ކައިވެނީގަ އުފާވެރިކަން ލިބޭނީ ސިފައަށް ނުބަލައި ހިތަށް ބަލައިގެން ކައިވެނިކުރީމަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ކައިވެނީގަ އުފާވެރިކަން ލިބޭނީ ސިފައަށް ނުބަލައި ހިތަށް ބަލައިގެން ކައިވެނިކުރީމަ!: މުފްތީ މެންކް

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ތިބާގެ ސިފަ ހުތުރުވެގެން އެއްވެސް މީހަކު ކަންބޮޑުނުވާށެވެ! އޮތީ ފަޚުރުވެރިވުމެވެ. ސަބަބަކީ ކޮންމެ މީހަކަށްވެސް ބޭރުފުށުގެ ސިފަ ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ ކޮންމެ މީހަކުވެސް ހުންނާނީ އެމީހަކު ހުރުމަށް ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. ވީއިރު އެސިފައަށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟

އަދި ކީއްހެއްޔެވެ؟ ބޭރުފުށުގެ ސިފަ ބަދަލުވާނެއެވެ. އަބަދު އެއްގޮތަކަށް ނުހުންނާނެއެވެ. ބޭރުފުށުގެ ސިފައަށް ބަލައި ތިބާ އާއި ރުހި ކައިވެނިކުރާ މީހާ ތިބާގެ ސިފަ ބަދަލުވުމުން ފޫހިވެ ދޫކޮށްލާނެއެވެ. ސިފައަށް ނުބަލައި ތިބާދެކެ ލޯބިވާ މީހާ އަބަދުވެސް ތިބާ ދެކެ ލޯބިވާނެއެވެ! މިއީ ވަރަށް ގިނަފަހަރު މިކަން ފެންނަމުން އަންނަ ގޮތެވެ!

އަބަދުވެސް ބުނާފަދައިން މުހިންމީ މީހާއެވެ. މާނައަކީ އޭނާގެ ބޭރުފުށުގެ ސިފައެއް ނޫނެވެ. އޭނާގެ ހިތެވެ! އޭނާގެ ޢަމަލުތަކެވެ. ޢަމަލުތައް ބިނާވާނީ ހިތުގެ މައްޗަށެވެ.

މިޒަމާނަކީ ފޮޓޯޝޮޕްގެ ޒަމާނެވެ! ކޮންމެ މީހަކުވެސް އެމީހާގެ ކަންކަން ހާމަކުރަނީ ފޮޓޯޝޮޕުން ކުލަޖައްސައި ރީތިކޮށްގެންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ފޮޓޯ ހާމަކުރަނީވެސް އެހެން މީހުންނަށް ރީތިވާނެހައި ކަންކަންކުރުމަށްފަހުގައެވެ. ނަތީޖާއަކަށްވަނީ އެފޮޓޯތައް އެއީ ޙަޤީޤަތްކަމަށްބެލެވެނީއެވެ. ތިމާއަކީ މާސިފަ ހުތުރު މީހެއް ކަމަށް ޤަބޫލުކުރެވެނީއެވެ. ތިމާވެސް ހަމަ އެހައި ރީތި މީހަކަށްވުމަށް ބޭނުންވެވެނީއެވެ.

އެންމެ ހިތާމަހުރި އެއްކަމަކީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކުރާ ޚަރަދަށްވުރެ ރީތިވުމަށް ކުރާ ޚަރަދު ބޮޑުވަނީއެވެ. އެފަދަ ޚަރަދު ކުރެވެން ނެތްނަމަ ލަދުން ގެއިން ބޭރަށްވެސް ނުކުންނަން ނުކެރެނީއެވެ. މިއީ މިހާރަކަށް އައިސް ހަމަ ވަރަށް ބޮޑަށް ޢާންމުވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެކެވެ.

ކޮންމެ އިންސނަކުވެސް އުފައްދަވަނީ ހަމަ އެންމެ ފުރިހަމަ ގޮތުގައެވެ. ނަމަވެސް ތަފާތުތަކާއިއެކުގައެވެ. އެއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. ފުރަތަމަކަމަކަށް އެކަން ޤަބޫލުކުރާށެވެ! އެމީހާ ބޭނުންވާ ސިފައިގައި އުފަންވެވުނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ!

ތިމާ އުފަންވިއިރު ހުރި ކަމެއްގެ ސަބަބުން ދިރއުޅުމުގައި ދަތި އުނދަގޫކަމެއް ހުރިނަމަ އެކަމެއް ރަނގަޅުކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެނޫން ގޮތަކަށް ﷲ ތަޢާލާ ތިމާ އުފެއްދެވި ސިފަ ބަދަލުކުރަން މަސައްކަތްނުކުރާށެވެ! އެކަމުން ކުރާ ފައިދާޢަށްވުރެ ލިބިދާނެ ގެއްލުން މާބޮޑުވާނެއެވެ.

ނިކަން ވިސްނައިލަބަލާށެވެ! ބައެއް މީހުން ރީތިވާން ކުރާ މަސައްކަތުގެ ސަބަބުން މާއަވަހަށް އެބަ މުސްކުޅިވެއެވެ. (މުސްކުޅި ސިފަޖަހަން ފަށައެވެ.) މާނައަކީ ތިމާގެ ސިފަ، ޢުމުރަށްވުރެ މާމުސްކުޅިކަމަށް އެބަ ދައްކައެވެ. ތަފާތު ބަލިތައް އެބަޖެހެއެވެ. ގައިގެ ހަންގަނޑަށް އެބަ ބަދަލު އާދެއެވެ. މިފަދަ އެތައް ކަމެއް އެބަ މެދުވެރިވެއެވެ. އެކަން އެނގި ތިބެމެ ރީތިވާން މަސައްކަތްކުރަނީ އެހެން މީހުން ޢައިބު ކިޔާތީއެވެ! އެކަމަށް އޮތް ވަޙީބަސްފުޅު ނިކަް އަޑުއަހައިބަލާށެވެ!

"--އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!---)" (އަލްޙުޖްރާތު: 11)

ވީމާ ޢައިބުކިޔާ މީހުން އެކަން އެކުރަނީ މި ވަޙީބަސްފުޅަށް އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. އެމީހުންގެ ބަސްތަކަށް ސަމާލުކަން ނުދޭށެވެ! އަޑުވެސް ނާހާށެވެ! ތިބާ ހުރީ އެންމެ ރީތި ސިފައިގައިކަން ޔަޤީންކުރާށެވެ! ތިބާގެ މިލްކްވެރިފަރާތަކީ ތިބާ އުފެއްދެވި ﷲ ތަޢާލާއެވެ. ތިބާ ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ސިފައިގައި ތިބާ އުފެއްދެވުމުން އެކަމަށް އެހެން މީހުން ކިޔަން އޮންނާނީ ކޮން އެއްޗެއްހެއްޔެވެ؟ ތިބާ އުފެއްދެވި ﷲ ތަޢާލާ ތިބާ އުފެއްދެވި ސިފަ ބަދަލުކުރަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން