ﷲ ތަޢާލާ އަންގަވާފައިވަނީ ހޭދަކުރުމުގަ ދީލަތިވުމަށެވެ. ދީލަތިވި ވަރަކަށް ދެއްވަވާ ނިޢުމަތްތައް ގިނަކުރައްވަވާނެތެވެ. މިޘާލަކީ އެންމެ އޮށެއް އިންދުމުން ފަޅާ ގަހުގައި ކުރާތައް ލައި އެއިން ލިބިގެންދާނެ މިންވަރެވެ.
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކަށް ތަނަވަސްކަން އިތުރުވުމެވެ. އެކަމަށް ބޭނުންވުމުގައި އިމެއް ނެތެވެ. ހިތެއް ނުފުރެއެވެ. ރަނުގެވާދީއެއް ދެއްވެވިނަމަވެސް ދެވަނަ ވާދީއަކަށް އެދޭނެކަމަށަ ޙަދީޘްފުޅުގައި އޮތީ އެހެންވެގެންނެވެ. ކޮންމެއަކަސް ތަނަވަސްކަން އިތުރުވުމަށް އެދޭ މީހާ ސަމާލުކަންދޭންޖެހޭ ކަންކަން ވަރަށް ގިނައެވެ.
ތިމާއަށް ތަނަވަސްކން އިތުރުވުމަށް އެދޭ މީހާ، އެމީހާގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް މިބުނާ މީހުންގެ ބޭނުންތައް ފުއްދައިދޭށެވެ! އެއރިރުން އެމީހަކަށް ތަނަވަސްކަން އިތުރުކުރައްވަވާނެތެވެ! އިން ޝާ ﷲ
އަނބިމީހާ، ދަރިއަކު، މައިން ބަފައިން ފަދަ އެމީހަކު އެހީތެރިވެ ބަލަހައްޓަންޖެހޭ މީހަކު އެއްޗަކަށް އެދިއްޖެ ނަމަ އެ އެއްޗަކީ ތިމާއަށް ކިތަންމެ ބޭނުން ބޮޑުވެފައިވާ އެއްޗެއް ނަމަވެސް
އަވަހަށް އެމީހަކަށް އެއެއްޗެއް ދޭށެވެ! އަދި ދޭއިރު ދޭންވާނީ ﷲ ތަޢާލާއަށް ލޯބިންނެވެ! އެކަމުގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަމުންނެވެ.
މިފަދައިން އެއްޗެއް ދޭންޖެހޭ ޙާލަތުގައިވެސް އެއްވެސް ވަރަކަށް ކަންބޮޑުވެގެނެއް ނުވާނެއެވެ. ހިތުގެ އަޑިން ޤަބޫލުކުރަންވީ ތިމާ މިކުރަނީ ކުރަން ތިމާއަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމެއް ކަމެވެ. މިކަން މިކުރަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް ކަމަށެވެ. އަދި ޞަދަޤާތުގެ ގޮތުގައި ހިލޭ މީހަކަށް އެއްޗެއްދިން ނަމަވެސް ކުރިން މިބުނި މަގުން ކަންތައްކުރާށެވެ!
އީމާންތެރިންގެ ގޮތަކީ މިއީއެވެ. ﷲ ތަޢާލާ ދެކެ ލޯބިވާ މީހުން ޢަމަލުކުރަން އޮތް ގޮތަކީވެސް މިއީއެވެ. ﷲ ތަޢާލާޢަށް ލޯބިން މިފަދައިން ޢަމަލުކުރުމުން އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެތެވެ! ނިޢްމަތްތައް އެތައް ގުނައަކަށް އިތުރުކުރައްވަވާނެތެވެ!
އެމީހަކު އެހީތެރިވާން ޖެހޭ މީހުންނަށް، އަނބިދަރިންނަށް ޢާއިލާއަށް، މައިންބަފައިންނަށް އެހީތެރި ނުވެ ދަހިވެތިވާމީހާ ދަންނާށެވެ! އޭނާއަށް އެކުރެވެނީ ބޮޑު ފާފައެކެވެ. އެފަދަ މީހުން ދެކެ ލޯބިވެވޮޑިގެން ނުވެއެވެ. ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަނީ ﷲ ތަޢާލާގެ މަގުގައި ދީލަތިވުމަށެވެ!
--މުފްތީ މެންކުގެ ދަރުސަކުން