"އަހަރެމެން ދެމަފިރިންނަށް 8 ދަރިން ލިބުނެވެ. އެއީ 5 ފިރިހެންދަރިންނާއި 3 އަންހެންދަރިންނެވެ. ކިޔަވައިދިނީމެވެ. އެހެންވެ މިހާރުތިބީ ރަނގަޅު ވަޒީފާ ތަކުގައެވެ. ކައިވެނިވެސް ކޮށްގެންނެވެ. ހުރިހާ ދަރިންވެސް އުޅެނީ އުފަލުގައެވެ. އެކަމަކު މުސްކުޅިވި ދުވަހު އަހުރެމެން ދެމަފިރިންށް ލިބޭ ހަމައެކަނި އުފަލަކީ އެދަރިން އުފަލުގައި އުޅޭކަމެވެ.
ދެން އޮތީ ކުރިމަތިވެފައިވާ ހިތާމައެވެ. 2 ދަރިންގެ ކިބައިން ނޫނީ އެއްވެސް ވަރެއްގެ އެހީތެރިކަމެއް ނުލިބެއެވެ. އެންމެ ކުޑަމިނުން ޙާލުވެސް ބަލައިލަނީ އެ 2 ކުދިންނެވެ. އެއަށްވުރެވެސް ބޮޑު ހިތާމައަކީ ދަރިންގެ ކިބައިން އެދަރިން ދީނަށް ޢަމަލުކުރާތަން ނުފެންނަ ކަމެވެ. އެންމެ ބޮޑަށް ހިތާމަކުރަން މިޖެހެނީ ދަރިންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބިދާނެތީއެވެ."
- މިއަދުނޫހުގެ ކިޔުންތެރިއެއް
ގިނަ މައިންބަފައިންނަށް މިއަދު އުޅެންޖެހިފައިވަނީ މިފަދަ ޙާލެއްގައެވެ. މިޙާލަތު ކުރިމަތިވުމުގައި ގިނަ މައިންބަފައިންގެ އިހްމާލެއްވެސް އޮވެއެވެ. ތިރީގައިވާ ލިޔުމުން އެކަން ފާހަގަކުރެއްވޭނެއެވެ. އެކަން އިޞްލާޙްކުރެވިއްޖެނަމަ ދަރިން ބޮޑެތިވެ ނުބައި މަގަކުން ދިއަނަމަވެސް އެކަމުގެ ޒިންމާއިން ﷲ ތަޢާލާ ބެލެނިވެރިން ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ
މައިންބަފައިންގެ އެންމެ ބޮޑު ފަޚުރަކަށްވާނީ ލިބިފައިތިބޭ ދަރިންނެވެ. ސުވާލަކީ ތިބާއަށް ލިބިފައިވަނީ ފަޚުރުވެރިވެވޭނެ ފަދަ ދަރިއެއް ހެއްޔެވެ؟ ނޫންނަމަ ލަދުވެތިވާންޖެހޭ ދަރިއެއް ހެއްޔެވެ؟ އެދަރިއަކު ލިބުނީތީ ހިތާމަކުރަންޖެހޭނެ ދަރިއެއް ހެއްޔެވެ؟ ޖަވާބު ހޯދަން ވިސްނާލަންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ
ކައިވެނިކޮށް ދަރިން ހޯދުމާއި ބެހޭގޮތުން ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވަނީ ތިމަން ރަސޫލާ (ﷺ) ގެ އުންމަތް ބޮޑުވެ މީހުން ގިނަވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މާނައަކީ އސްލާމީ އުންމަތުގެ މީހުންގެ ޢަދަދު ގިނަވުމަށް އެދިވަޑައިގަންނަވާ ކަމެވެ. އެހެންކަމުން ވީހައި ގިނަ ދަރިން ހޯދުމަށް މިވަނީ ހިތްވަރުދެއްވަވައިފައެވެ. ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ގިނައިން ދަރިންވިހާ ޒާތުގެ އަންހެނުންނާއި ކައިވެނިކުރުމަށެވެ."
ތިބާ 10 ދަރިންވިހައިފިއެވެ. ބޮޑުވެ މީހުންނަށް ވެއްޖެއެވެ. ތަޝައްރަފްފުދިއްޖެއެވެ. އެއިގެތެރެއިން އެންމެ ދަރިއަކުވެސް ރަސޫލް (ﷺ) އެދިވަޑައިގަންނަވާ އެއްވެސް ކަމެއް ނުކުރެއެވެ. ﷲ ތަޢާލާޢަށް އަޅުކަމެއް ނުކުރެއެވެ. ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލެއް ނުކުރެއެވެ. ﷲ ތައާލާގެ ދީން މަތިވެރިކުރަން އެއްވެސް ކަމެއް ނުކުރެއެވެ.
އެހެންކަމަށްވާނަމަ ތިބާއަށް ލިބިފައި ތިއަތިބީ ރަސޫލް (ﷺ) އެ ޙަދީޘްކުރެއްވެވި ފަދަ ދަރިންކަމުގައިވާނީ ކިހިނަކުންހެއްޔެވެ؟ ރަސޫލް ﷺ އެ ޙަދީޘްކުރެއްވެވިފަދަ ދަރިންކަމުގައިވާނީ އެ ދަރިންނަކީ ފުރިހަމަ މުސްލިމުން ކަމުގައިވެ، ﷲ ތަޢާލާ އެންގެވިފަދައިން އަޅުކަންކޮށް ރަސޫލް (ﷺ)ގެ ސންންތަށް އަމަލުކުރާ ބައަކު ކަމުގައިވެގެންނެވެ.
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ދަރިން ލިބުމުން ދެމަފިރިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށެވެ. އެ ދަރިންނަކީ އިސްލާމް ދީނަށް ފުރިހަމައަށް ޢަމަލުކުރާނެ ދަރިން ކަމުގައި ހެދުމަށެވެ.
އެކަމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ އެކަންކަމުގައި މައިންބަފައިން ދަރިންނަށް ނަމޫނާދެއްކުމެވެ. ދަރިންގެ ކުރިމަތީގައި ދެމަފިރިން ނުބައި ބަސްތައް ބުނާނަމަ އެކުދިންވެސް ނުބައިބަސްތައް ބުނާނެއެވެ. ދެމަފިރިން އެކަކު އަނެކަކަށް އޯގާތެރިނުވާނަމަ އެކުދިންގެ ހިތުގައިވެސް އޯގާތެރިކަން ކުޑަވާނެއެވެ. އަޅުކަންކުރުމުގައި ނަމޫނާ ނުދައްކާނަމަ އެކުދިންނަށްވެސް ދަސްވާނީ އެގޮތެވެ!
ވީމާ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ރަނގަޅަށް ވިސްނާށެވެ! އުންމަތުގެ ކިބައިން ރަސޫލް (ﷺ) އެދިވަޑައިގެންފައިވާފަދަ ދަރިންގެ ގޮތުގައި ތަރުބިއްޔަތުކުރާށެވެ! އެކަމުގެ ޖަޒާ މައިންބަފައިންނަށް ދެ ދުނިޔޭގައިވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން