ކުރެވޭ ކައިވެނީގެ ނިޞްބަތުން ބޮޑު ޢަދަދެއް ފޭލްވަމުންދަނީއެވެ. ބައެއް މުޖުތަމަޢުތަކުގައި ވަރިއާއި ކައިވެނީގެ ޢަދަދު އެއްވަރެވެ. އަނެއްބައި މުޖުތަމަޢުތަކުގައި ވަރިގިނައެވެ. ވީމާ މިކަންކަމުން އެނގެނީ ބޮޑެތި މައްސަލަތަކެއް އެބަހުރިކަމެވެ. އަހުރެން ބުނާނީ ކައިވެނީގެ ކުރިން ބަލައި ޢަމަލުކުރަންޖެހޭ ކަންކަމަށް ޢަމަލުކުރެވޭނަމަ މިނަތީޖާ ބަދަލުވެގެން އަންނާނެ ކަމަށެވެ.
މުސްލިމުންނަށް ކައިވެނީގެ ކުރިން ދެމީހުން ބައްދަލުކޮށް ވާހަކަ ދެއްކުން ހުއްދައެވެ. ނަމަވެސް ދެމީހުން އެކަންޏެއް ނޫނެވެ. އިތުބާރުކުރެވޭ އިތުރު މީހަކު ބަހައްޓައިގެންނެވެ. މިބުނި މަގުން ދެމީހުން ބައްދަލުކޮށް ދެމީހުންގެ ޚިޔާލު އެއްގޮތްކަންކަމާއި ޚިޔާލުތަފާތުވާ ކަންކަން ބެލުންވެސް މުހިންމެވެ. އަނެކާ އެދޭ ކަންކަން ހުށަހަޅައި މަޝްވަރާކުރުންވެސް ހުއްދައެވެ.
ނަމަވެސް ކުރިން މިބުނި ފަދައިން ދެމީހުން އެކަންޏެއް ނޫނެވެ! އިތުރު މީހަކު ބައިވެރިކުރަންޖެހޭނެއެވެ! އެއީ އަންހެން މީހާ ރައްކައުތެރިކުރުމަށެވެ! އޭނާގެ ޢަބުރާއި ޢިއްޒަތާއި ކަރާމާތް ޙިމާޔަތްކޮށްދޭން ޖެހޭތީއެވެ!
ރަނގަޅަށް އަޑުއަހާށެވެ! މުސްލިމުންނަށް ހުއްދަވެގެންވަނީ "މީޓް"ކުރުމެވެ! "ޑޭޓް" ކުރުމަކީ ޙަރާމް ކަންކަމުގެ ތެރެއިންވެސް އެންމެ ބޮޑު އެއް ފާފައެވެ! ނަމަވެސް މިއަދު ވެގެން މިއުޅޭ ގޮތަކީ މީޓްކުރުމާއި ޑޭޓްކުރުން އޮޅުވައިލީއެވެ! މީޓްކުރުން ހުއްދަވީތީ ޑޭޓްކުރުންވެސް އަމިއްލައަށް ހުއްދަކޮށްލީއެވެ! މިކަން މިހެން ހިނގަން މެދުވަރިވަމުން މިދަނީ މީޓްކުރުން ހުއްދަވުމުގެ ޝަރުޠުތައް ދޫކޮށްލުމުންނެވެ. އެ ޝަރުޠު ކުރިން މިބުނީއެވެ!
އަންހެން ދަރިއަކު ވަކިމީހަކާއ ކައިވެނިކުރަން އެދިއްޖެނަމަ އަވަހަށް އެމީހަކާއި ބައްދަލުކުރާށެވެ! އެމީހަކާއި ބައްދަލުކުރާށެވެ! އަހަރެންގެ އެއްވެސް ދަރިއަކު އެކަމަށް އެދިއްޖެ ނަމަ އަހަރެން ބަލާނީ ހަމައެކަނި ދީނުގައި ބަލަންޖެހޭ 2 ޝަރުޠު ފުރިހަމަތޯއެވެ! އެއީ ދީނަށް އަމަލުކުރޭތޯ އާއި އޭނާގެ އަޚްލާޤެވެ! އެ ދެ ޝަރުޠު ފުރިހަމަނަމަ އަހަރެންވާނީ ކައިވެނީގެ ކަންކަން އަވަހަށް ހަމަޖައްސައިދޭ މެދުވެރިއަކަށެވެ!
އެކަން އެގޮތަށް ނުކޮށްފިނަމަ އެކަން ވެގެންދާނީ ދަރިން ޝައިޠޯނާގެ މަގަށް ދޫކޮށްލުން ފަދަ ކަމަކަށެވެ! އަދި ކީއްހެއްޔެވެ؟ ދަރިން ނުރުހޭ މީހަކާއި ގަދަކަމުން ކައިވެނި ކުރުވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ!
--މުފްތީ މެންކުގެ ދަރުސަކުން