އެއީ ތަނަވަސް މީހެއްގެ ފިރިހެން ދަރިއެކެވެ. އެއްދުވަހުގެ އޭނާގެ އަގުބޮޑު ކާރުގައި ދަނިކޮށް ފެންނަނީ ކްލާހުގައި އެކުގައި ކިޔަވާ އަންހެންކއްޖަކު މަގުމަތީގައި އެއްޗެތި ވިއްކަން އުޅެނިކޮށެވެ.
ވަޤުތުން ކާރު މަޑުކޮށްފައިބައި ބުންޏެވެ. "މާދަމާ ކްލާހަށް ގޮސް ފަޟީޙަތް ކޮށްލާނަމެވެ. ކަލޭގެ ނިކަމެތިކަން ހުރިހާ ކުދިންނަށް ކިޔައިދޭނަމެވެ. އޫހ! މިހިރަ ސަލާންޖަހާ ކުއްޖާ! ކަލޭ ވަޒީފާއެއް ހޯދަން އަހަރެންގެ ބައްޕަގެ ކުންފުންޏަށް ނުދައްޗެވެ. ސަލާންޖަހަން އުޅޭ މީހުންނަށް އަހުރެމެން ވަޒީފާއެއް ނުދެމެވެ."
ޖަވާބުގައި އަންހެން ކުއްޖާ ރޮމުން ބުންޏެވެ. "ތިއަހެން ނުހަދާށެވެ! އަހުރެންގެ މައިންބަފައިންނަކީ ފަޤީރުން ވީމައި އަހުރެންގެ ސްކޫލްފީ ދައްކަނީ އަހުރެން މިމަސައްކަތްކޮށްގެންނެވެ."
އެއަޑު އެކުއްޖާއަށް އިވުނު ކަމަކަށް ނުހަދައެވެ. އަނެއް ދުވަހު ކަމަކަށް އޮތީ ކްލާހުގެ ހުރިހާ ކުދިންވެގެން އެނިކަމެތި ކުއްޖާއަށް މަލާމާތާއި ފުރައްސާރަކުރުމެވެ. ބާކީ އޮތް 4 އަހަރުގެ ކޮންމެ ދުވަހަކު އެއަންހެންކުއްޖާއަށް ޖެހުނީ އެކަންކަމަށް ކުރިމަތިލާށެވެ! އެކަންކަމުގެ ސަބަބުން ކިތަންމެ ބޮޑަށް ދެރަވިނަމަވެސް އެކުދިންނަށް އެއްވެސް ބަހެއް ނުބުނެއެވެ. ހިތްވަރު އެލުވައެއް ނުލައެވެ. މަސައްކަތްކުރަމުން ގެންދިއައީ ރަނގަޅު ނަތީޖާއް ހޯދާށެވެ.
ސްކޫލް ނިމުނުތާ 10 އަހަރު ފަހެވެ. އެފިރިހެންކުއްޖާގެ ތަނަވަސް ަބއްޕަ އެއްދުވަހަކު ގެއަށް އައިސް ބުންޏެވެ. "އަހަރެންގެ ކުންފުނި ކަލޭގެ ދޯދިޔާކަމުން ބަނގުރޫޓުވެއްޖެއެވެ." ދަރިފުޅު ބުންޏެވެ. "ކަންބޮޑުނުވާށެވެ! ހުރިހާ ކަމެއް އަހަރެން ވަރަށް އަވަހަށް ހަމަޖައްށާނަމެވެ." ޖަވާބުގައި ބައްޕަ ބުންޏެވެ. "ތިއަހެން ބުނާތާ 5 އަހަރުވީއެވެ. ކޮންމެ އަހަރަކު އިތުރަށް ދަރަނިވެރިވުން ނޫން ކަމެއް ނުވެއެވެ. އެންމެ ފަހުން ސަލާމަތް ނުވެވުނީމާ މިއަދު މިއައީ ކުންފުންޏާއި މިގެވެސް ވިއްކާލައިފައެވެ. ގަތް މީހާ މިހާރު މިގެއަށް އަންނާނެއެވެ. އަވަހަށް މިގެއިން ނުކުންނަމާ ހިނގާށެވެ!"
އެވަޤުތު ފެނުނީ ކްލާހުގައި އެކުގައި އުޅުނުއިރު ކޮންމެ ދުވަހަކު މަލާމާތާއި ފުރައްސާރަކޮށް ރޮއްވަމުން އައި އަންހެން ކުއްޖާ ގެއަށް ވަދެގެން އަންނަތަނެވެ. ފިރިހެން ކުއްޖާ ބުންޏެވެ. "ބައްޕަ މިއަންހެނާ ގެއަށް ތިއަ ގެނައީ ގޭގެ ނޯކަރަކަށް ހެއްޔެވެ؟" އެވަޤުތު އަންހެން ކުއްޖާ ބުންޏެވެ. "ބައްޕަގެ ކުންފުންޏާއި މިގެވެސް މިގަތީ އަހުރެންނެވެ. ދެރަނުވާށެވެ! ކަލެއަށް ވަޒީފާއެއް ދޭނަމެވެ."
މިއީ އަޅުގަނޑަށް ސޯޝަލް މީޑިއާއިން ފެނިފައިވާ ވީޑިއޯއެއްގެ ކުރު ޚުލާޞާއެކެވެ. އަޅުގަނޑާއި މިވާހަކައާއި ވަރަށް ގުޅުން އެބައޮތެވެ. އަޅުގަނޑަކީވެސް ފަޤީރެކެވެ. ދަރިފުޅު ކިޔަވަނީ ގްރޭޑް 10 ގައެވެ. އޯލެވެލް ހަދަން އޮތް އަހަރެވެ. ކްލާހުގައި އުޅޭ ތަނަވަސް މީހެއްގެ ދަރިއަކު އަޅުގަނޑުގެ ދަރިފުޅާއި ޖައްށާލައި ބުލީކުރާވަރުން މިއުޅެނީ ހަދާނެ ގޮތް ހުސްވެގެންނެވެ. އެވަރެއް މިކުރަނީ އޭނާ އާއި ގުޅި އެކުގައި އޭނާ ބުނާ ތަންތަނަށް ދާން އެއްބަސްނުވެގެންނެވެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދަރިފުޅަށް އިންޞާފުލިބޭ ދުވަސް ލަހެއް ނުވެ އަންނާނެއެވެ. އަޅުގަނޑު ބޭނުންވަނީ މިވާހަކަ މިއަދުނޫހުގައި ޝާއިޢުކޮށްދިނުމެވެ. އެއީ އެކުއްޖާގެ މަންމައަށް ޝެއާކޮށްލުމަށެވެ. އަދި މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.
- ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް