާރު ނުކުރެވޭ މީހަކަށް މިފަދަ ސިއްރުތައް ކިޔައިދިނުމުން ޢާއިލާގެ ތެރޭގައި ބޮޑެތި މައްސަލަތައް ޖެހި ފިތުނަތައްވެސް އުފެދެން އެބަ މެދުވެރިވެއެވެ.

 

ހަމައެއާއިއެކު ކަންކަން މީހުންގެ ބޮލުގައި އަޅުވައި ޖިންނި ދައްކާ ވާހަކަތައް ޤަބޫލުކުރަންވެސް ހެޔޮނުވާނެއެވެ. ފުރަތަމަ ކަމަކީ އޭނާއަކީ ތެދު ހަދާ ރަނގަޅު ޖިންނިއެއްނަމަ މީހެއްގެ ގައިގެ ތެރެއަށް ވަނީ ކީއްވެގެންހެއްޔެވެ؟ ވީމާ ތިމަންނަ މިހާރު އިސްލާމްވީއޭ މިިހަދަނީ ތެދެވެ ކިޔައިގެން ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާނެއެވެ.  

ޤަބޫލުކުރުމުން ދެމަފިރިންގެ މެދުގައިވެސް އަދި ޢާއިލާގެ ތެރޭގައިވެސް ވަރަށް ބޮޑެތި ފިތުނަތައް އުފެދި ބޮޑެތި މައްސަލަތައް ޖެހިފައިވެސް އެބަހުއްޓެވެ.

- ޑޜ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ގެ ދަރުސަކުން  

ގޮތް ނުއެނގޭ މީހުން ލައްވައި ރުޤްޔާކުރަން އުޅުމުގެ ސަބަބުން އުފެދޭ މައްސަލަތަކުގެ ތެރޭގައި ދެމަފިރިންގެ މެދުގައި މައްސަލަޖެހުންވެސް ހިމެނެއެވެ. އެއީ ދައްކާ ފިތުނަވެރި ވާހަކަތަކުގެ ސަބަބުން އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ގެއްލިގެންދާތީއެވެ. އަދި އަނެކާގެ ހިތުގައި ޝައްކުތައްވެސް އުފެދޭތީއެވެ.  

ދާދިފަހުން މިއަދުނޫހަށް މައުލޫމާތު ޙިއްޞާކުރި ޒުވާން ދެމަފިރިއަކު ބުނީ އަނބިމީހާގެ ބޮލަށް އެނބުރުން އަރާތީ ބޭސްކޮށްގެން ރަނގަޅު ނުވުމުން ރުޤްޔާކުރަން މީހެއްގެ ގާތަށް ދިއަކަމަށާއި ނަތީޖާއަކަށްވީ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ވަރިފަށަށް އެރުން ކަމަށެވެ. ކަމުގެ ޙަޤީޤަތް އެނގުނުއިރު މައްސަލައަކަށްވީ ރުޤްޔާކުރާ މީހާ އަނބިމީހާއަށް ފޯނުކޮށްގެން ދައްކަމުން ދިއަ ސިއްރުވާހަކަތަކެވެ.  

ޙަޤީޤަތްބެލިއިރު އޭނާއަކީ ދެމަފިރިން ދައްކާ ވާހަކަތަކަށް ބަލައިގެން އޭނާއަށް ވިސްނޭ މޮޅުގޮތް ކިޔައިދޭ މީހެކެވެ. އޭނާގެ ނިޔަތުގައި ދެމަފރިން ދުރުކުރުވުން ނެތްނަމަވެސް ދެއްކޭ ވާހަކަތަކުން ފިތުނަ އުފެދެނީއެވެ. އޭނާ އެގޮތަށް ވާހަކަދައްކަނީ މައްސަލަ ޙައްލުކުރަން ނަމަވެސް ކަންކަން ގޯހުން ގޯހަށްދަނީއެވެ. ދެމަފިރިންނަށް މިކަންކަން ވިސްނިގެން އޭނާއާއި ވާހަކަދެއްކުމުން މާފަށްވެސް އެދުނެވެ. ބުނިކަމަށްވަނީ އޭނާއަށް ދެއްކޭ ވާހަކަ ދެމަފިރިންނަށް އޮޅެނީ ކަމަށެވެ. 

ކޮންމެއަކަސް މިހުންނަނީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. ދެމަފިރިންނާއި ޢާއިލާގެ މީހުންގެ ސިއްރުތައް ކިޔައިދޭންވާނީ ވަރަށް އިތުބާރުކުރެވޭ މީހުންނަށެވެ. ނޫންނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ.

މިއަދު އޮންލައިން