ނުހަނު ފަސޭހައިން ކޮންމެ މީހަކަށްވެސް ޖަންނަތުލްފިރްދައުސްއަށް އެރެން އޮތް މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ނުހަނު ފަސޭހައިން ކޮންމެ މީހަކަށްވެސް ޖަންނަތުލްފިރްދައުސްއަށް އެރެން އޮތް މަގު!

ކޮންމެ ކަމެއްގައިވެސް ދަރަޖަތަކެއްވެއެވެ. ސުވަރުގޭގައި 100 ދަރަޖަ ވަނީ އެހެންވެގެންނެވެ. އެމީހަކަށް ސުވަރުގެއިން ދަރަޖަ ލިބުންވަނީ އެމީހަކު އެކަމަށް އެދިގެން ކުރިމަސައްކަތަކުންނެވެ. ސުވަރުގޭގެ އެންމެ މަތީދަރަޖަ ލިބޭނެ މީހުންގެ ތެރޭގައި އެންމެ އަޚްލާޤް ރިވެތި މީހުން ހިމެނެއެވެ. އަޚްލާޤް ރިވެތިކުރެވޭނީ އެމީހެއްގެ ކިބައިގައި ކެތްތެރިކަން ހުރިވަރަކުންނެވެ.

މިގޮތުން ބަލާއިރު ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބުމާއި ރިވެތި އަޚްލާޤާއި މިވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. ރިވެތި އަޚްލާޤާއި ކެތްތެރިކަމާއި މިވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ.

ވީމާ ފުރަތަމަކަމަކަށްވެސް ވިސްނައިލަންވީ މިއާޔަތަށެވެ! "ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ!" (އަލްމަޢާރިޖް: 5)

މިއާޔަތުން އެނގިގެން މިދަނީ ކެތްކުރަންވީ އެންމެ ރިވެތިގޮތުގައިކަމެވެ. އެއިގެ މާނައަކީ ކެތްކުރަންވީ ހިތުގެ އަޑިންކަމެވެ. އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި ކަމެވެ. އެންމެކުޑަމިނުން ތިމާ މިހުރީ ކަންބޮޑުވުމެއްގައިކަންވެސް ޝަކުވާއެއްގެ ގޮތުގައި ހާމަކުރުމެއް ނެތެވެ! ޙަޤީޤީ ކެތްތެރިވުމަކީ އެއީއެވެ. އަދި ކެތްތެރިވުމުގެ އެންމެ މަތީ ދަރަޖައަކީވެސް އެއީއެވެ.

ކެތްތެރިވުމުގެ އެންމެމަތީ ދަރަޖައަކީ ކޮންމެހެން ހާމަކުރަންޖެހިގެން މެނުވީ ތިމާއަށް މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ލިބިގެންވާކަން އެއްވެސް މިންވަރަކަށް އެހެން މީހަކަށް ނުއަންގައި ކެތްތެރިވުމެވެ. މީސްތަކުންނަށް އެންގުމުން ލިބޭނީ ކޮންއެއްޗެއް ހެއްޔެވެ؟ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ހިންމަވައި ދެއްވަވާނީ ނުވަތަ އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވަވާނީ ﷲ ތަޢާލާ ނޫންހެއްޔެވެ؟ ތިބާ އެއްވެސް ޝަކުވާއެއް ނުކުރި ނަމަވެސް ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ!

ކެތްތެރިކަން ލިބޭނީ ކޮންކަމެއްކޮށްގެންކަން ބުނެދެވޭކަށް ނެތެވެ. އެއީ އެކަމަށް އޮތް ބަސްފުޅެއް އަހުރެންނަށް ފެނިފައިނުވާތީއެވެ! ވީމާ އޮތީ ﷲ ތަޢާލާއަށް އެކަމަށް އެދި ގިނަގިނައިން ދެންނެވުމެވެ. ކެތްތެރިކަން ދެއްވެވުން އެދި ދެންނެވުމެވެ. ޙަދީޘްބަސްފުޅުން އެނގެން އޮތީ ކެތްތެރިކަމަށް އެދޭ މީހާއަށް އެމީހާ ބޭނުންވާވަރަށް ﷲ ކެތްތެރިކަން ދެއްވަވާނެ ކަމަށެވެ. ވީއިރު ތިމާއަށް ރުޅިގަދަވެވެނީ، އަތްފައިންނާއި ދުލުން ނުބައިބަސްތައް ބުނެވެނީ ފަދަ ބަހަނާތައް ދައްކަން ނުހަދާށެވެ! ކެތްތެރިވާން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކު އެދޭ މިންވަރަކަށް އެމީހަކަށް ﷲ ތަޢާލާ ކެތްތެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ކެތްތެރިއަކު މާޔޫސްވެގެން އެއްވެސް ކަމެއްގައި އުޅޭކަށް ނުޖެހޭނެއެވެ! އެއީ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާތީއެވެ!

ކޮންމެ މީހަކީ އެންމެ ގިނައިން އަޅުކަންކުރެވޭ މީހަކުކަމުގައި ނުވެވިދާނެއެވެ! ނަމަވެސް ކޮންމެ މީހަކަށްވެސް އެމީހާގެ އަޚްލާޤް ރިވެތިކުރެވިދާނެއެވެ! ކެތްތެރިވެވިދާނެއެވެ! އެހެންކަމުން މިބުނި ބަސްކޮޅާއިމެދު ފުންކޮށް ވިސްނައި ޢަމަލުކުރަން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން