ތިމާއަށާ ތިމާ ދިރިއުޅޭގެއަށް އެންމެ ފައިދާހުރި ޛިކުރުކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިމާއަށާ ތިމާ ދިރިއުޅޭގެއަށް އެންމެ ފައިދާހުރި ޛިކުރުކުރުން ގިނަކުރާށެވެ!

"އަހުރެންނަކީ ކުޑަ 3 ދަރިން ބަލަމުން އަންނަ މައަކީމެވެ. އެހެންވެ ޤުރްއާން ކިޔަވަން އިށީނދެއްޖެނަމަ ކުދިން އައިސް އުނދަގޫކުރާވަރުން އޮންނަނީ ނުކިޔެވިފައެވެ. ކިރިޔާވެސް ވަޤުތުކޮޅެއް ލިބެނީ ނަމާދަށް ހުންނައިރުއެވެ. އެހެންވެ ވީހާ ދިގުކޮށް ކިޔަވައިގެން ނަމާދުކުރަން މަސައްކަތްކުރަމެވެ."

މިހުރީ ބައެއް މައިންގެ ޙާލުހުރި ގޮތެވެ. ކިޔަވަން އިނުމުގެ ފުރުޞަތު ފަހިވެފައި އޮތް ނަމަވެސް އެކަމަށް ސަމާލުކަން ނުދެވޭ މީހުން މިމައިމީހާ އެބުނާ ވާހަކަކޮޅަށް ވިސްނައިލުން ކީއްހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތެވެ. އެންމެ މަތިވެރި ޛިކުރުކުރުމަކީ ޤުރްއާން ކިޔެވުމެވެ. ވީމާ އެއީ އެންމެ މަތިވެރި އަޅުކަމެކެވެ. އަދި ލިބޭ ޘަވާބު ވަރަށް ގިނަ އަޅުކަމެކެވެ. ކިޔަވާ ކޮންމެ އަކުރަކަށްވެސް 10 ޘަވާބު ދެއްވަވާތީއެވެ. ކީރިތި ޤުރްއާން އަޑުއެހުމަކީވެސް އަޅުކަމެކެވެ. އުނގެނުމަކީވެސް އަޅުކަމެކެވެ. އުނގަންނައިދިނުމަކީވެސް އަޅުކަމެކެވެ. ވީމާ ހަމައެކަނި ކިޔަވާލައިގެން ފުއްދައިނުލާށެވެ!

 

ޤުރްއާން ކިޔަވާ ގޭގެ ވަށައިގެން މަލާއިކަތުން ތިއްބަވަތެވެ. ﷲ ތަޢާލާގެ ރަޙްމަތް އިތުރުކުރައްވަވަތެވެ. އަބަދުވެސް ހަނދާންކޮށްދޭފަދައިން އެގެއެއްގައި ބަޤަރާ ސުރަތް ކިޔަވާ ގެއަކާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ޝައިޠޯނުންނަށް އެގެ ނުވެސް ފެންނާނެއެވެ. އިން ޝާ ﷲ

ރަނގަޅަށް ބަލާށެވެ. އެގެއެއްގެ އެންމެން ޤުރްއާން ކިޔާނަމަ އެގެއެއްގައި އޮންނާނީ ހަމަޖެހުމެވެ. ގެއަށް ރިޒްޤް އިތުރުވާނެއެވެ. މިއީ އަބަދުވެސް ލޯމައްޗަށް ފެންނަމުން އަންނަ ކަންކަމެވެ.

ޤުރްއާން ނުކިޔަވާ ގެތަކުގައި ހާލިހަދައިގެން ޝައިޠާނުން ތިބެއެވެ. ﷲ ތައާލާގެ ރަޙްމަތް އުނިވެގެންދެއެވެ. ޤުރްއާން ނުކިޔަވާ ގެތައް ރަސޫލް ﷺ ސިފަކުރައްވަވާފައިވަނީ ވީރާނާވެފައިވާ ފަޅުތަންތަނުގެ ގޮތުގައެވެ.

ވީމާ ކޮންމެ ދުވަހަކުވެސް އަދި ރޭގަނޑުވެސް ގެތަކުގައި ޤުރްއާން ކިޔެވުން ގިނަކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން