މިހާރަކަށް އައިސް ތަނަވަސްކަން ހޯދަން މީހުން ކަންކަންކުރާއިރު ޙަރާމެއް ޙަލާލެއް ނުބަލައެވެ. ހޯދުނު ގޮތަކަށް ތަކެތި ހޯދައިގެން ބޭނުންކުރަނީއެވެ. އަދި އެކުރި ނުބައި ޢަމަލަކީ ޘަވާބު ލިބޭ ޢަމަލަކަށް ހަދަންވެގެން އެއިން ބައެއް މީސްތަކުންނަށް ބަހަންވެސް ބަހައެވެ.
ނަމަވެސް ދަންނާށެވެ! ޙައްޤު ނޫން ގޮތުގައި ހޯދާތަކެތި ކިތަންމެ ގިނަ ބައަކަށް، ކިތަންމެ ގިނައިން ބެހިނަމަވެސް ތައުބާވެ ޙައްޤު އަދާނުކުރާހައި ހިނދަކު އެކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެހެނީ އެ ޞަދަޤާތް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތީއެވެ.
ދެވޭ ޞަދަޤާތް މަދުވެގެން ނުވަތަ ކުޑަވެގެން ކަންބޮޑުނުވާށެވެ. ޔަޤީންކުރަންވީ މިދެވެނީ ޙަލާލުގޮތުގައި ހޯދާފައިވާ އެއްޗެއްކަމެވެ. ޙަލާލު ގޮތުގައި ހޯދާފައިވާ ރޮށްޓެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރާށެވެ. އެ ޞަދަޤާތް އެއީ ބޮޑު އެއްޗެއްގެ ގޮތުގައި ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ . އެއީ ތިބާ ހުރި ޙާލު ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. އެއްޗެއް ތިބާ ޞަދަޤާތްކުރީ އެއަށް ކިހައިވަރަކަށް ތިބާ ބޭނުންވެގެން ހުރެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.
ރިބާގެ ފައިސާ، ޙަރާމް ވިޔަފާރިކޮށްގެން ހޯދާ ފައިސާ، ވައްކަންކޮށްގެން ހޯދާ ފައިސާ ކިތަންމެ ގިނައިން ބެހިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއީ ތިބާ ޙަރާމް ގޮތުގައި ހޯދާފައިވާ ފައިސާ ނޫންހެއްޔެވެ؟ ވީމާ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ޙަލާލްތަކެތިން ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން