ކައިވެނިކުރާއިރު ލޯބީގެ ކުރިއަށް ނެރެން ޖެހޭ 2 ކަންތައް- ފަރުވާތެރިވެއްޖެނަމަ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުން ވަރަށް ގާތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ކައިވެނިކުރާއިރު ލޯބީގެ ކުރިއަށް ނެރެން ޖެހޭ 2 ކަންތައް- ފަރުވާތެރިވެއްޖެނަމަ  އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުން ވަރަށް ގާތް! އިން ޝާ ﷲ

ބައެއް ޢިލްމްވެރިން ސިފަކުރައްވާ ގޮތުގައި ކައިވެންޏަކީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަންތަކެވެ. ސަބަބަކީ ކައިވެނި ކާމިޔާބުކުރެވުމަކީ ދުނިޔެއާއި އާޚިރަތް ލިބުމަށް އެންމެ މުހިންމު ކަންތަކެވެ. އެހެނީ ހެޔޮލަފާ ބައިވެރިއެއްގެ އެއްބާރުލުން ލިބުމަކީ އާޚިރަތް ބާއްޖަވެރިކުރަން ކުރަންޖެހޭ މަސައްކަތުގެ މައި އިންޖީނެވެ.

ދަރިފުޅުގެ ކައިވެންޏަށް އެދިގެން އައުމުން އެމީހާގެ ކިބައިން ބަލަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ 2 ކަމެކެވެ. އެއީ އޭނާ އިސްލާމް ދީނަށް އަމަލުކުރާކަމާއި އޭނާގެ ޚުލްޤެވެ. ވީމާ މައިންބަފައިންގެ ފުރަތަމަ ސުވާލަކަށްވެސް ވާންޖެހޭނީ 5 ނަމާދު ބަރާބަރަށް އަދާކުރަމުތޯއެވެ! ނަމަވެސް މައިންބަފައިންގެ ލިސްޓުން މިހާރު ވަނީ އެ ސުވާލު އުނިވެފައެވެ. ނަމާދުކުރުމުގެ ވާހަކައިން ސުވާލު ނުވެސް ކުރެއެވެ.

އަތުގައި ފައިސާ މަދުވުމުން، ކައިވެންޏަށް އެދޭ ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހުންނަށް ނޫނެކޭ ބުނެ ރަތްކާޑު ދައްކައި ފޮނުވައިލާއިރު ނިކަންބުނެބަލާށެވެ! ތިއައުޅެނީ ދަރިންނަށް ފައިދާކުރާނެ ޒަވާޖީ ޙަޔާތެއް ހޯދަން ހެއްޔެވެ؟ ނޫނީ އަމިއަލަ ބޭނުމަށް ފައިސާގަނޑެއް ލިބިގަންނަން ހެއްޔެވެ؟

ހަމައެފަދައިން 2 ވަނަ ޝަރުޠުކަމަށްވާ އަޚްލާޤަށް ވެސް ނުބަލައެވެ. ހުރިހާ ސަމާލުކަމެއް މިއަދު ދެވެނީ ފައިސާއަށެވެ. ފައިސާއަކީ އަތަށް އަރައި އަތުން ފައިބައިގެންދާނެ އެއްޗެކެވެ. ފައިސާއަށް ކައިވެނިކުރުވުމުން ނުވަތަ ކައިވެނިކުރުމުން ވަނީ ފައިސާއަށްވާގޮތެވެ. ކައިވެނިކުރެވޭނެއެވެ. އިސާހިތަކު ކައިވެނި ރޫޅެންވެސް ރޫޅޭނެއެވެ.

ހަމަ އެއާއިއެކު ކައިވެނިކުރެވޭ އަންހެންމީހާގެ ވެސް މަސްއޫލިއްޔަތެއް އޮވެއެވެ. އެއީ މިޒަމާނުގައި ކައިވެނި ކުރެވެނީ ހަމައެކަނި މައިންބަފައިން ދައްކާ މީހަކާއެއް ނޫނެވެ. އަމިއްލައަށް ފިރިން ހޯދުންވެސް މިދަނީ އިތުރުވަމުންނެވެ. ވީމާ ބައިވެރިއަކު އިޚްތިޔާރުކުރާއިރު އެމީހާ އިސްލާމް ދީނަށް ޢަމަލުކުރާ މިންވަރު ބަލަންޖެހޭނެއެވެ. އެންމެކުޑަމިނުން ފަރުޟު 5 ނަމާދު ވަގުތުން ވަގުތައް ކުރާކަން ކަށަވަރުކުރަންޖެހޭނެއެވެ. އަދި އެމީހާގެ ކިބައިގައި އަޚްލާޤް ހުރި މިންވަރުބަލަން ޖެހޭނެއެވެ!

ލޯބިވުން ގެންނަންޖެހޭނީ އެދެކަންތަކުގެ ފަހަތުންނެވެ. އެދެކަންތަކުގެ ކުރިއަށް ލޯބިވުން ގެނެސްފިނަމަ ގިނަފަހަރު އޮންނާނީ ހިތާމަވެރި ގޮތްތައް މެދުވެރިވެފައެވެ. ލޯބި ކުރިއަށް ނެރުމުން މެދުވެރިވާ ގޮތަކީ މައިންބަފައިން ރަނގަޅު ގޮތް ބުނެދިން ނަމަވެސް އެކަންވެސް ޤަބޫލުނުކުރެވެނީއެވެ! ލޯބި އޮންނަނީ މައިންބަފައިންގެވެސް ކުރިއަށް އަރައިފައެވެ! މައިންބަފައިންނަށްވުރެ ކުރިއަށް ލޯބިނެރެގެން ބިކަހާލުގައި ޖެހުން ޢާންމުކަމަކަށްވެފައިވީނަމަވެސް އެކަންވެސް އެނގޭކަމަށް އޮންނަނީ ނުވެފައެވެ!

ހުރިހާ ކަންކަމަށް ބަލައިގެން ކައިވެނިކުރުމުން ވެސް ސަލާމަތް ނުވެވިގެން އުޅޭއިރު ބަލަން ޖެހޭ ކަންކަމަށް ނުބަލައި ކައިވެނިކުރުމުން ދެންވާނެ ހިތަށް ގެންނާށެވެ! ކައިވެނި ދެމެހެއްޓުމުގެ ވާހަކަ މިވަރަށް ދައްކަން މިޖެހެނީ މުޖުތަމައު އާއި އުންމަތުގެ ކުރިއެރުން އެކަމާއި ގުޅިފައިވާތީއެވެ! ކައިވެނި ރޫޅުމުން ކުރިމަތިވާ މައްސަލަތަކުގައި ގެއްލުން ލިބެނީ އެމީހަކަށް އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައުއަށެވެ!

ދެން ބުނެލަން އޮތީ ޙަދީޘްފުޅުގައި ހުރި ކަންކަމަށް ބަލައިގެން ކައިވެނި ކުރުމުންވެސް ކައިވެނިރޫޅޭ ވާހަކައެވެ. އެކަމަށް އޮތް ޖަވާބަކީ އެއިރުންވެސް ކައިވެނި ރޫޅިދާނެއެވެ. ޔަޤީންކުރަންވީ ތިބާއަށް ﷲ އަންގަވާފައިވާ ގޮތަށް ތިބާ ޢަމަލުކުރުމުން ޖެހޭ ކަންކަމުގައި ތިބާ ނިކަމެތިވެގެންދާން ﷲ ދޫކޮށް ނުލައްވަވާނެކަމެވެ. މާރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެ ކަމެވެ. އެއީ ހަމަ ޔަޤީންކުރަންޖެހޭނެ ކަމެކެވެ. އެކަން ޔަޤީންކޮށްގެން ހުންނަ މީހާ ނިކަމެތިނުކުރައްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން