އަނބިންގެ ކިބައިން ތިބާ ބޭނުންވާ ޚިދުމަތްތައް ލިބިގަންނަން ބޭނުންނަމަ އަނބިމީހާގެ ފިހާރަ ހުސްކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
އަނބިންގެ ކިބައިން ތިބާ ބޭނުންވާ ޚިދުމަތްތައް ލިބިގަންނަން ބޭނުންނަމަ އަނބިމީހާގެ ފިހާރަ ހުސްކޮށްނުލާށެވެ!

ދެމަފިރިއެއްގެ ޙަޔާތަށް ބަލާއިރު ކޮންމެ މީހަކީވެސް އަނެކާގެ ކިބައިން ކަންތައްތަކަކަށް ބޭނުންވާނެ މީހެކެވެ. ވީމާ ހަމައެކަނި ތިމާއަށް ބޭނުންވާ ކަންކަމަށް އިސްކަންދީގެން ދިރިއުޅެން މަސައްކަތްކުރާނަމަ ދާދި އަވަހަށް އޮންނާނީ ދިރިއުޅުން ފޭލްވެފައެވެ.  

ޢާންމުކޮށް ބަލާއިރު ޒަވާޖީ ޙަޔާތުގައި އަނބިންގެ ކިބައިން ފިރިން ވަރަށް ގިނަ ކަންކަމަށް އެދެންޖެހެއެވެ. އެހައިމެ ގިނަ ކަންތައްތަކަށް ބޭނުންވެސް ވެއެވެ. އަދި ދަހިވެތިކަން ބޮޑުވެގެންދާވަރުން ތިމާއަކީ އަޅެއް ކަމާއިމެދު އަނބިންގެ ހިތްތަކުގައި ސުވާލު އުފެދޭހައި ގިނަ ކަންކަމުގައި އެބަ އެދެމުއެވެ. 

ލިސްޓަށް ފަށައިފިނަމަ، އުފާވެރިކަން، ހިނިތުންވުން، އަޅައިލުން، ތެދުވެރިކަން، ވަފާތެރިކަން، ކައްކާފައި ކާންދިނުން، އަމާނާތްތެރިކަން، އެއްޗެތި ދޮވެ އިސްތިރިކޮށްދިނުން، ހިލޭ ފިރިހެނަކާ އެއްވެސް ގުޅުމެއް ނުބޭއްވުން، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކޮށްދިނުން މިހެން ގޮސް އެތައް ބައިވަރު ކަންތައްތަކެއް ލިސްޓްކުރެވިދާނެއެވެ.  

ދެން ބަލަންވީ އެހުރިހާ ކަމެއް ލިބިގަތުމުގައި  ފިރިމީހާގެ ޒިންމާއަކީ ކޮބައިހެއްޔެވެ؟ އެހެންކަމުން އެންމެ ފުރަތަމަ މިގޮތަށް ވިސްނަމާ ހެއްޔެވެ؟ އަނބިމީހާގެ ފިހާރައެއް ހުރެއެވެ. ފިރިމީހާ ނަމަވެސް އެފިހާރައިން މުދާ ބޭނޭނުންވެގެން ނަގާނަމަ ނަގާތަކެތީގެ އަގު އަދާކުރަން ޖެހޭނެއެވެ. އަގު އަދާނުކުރާނަމަ އެ ފިހާރަ ދާދި އަވަހަށް ހުސްވެދާނެވެ. އިތުރަށް ނަގާނެ މުދަލެއް އެ ފިހާރައަކު ނުހުންނާނެއެވެ. ފިހާރައިގެ ވިޔަފާރި ހިންގައި ކުރިއަރުވަން ބޭނުންނަމަ ނަގާ މުދަލުގެ އަގު އަދާކުރަން ޖެހެނީ ދާއިމީ ގޮތެއްގައި އެފިހާރައިގެ ވިޔަފާރި ހިންގުމަށެވެ. ވިޔަފާރި ކުރިއެރުވުމަށެވެ. 

އަނބިމީހާގެ ކިބައިން ކަންކަމަށް އެދުމުގައިވެސް އޮތީ ހަމަ އެފަދަ ގޮތެކެވެ. އަނބިމީހާގެ ކިބައިން އެދޭ ކަންކަން ލިބިގަތުމަށްވެސް އަގެއް ވެއެވެ. އެއަގު އަދާކުރަން ޖެހެއެވެ. އެއީ ހަމަ ތިމާ ވެސް އަނބިމީހާގެ ކިބައިން އެދޭ ކަންތައްތަކެވެ. ތެދުވެރިކަމާއި ލޯތްބާއި އަޅައިލުމާއި ކުލުނެވެ. އަދުލުވެރިކަމާއި ވަފާތެރިކަމެވެ. ރަޙުމާއި ހަމްދަރުދީއެވެ. މިލިސްޓު މާކުރުވާނެއެވެ!  

މިކަންކަން ފިރިމީހާގެ ކިބައިން އަނބިމީހާއަށް ނުލިބޭނަމަ ކުރިން ޖަހައިދިން މިސާލުގައި ބުނިފަދައިން އަނބިމީހާގެ ފިހާރަ ހަމަ ހުސްވާނެއެވެ. މިކަންކަމުގައި ފިރިމީހާގެ ދަރަނި ބޮޑުވާ ވަރަކަށް އަނބިމީހާގެ ރުޅިގަދަވާން ފަށާނެއެވެ. ދުވަސްކޮޅަކުން ކުނި މޫނު ދައްކައި ދަރަންޏްށް މުދައު ނުދޭން ފަށާނެއެވެ. އެންމެފަހުން ދަރަނި ހޯދަން ކޯޓަށް ވެސް ދާނެއެވެ. ނަމަވެސް ރުފިޔާ ހޯދަން ކޯޓަކަށް ނޫނެވެ! ވަރިވާން ޢާއިލާ އާއިބެހޭ ކޯޓަށެވެ! އެހިސާބަށް އެކަން ދިއަ ނުދިއުމުގެ ހުރިހާ ބާރެއްހެން އޮތީ ހަމަ ފިރިމީހާގެ އަތުގައެވެ. ފިރިމީހާ އަމަލުކުރާ ގޮތުގައެވެ.  

(މިއީ ޑރ. މުޙައްމަދު އަލް ހާޝިމީގެ ޚިޔާލެއްގެ މައްޗަށް ލިޔެފައިވާ ލިޔެފައިވާ ލިޔުމެކެވެ.)

 

މިއަދު އޮންލައިން