އެއީ ތިބާ ކިތަންމެ ބޮޑަށް އެމީހަކު ދެކެ ލޯބިވާ މީހަކުނަމަވެސް އެމީހަކު ތިބާ ދޫކޮށްލާފައި ދާން އުޅޭނަމަ އެކަމަށް ހުރަސް ނާޅައި އޭނާ ދިއަދޭށެވެ. ދާން އުޅޭނީ ސަބަބެއް އޮވެގެންނެވެ. ތިބާ އޭނާއަށް ހުރަސްއަޅާތީ އެކަން ޙާޞިލުނުކުރެވިފައި ހުންނަންޖެހޭނަމަ އޭނާ ތިބާއަށް ކުރާ ނަފްރަތު ދާނީ އިތުރުވަމުންނެވެ.
ދެން ބުނެލަން އޮތީ އޭނާއަކީ ތިބާއާއިއެކުގައި އުޅުމަށް އިރާދައިގައިވާ މީހަކުނަމަ ތިބާ ދޫކޮށްލާފައި ދިއަ ނަމަވެސް އެނބުރި އަންނާނެއެވެ. އަދި އެނބުރި އައިސް ތިބާދެކެ ވާލޯބިވެސް މާބޮޑުވާނެއެވެ.
ދެވަނަ ކަމަކީ ތިބާ މީހަކުދެކެ ލޯބިވުމަކީ އެމީހަކު ތިބާއާއިއެކުގައި ވާންޖެހޭ ސަބަބެއް ނޫނެވެ. އަދި އެކަމުން ތިބާއަށް ކުރާނެ ފައިދާއެއްވެސް ނެތެވެ. ތިބާއަށް ފައިދާކުރާނީ ތިބާދެކެ ލޯބިވާ މީހަކު ތިބާއާއިއެކުގައި ހުރުމުންނެވެ. ވީމާ ލޯބިވުމާއި އެކުގައި ތިބުމަކީ މުޅިން ތަފާތު ދެކަމެކެވެ.
ދެން އޮތީ ތިބާގެ ހިތުން އެމީހަކު ދެކެ ލޯބިނުވާ މީހަކާއިއެކުގައި އުޅެންޖެހުމެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ހިތް ފޮރުވާފައި ބާއްވާށެވެ! ޢަމަލުތަކުން ތިބާ އެމީހަކުދެކެ ލޯބިވާކަން ދައްކާށެވެ. ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫކަމަކަށްވަނީ މިބުނި ގޮތަށް ކަންތައް ކުރުމެވެ. ނަމަވެސް ދިރިއުޅުން ކާމިޔާބުކުރެވޭނީ އެގޮތަށް ކަންތައްކުރަން ހިތްވަރު ލިބިގެންނެވެ.
ތިމާ އެންމެ ބޮޑަށް ލޯބިވާ މީހާއާއިއެކުގައި އުޅުމުގެ ފުރުޞަތު ލިބެނީ ވަރަށް މަދު މީހަކަށެވެ. އެއީ މައްސަލައަކަށް ނުހަދާށެވެ! ކުރިން ބުނިފަދައިން ތިބާއަށް ބޮޑަށް ފައިދާކުރާނީ ތިބާދެކެ ލޯބިވާ މީހަކާއިއެކުގައި އުޅެވިގެންނެވެ. ތިބާއަށް އުފަލުގައި ހުރެވޭނީވެސް އެއިރުންނެވެ.
- ޝަމްވީލާ / މިއަދުނޫހަށް