މިއަދުވެސް އުޑުން މަލާއިކަތުން ފޮނުއްވަވައިގެންވެސް އެމީހަކަށް ނަޞްރު ދެއްވަވާނެ 2 ސިފަ! މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މިއަދުވެސް އުޑުން މަލާއިކަތުން ފޮނުއްވަވައިގެންވެސް އެމީހަކަށް ނަޞްރު ދެއްވަވާނެ 2 ސިފަ! މުފްތީ މެންކް

އަހަރެމެން ކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން ނުވަތަ ރަނގަޅު ދިރިއުޅުމެއް ނުލިބިގެން އަހަރެމެން އަބަދުވެސް މިތިބެނީ ކަންބޮޑުވެފައެވެ. ޝަކުވާކުރުންމަތީގައެވެ. ސުވާލަކީ މިފަދަ ބޮޑެތި ކަންބޮޑުވުންތައް ކުރިމަތިވެފައިވާއިރު ތިމާގެ ކަންކަން ހުރީ ކޮންޙާލެއްގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަން ޙައްޤުވާ މިންވަރުގައިހެއްޔެވެ؟ 

ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް އެމީހެއްގެ ނުވަތަ އެބައެއްގެ ކިބައިގައި 2 ސިފައެއް ހުރިނަމަ ﷲ ތަޢާލާ އެކަމަކުން އެބައަކު ސަލާމަތްކުރައްވަވައި ނަޞްރު ދެއްވަވާނެތެވެ! އުޑުން މަލާއިކަތުން ފޮނުއްވަވައިގެން ނަމަވެސް މެއެވެ. އެކަން ﷲ ތަޢާލާ ވަނީ މީސްތަކުންގެ ލޯތަކަށް ދައްކަވައިދެއްވަވައިފައެވެ. 

ބަދުރު ހަނގުރާމައަށް ބަލައިފިނަމަ މުސްލިމުންގެ އަދަދަކީ 313 އެވެ. އަދި އެއީ އެއިރުގެ ޙާލަތުހުރިގޮތުން އެހައި ވަރުގަދަ ބޭކަލުންނެއްވެސް ނޫނެވެ! ނަމަވެސް ބާރުހުރި އެއް ހާސް މުޝްރިކުންގެ ލަޝްކަރާއި ކުރިމަތިލާން ޖެހުމުން އެ ލަޝްކަރު ބަލކުރައްވަވައި މުސްލިމުންނަށް އެ ބޮޑު ނަޞްރު ދެއްވެވީ އުޑުން 3000 މަލާއިކަތްބޭކަލުން ފޮނުއްވަވައިގެންނެވެ. ފޮނުއްވެވި މަލާއިކަތްބޭކަލުން ވަނީ މުޝްރިކުންގެ ލޯތަކަށް ދައްކަވައިވެސްފައެވެ. 

އަހަރުތަކެއް ފާއިތުވެއްޖެއެވެ! ނަމަވެސް ހަމަ އެ ﷲ ތަޢާލާ މިއަދުވެސް ވޮޑިގެންނެއެވެ. މިއަދުވެސް މީސްތަކުންގެ ކިބައިގައި އެ ދެ ސިފަ ފުރިހަމަ ނަމަ ހަމަ އެފަދައިން ނަޞްރު ދެއްވަވާނެތެވެ! އން ޝާ ﷲ 

އެ ދެ ސިފައަކީ ކެތްތެރިކަމާއި ތަޤްވާވެރިކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެމީހެއްގެ ކިބައި މި ދެ ސިފަ އެބޭކަލުންގެ ކިބައިގައި އެދުވަހު ހުރިވަރަށް ހުރިނަމަ އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް ﷲ ތަޢާލާ އެމީހަކަށް ނަޞްރު ދެއްވަވާނެތެވެ! ހިތާމައަކީ އެ ދެ ސިފަ މީސްތަކުންގެ ކިބައިގައި މިއަދު އެފެންވަރަށް ނެތްކަމެވެ. އަދި ކީއްހެއްޔެވެ؟ އެފެންވަރާއި ގާތަކަށްވެސް ނެތްކަމެވެ. 

ވީމާ ތަޤްވާވެރިކަން އިތުރުކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމާއި ކިޔަމަންތެރިވުން އިތުރުކުރާށެވެ! އުޑުން މަލާއިކަތުން ފޮނުއްވަވައިގެންވެސް އެމީހަކަށް ނަޞްރު ދެއްވަވާނެތެވެ! އެދޭކަންތައް އެދޭގޮތަށް ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން