މީސްތަކުންގެ ޖަމާޢަތާ ވަކިވެ އެކަނި ގޭގަ ނަމާދުކުރުމަކީ ޝައިޠޯނާއަށް އެމީހަކު މަގުފުރައްދަން ފަސޭހަވާނެކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
މީސްތަކުންގެ ޖަމާޢަތާ ވަކިވެ އެކަނި ގޭގަ ނަމާދުކުރުމަކީ ޝައިޠޯނާއަށް އެމީހަކު މަގުފުރައްދަން ފަސޭހަވާނެކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު

ނަމާދުކުރުމުގައި ފިރިހެނުންނަށް ދީނުގައި އޮތީ ދެގޮތެކެވެ. ފަރުޟް ނަމާދުތައް ކުރަން އޮތީ މިސްކިތުގެ ޖަމާޢަތުގައެވެ. ސުންނަތް ނަމާދުތައް ކުރަން އޮތީ ގޭގައެވެ. ނަމަވެސް ގޭގައި އިހުސުންނަތްކޮށްގެން މިސްކިތަށް ހިނގައްޖެނަމަ ޖަމާޢަތް ފެށިދާނެކަމުގެ ބިރު އޮތްނަމަ މިސްކިތުގައި ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ގެދޮރުގެ ދަތިކަން ހުންނަ ގޮތުން ސުންނަތް ނަމާދުތައް ނުކުރެވޭނެނަމަ (ޖާގަ ނެތްނަމަ) މިސްކިތުގައި އިހުސުންނަތާއި ފަހުސުންނަތާއި ހުރިހާ ސުންނަތެއް ވެސް ކުރަންވީއެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް ޝަރުޢީ ޢުޒުރެއް ނެތި ފިރިހެނުން ގޭގައި ފަރުޟް ނަމާދުކުރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. 

ކިޔައިދޭން މިއުޅޭ ވާހަކައަށް ވިސްނާށެވެ!  

ހަތްދިހަ އަހަރު ހުރިހާ ވަގުތުތަކެއް ﷲ އަށް އަޅުކަންކުރުމުގަ ހޭދަކުރުމަށްފަހު ބަރުސީސާއަށް ނަރަކައަށް ދާންހުނު ގޮތުގެ ވާހަކައަކީ ގިނަގިނައިން ހަނދާންކުރަންޖެހޭ ވާހަކައެކެވެ. އަހަރެމެންގެ ކަންކަން އިޞްލާޙްކުރެވޭނީ މިފަދަ ވާހަކަތަކުގެ ހަނދާން އައުކުރިވަރަކުންނެވެ.  

ބަރުސީސާގެ ވާހަކައަކީ އެންމެންވެސް ދަންނަ ވާހަކައެކެވެ. އޭނާއަކީ 70 އަހަރުވަންދެން ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ހުރިހާ ވަގުތުތަކެއް ހޭދަކުރި މީހެކެވެ. ގިނައިން އަޅުކަންކުރަން ބޭނުންވެގެން މިސްތަކުންނާއި ދުރުގައި ފަރުބަދަތަކުގެތެރޭގައި އަޅުަކްންކުރާނެ ތަނެއް ހަދައި އެތަނުގައި އަޅުކަންކުރަމުން އައި މީހެކެވެ.  

އެއަށްފަހު ޝައިޠޯނާގެ ބަހަށް ހެއްލި ޒިނޭކޮށް އެ އަންހެންމީހާ މަރައި ވަޅުލި މީހެކެވެ. އޭނާ ކުރި ކުށަށް މަރުގެ އަދަބު ދިނުމުގެ ކުޑައިރުކޮޅެއްކުރިން މަރުގެ އަދަބުން ސަލާމަތްކޮށްދޭނެ ކަމަށް އިބިލީސް ބުނުމުން އިބިލީހަށް ސަޖިދަޖެހި މީހެކެވެ. އޭނާއަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ގަދަފަދަ ޢަޛާބުގެވާހަކަ ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ.  

އޭނާ އަޅުކަންކުރާ މިންވަރު ބޮޑުވެގެން އޭނާ ހަލާކުކޮށްލާނެ ގޮތަކާއިމެދު އިބިލީސް ހުރިހާ ޝައިޠޯނުން އެއްކޮށްގެން މަޝްވަރާކުރަން ދަރުބާރު ބޭއްވިއެވެ. އޭނާ މަގުފުރައްދައި އޭނާގެ ދުވަސް ދުއްވައިލީ އެކަމާއި ޙަވާލުވި ޝައިޠޯނާއެވެ.  

އަހަރެން މިއަދު ދައްކަން މިއުޅެނީ އޭނާއަށް އެގޮތް މެދުވެރިވި ސަބަބުގެ ވާހަކައެވެ. އޭނާއަށް އެގޮތް މެދުވެރިވީ މީސްތަކުންނާއި ދުރުގައި ވަކިން އަޅުކަންކުރަން އުޅުމުންނެވެ. އެކަނި ސުވަރުގެދާން މަސައްކަތްކުރުމުންނެވެ. މީސްތަކުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ޤަބޫލުކުރެވުމުންނެވެ.

މީސްތަކުންނާއިއެކު ޖަމާއަތުގައި ނަމާދުނުކޮށް ގޭގައި އަމިއްލައަށް މިސްކިތްހަދައިގެން ނަމާދުކުރާ މީހުން ރަނގަޅަށް ވިސްނާށެވެ! އަހަރެމެން ނަމާދުގައި ދުޢާކުރަނީ ތިމާއަށް ތެދުމަގު ދެއްކެވުން އެދިއެއް ނޫންނެވެ! "އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!" (ސޫރަތުލްފާތިޙާ: 6) މިފަދައިންނެވެ. އެންމެންނަށް ތެދުމަގު ދައްކަވައި ދެއްވެވުން އެދިއެވެ!  

އިމާމްވެސް މައުމޫންވެސް ކިޔަނީ ހަމަ މިއާޔަތެވެ! ދުޢާކުރަނީ ތިމާއަށް ތެދުމަގުދައްކަވައިދެއްވެވުން އެދިއެއް ނޫނެވެ! އެންމެންވެސް ދުޢާކުރަނީ އެންމެންނަށް ތެދުމަގުދައްކަވައިދެއްވެވުން އެދިއެވެ. މިއީ ވަރަށް މުހިންމު ފިލާވަޅެއް ލިބިގެންދާ ކަމެކެވެ.  

ވީމާ އެއްވެސް މީހަކު ތިމާއަކީ މާމޮޅު ޢިލްމުވެރިއެއްކަމަށް ދެކިގެން މީސްތަކުންނާއި ވަކިވެގަނެ އެކަނި ނަމާދުކޮށް އަޅުކަން ކުރަން ނުއުޅޭށެވެ! ބަރުސީސާއަށް މެދުވެރިވި ގޮތް މެދުވެރިވެދާނެކަމަށް ބިރުގަންނާށެވެ. އެހެން މީހުންނާއިވެސް ގުޅި އެހެން މީހުންވެސް ބައިވެރިކޮށް އެންމެން ގޮވައިގެން ސުވަރުގެދާން މަސައްކަތްކުރާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން