އަޅުގަނޑަށްވެސް ވަނީ ފާފަތަކެއް ކުރެވިފައެވެ. އެކަން އިޙްޞާޞްވާން ފެށުމުން ތައުބާވެއްޖައީމެވެ. މިގެންދަނީ ކުރެވުނު ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރަމުންނެވެ. އަޅުގަނޑުގެ ސުވާލަކީ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟
ފުރަތަމަ ކަމަކަށްވެސް ކިޔުންތެރިޔާއަށް ހެޔޮވިސްނުން ދެއްވެވިކަމަށްޓަކައި ޙަމްދުކުރަމެވެ. އަދި ތައުބާވެ ހެޔޮމަގުގައި ޘާބިތުވާން ތިއަކުރާ މަސައްކަތުގައި ޘާބިތުކަން ދެއްވެވުން އެދިގެން ދުޢާކުރަމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެލިޔުމުގައި އެވަނީ ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ދުޢާކުރަން އެންމެ ފައިދާހުރި ގޮތެވެ.
ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ކުރާދުޢާގައި މަރުވެފައިވީ އެންމެންނާއި ދުނިޔޭގައި ތިބި އެންމެންވެސް ހިމެނޭގޮތުން އެންމެހައި މީސްތަކުންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ!
މިފަދައިން ދުޢާކުރުމުން އެއެންމެންގެ ފަރާތުން ތިބާއަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ! މިމަތިވެރި ނިޢްމަތް ހޯދޭނެ މަގު އެނގިގެންދަނީ މި ޙަދީޘްފުޅުންނެވެ!
"އެއްވެސް މުސްލިމް އަޅަކު އޭނާގެ މުސްލިމް އަޚާއަށް ނޭނގި ސިއްރުން އެ އަޚާއަށްޓަކައި ހެޔޮދުޢާކޮށްފިކަމުގައިވާނަމަ، (އެއަޅާ އާއި ޙަވާލުވެވަޑައިހުންނަވާ) މަލާއިކަތާ "ތިބާއަށްވެސް ހަމައެފަދައިން ލައްވަވާށިއެވެ!"
މާނައަކީ ތިބާގެ އަޚާއަށް، އަޚުންނަށް ސިއްރުން ތިބާ ހެޔޮ ދުޢާކޮށްދިން ކަންތައް ތިބާއަށް ދެއްވެވުން އެދިވަޑައިގަތުން މަލާއިކަތާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމެވެ.
އެނގިގެންމިދަނީ މިސާލަކަށް ތިބާ ދުޢާކުރީ މިވެނި މީހަކަށް ނުވަތަ މިވެނި ބައަކަށް ފާފަ ފުއްސަވައި ދެއްވެވުން އެދިގެން ކަމަށްވާނަމަ، ތަނަވސްކަން ދެއްވެވުން އެދިގެންކަމަށްވާނަމަ، ސަލާމަތް ޞިއްޙަތަކަށް އެދިގެން ކަމަށްވާނަމަ އަދި އެނޫންވެސް ކަމަކަށް އެދިގެން ކަމަށްވާނަމަ ، އަދި ކިތަންމެ ގިނަ ކަންތައްތަކަކަށް އެދިގެންކަމަށްވީނަމަވެސް ދުނިޔޭގައި ތިބި އެންމެންނާއި މަރުވެދިއަ އެންމެން ވެސް ދުޢާގައި ހިމަނައިފިނަމަ އެ އެންމެންގެ މަތިން ތިބާއަށް ވެސް ހަމަ އެދުޢާ މަލާއިކަތާ ކުރައްވަވާނެ ކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! މިއަށްވުރެ ވަކިން ފައިދާހުރި ގޮތުގައި ދުޢާއެއް ކުރެވިދާނެހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން