ދިރިއުޅުމަކީ މަސްއޫލިއްޔަތެކެވެ. ކޮންމެ މަސްއޫލިއްޔަކާއި ޙަވާލުވުމަށްފަހުވެސް އޮތީ އިޚްލާޞްތެރިވުމެވެ. އިޚްލާޞްތެރިވެވިއްޖެނަމަ މެދުވެރިވާނީ ހެޔޮ ގޮތްތަކެވެ. އިން ޝާ ﷲ. އެކަމަކު މިއަދު ކަންކަން މިދަނީ ބަދަލުވަމުންނެވެ. އެއީ އިޚްލާޞްތެރިކަމެއް ނެތުމުންނެވެ.
ދަތި އުނދަގޫ ނުވަތަ ކަންބޮޑުވާ ޙާލަތެއް މިންވަރު ކުރައްވަވައިފިނަމަ އެޙާލަތާއިމެދު ރުޅިއަންނަ މީހުން ތިބެއެވެ. އެ ރުޅި އެހެން މީހުންނަށް ބާލާ މީހުން ތިބެއެވެ. އަދި ކީއްހެއްޔެވެ؟ އަމިއްލަ އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އެ ރުޅިބާލާ މީހުންވެސް ތިބެއެވެ.
އިންސާނުންނަށް ޙާލަތު މެދުވަރިކުރައްވަވަނީ 2 ގޮތަކުންނެވެ. އެތަނުން އެއްގޮތަކީ އަމިއްލައަށް ކުރެވޭ ކަމެއްގެ ސަބަބުންނެވެ. ދެވަނަ ގޮތަކީ އެމީހަކު ކުރި ކަމަކާއި ނުލައި ﷲ ތަޢާލާ މިންވަރުކުރައްވަވާ ޙާލަތެވެ.
މިސާލަކަށް އެމީހަކަށް ނުލިބޭ ވަރަށް ޚަރަދުކުރަން އުޅެގެން، ނުވަތަ ބޭކާރު ޚަރަދުތައް ގިނަވެގެން ދަތިހާލުގައި ޖެހިއްޖެނަމަ އެކަން އެއީ އެމީހަކު ޢަމަލުކުރި ގޮތުންނެވެ. ނަމަވެސް މަސައްކަތްކުރުމުންވެސް ދިރިއުޅެވޭނެ ފެންވަރަށް ނުލިބޭނަމަ އެކަން އެއައީ ﷲ ގެ ޙަޟަރަތުންނެވެ. އެޙާލަތު ކުރިމަތިކުރައްވަވަނީ އިމްތިޙާންކުރެއްވެވުމަށްޓަކައެވެ.
މި ދެގޮތުން ކުރެ ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތަކީވެސް ﷲ ތައާލާ ކުރިމަތިކުރައްވަވާ ޙާލަތެކެވެ. ވީއިރު އެކަމާއި އެއްވެސް މީހަކު ދެކެ ރުޅިއަންނަން ޖެހެންވީ ކީއްވެގެން ހެއްޔެވެ؟ ވީއިރު ރުޅި އައުމަކީ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫނެވެ!
ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ކުރިމަތިކުރައްވަވާ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ އެކަމަށް ސަބަބެއް އޮވެގެންނެވެ. ކޮންމެ ޙާލަތަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އޮތީ އެކަން ޤަބޫލުކޮށް އިމްތިޙާނުން ފާސްވާން މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ކެތްތެރިވުމެވެ. ކެތްތެރިވެވިއްޖެ ނަމަ ﷲ ތަޢާލާ ތިބާއަށް މާމޮޅުގޮތްތައް މިންވަރު ކުރައްވަވާނެތެވެ.
އުފާވެރި ޚަބަރަކީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކޮށް ކެތްތެރިވާން މަސައްކަތްކުރާވަރަކަށް ކެތްތެރިވުމުގެ ބާރު އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރައްވަވާނެކަމެވެ! ރަޙްމަތް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެއިރުން ތިމާއަށް ކުރިމަތިވި ދަތިކަން ބަދަލުވެގެންދާނީ ލެއްވެވި ނިޢްމަތަކަށެވެ! އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން