މަރުވެ ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުއްލެވޭނެ ވަޤުތަށް ބިރުވެތިވޭ! އެއީ އެމީހަކާމެދު ޙުކުމް އިއްވަވާނެ ބައްދަލުވުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
މަރުވެ ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުއްލެވޭނެ ވަޤުތަށް ބިރުވެތިވޭ! އެއީ އެމީހަކާމެދު ޙުކުމް އިއްވަވާނެ ބައްދަލުވުން!: މުފްތީ މެންކް

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާއާއި ﷲ ތަޢާލާގެ ހަޟްރަތާއި ބައްދަލުވާނީ މަހްޗަރުގެ ބިމުގައި ތިމާގެ ޙިސާބު ބައްލަވާނެ ވަޤުތުގައި ކަމަށެވެ. މީޒާނުގައި ތިމާގެ ޢަމަލުތައް ކިރައިލެވޭނެ ވަޤުތުގައި ކަމަށެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އެންމެ މުހިންމު ބައްދަލުވުން އޮތީ މަރުވުމާއިއެކުގައެވެ.  

މަރުގެ މަލާއިކަތުން ތިބާގެ ފުރާނަ ހިއްޕެވުމާއިއެކު ތިބާގެ ފުރާނަ ﷲ ތަޢާލާގެ ހަޟްރަތަށް އުފުއްލަވަތެވެ. މަރުވާނެ ކަމާއި އެންމެ މުހިންމު ބައްދަލުވުމަކީ މިއީކަން ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިފިނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.  

"ތިމަން ﷲ އިންސާނުންނާއި ޖިންނީން އުފެއްދެވީ ހަމައެކަނި ތިމަން ﷲ އަށް އަޅުކަންކުރުމަށް" ކަމަށް ވަޙީކުރައްވަވާފައި އޮތުމުން މިބިމުގައި އަހަރެމެން ލެއްވެވި ސަބަބު އެންމެ ހިނދުކޮޅަކަށްވެސް ހަނދުމަނެތިކޮށްލައިގެން ނުވާނެއެވެ.  

ނަމަވެސް މިއަދު މިފެންނަނީ ދުނިޔެއަށް ފޮނުއްވެވުނު ހަޤީޤީ ބޭނުން ހަނދުމަނެތިކޮށްލެވިފައވާތަނެވެ. މުދަލާއި ގެދޮރާއި ދުނިޔަވީ ކަންކަން ކުރިއަށްނެރެ އެކަންކަން ފުރިހަމަނުކުރެވިގެން ތެޅިފޮޅެމުންދާތަނެވެ.  

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް އެހީތެރިވެ ދިނުމަކީވެސް މަތިވެރި އަޅުކަމެކެވެ. އެކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ބައިވެރިވވޮޑިގަތުން ލިބިގެންދާނެ ޢަމަލެކެވެ. ވީމާ ބާރު ދެއްވަވާފައިވާނަމަ އެހެން މީހުންނަށް އެހީތެރިވާން އެ ބާރުގެ ބޭނުންކުރާށެވެ! ތަނަވަސްކަން ދެއްވަވާފައިވާނަމަ އެހެން މީހުންނަށް އެހީތެރިވުމަށް ތަނަވަސްކަމުގެ ބޭނުން ހިފާށެވެ! ޢިލްމެއް ލިބިފައިވާނަމަ އެހެން މީހުންނަށް އުގަންނައިދޭށެވެ! މަސައްކަތެއްކުރަން ދަސްވެފައިވާނަމަ އެހެން މީހުންނަށް ޚިދުމަތެއް ކުރާށެވެ!  

ކަންކަމަށް އިންތިހާއަށް ބޭނުންވެފައި ތިބި ނަމަވެސް ސަލާން ޖަހަން ލަދުވެތިވެ ﷲ ތަޢާލާއަށް އެކަނި ދަންނަވަމުން ގެންދާ މީހުން ތިބޭނެއެވެ! އެފަދަ މީހުން އަންގަވައިދެއްވަވާތީ ދުޢާކުރަންވާނެއެވެ! އެފަދަ މީހަކަށް އެހީތެރިވެދެވިއްޖެނަމަ ތިބާއަށް ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ހިތަށް ގެންނާށެވެ! 

އެހީތެރިވެދޭ އެންމެންނަކީ އެކަމުގެ ވަޒަންކުރާ ބައަކަށްނުވެދާނެއެވެ! ނަމަވެސް އެއިގެ ތެރޭގައި ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނެ ބައަކު ތިބޭނެއެވެ. ތިބާއަށް ގަދަވެ ސަލާމަތުން ފުރިހަމަ ޞިއްޙަތެއްގައި ތިއަ ހުރެވެނީ އެފަދަ މީހަކަށް ކޮށްދެވިފައިވާ ކުޑަކުޑަ ހެޔޮ ކަމެއްގެ ސަބަބުން އެމީހާ ކުރާ ދުޢާއިން ކަމަށްވެދާނެއެވެ! 

ޚުލާޞާއަކީ އިންސާނަކަށް ކުރިމަތިވާނެ އެންމެ މުހިންމު ބައްދަލުވުމަކީ އެމީހާ މަރުވުމުން އެމީހާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލޭހިނދު ﷲ ތަޢާލާ އާއި ވެވޭ ބައްދަލުވުމެވެ. އެހެނީ އެބައްދަލުވުމުގައި ﷲ ތަޢާލާ އިއްވަވާ ޙުކުމްފުޅު ވެގެންދާނީ އެމީހަކާއިމެދު ކުރެވޭނެ އންމެ މުހިންމު ޙުކުމް ކަމުގައެވެ.  

- މުފްތީ މެންކުގެ ޚުޠުބާއަކުން 

 

 

މިއަދު އޮންލައިން