ބައިވެރިޔާގެ ލޯބިނުލިބުމާ ދަރިން ނުބައިމަގުން ދިއުން ގިނަވާ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބައިވެރިޔާގެ ލޯބިނުލިބުމާ ދަރިން ނުބައިމަގުން ދިއުން ގިނަވާ އެންމެ ބޮޑު ސަބަބު-

ޙަރާމް އެއްޗެތި ކައިގެން ޖަހާމަސް ދިއުން ގާތީ ނަރަކައަށް ކަމަށް އޮންނަ ބަސްފުޅާއިމެދު ތަންކޮޅެއް ފުންކޮށް ވިސްނަން އެބަޖެހެއެވެ. ނަރަކައަށް ދާންޖެހުމަކީ މަރުވުމުން ކުރިމަތިވާން އޮތް ކަމެކެވެ. ދުނިޔޭގެ ދިރިއުޅުން ގެއްލި އަބަދު ކަންބޮޑުވުމާއި ހިތާމައިގައި އުޅެންޖެހުމަކީވެސް ކުޑަ މައްސަލައެއް ނޫނެވެ.  

މިޘާލަކަށް އަނބިން ނުކިޔަމަންތެރިވާނަމަ ކަންބޮދުވާންޖެހެއެވެ. ދަރިން އިޞްލާޙްނުވާތީ ކުރަންޖެހޭ ހިތާމައަކީވެސް އެންމެ ބޮޑު އެއް މައްސަލައެވެ. މިފަދަ ޙާލަތުގައި ފުރަތަމަވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އަނބިދަރިންގެ އަޅައިލުމާއި ލޯބި ނުލިބޭ ނަމަވެސްމެއެވެ. 

އެއިގެ ތެރެއިން މިހާރު ފާހަގަކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އަނބިދަރިންނަށް ކުރާ ޚަރަދެވެ. މިބުނަނީ ޚަރަދުކުރާ ޢަދަދުގެ ވާހަކައެއް ނޫނެވެ. މަދު ގިނަކަމުގެ ވާހަކައެއް ނޫނެވެ. ޚަރަދުކުރާ ފައިސާ ހޯދި ގޮތުގެ ވާހަކައެވެ. 

އެއްވެސް ނުބައަކުން ރަނގަޅެއް ނުކުންނާނެކަމަށް ވިސްނައިގެންނުވާނެއެވެ. ޙަޤީޤީ އުފާވެރިކަމެއް ލިބޭނެކަމަށް ބަލައިގެން ނުވާނެއެވެ. އެންމެ ކުޑަމިނުން ހިތަށް ހަމަޖެހުން ލިބޭނެކަމަށް ބަލައިގެންވެސް ނުވާނެއެވެ. ޙަރާމް ތަކެތި ކައިގެން ޖަހާ މަސް ދިއުން ގާތީ ނަރަކަށް ކަމަށް އޮތް ބަސްފުޅުގެ މާނައަކީ އޫރުމަސް ފަދަ ﷲ ޙަރާމްކުރެއްވެވި ތަކެތި ކެއުމުގެ ވާހަކަކަމަށް ޤަބޫލުކޮށްގެންނުވާނެވެ. ޙަލާލް ނޫން ފައިސާއިން ހޯދާ ޙަލާލްތަކެއްޗަކީވެސް ހަމަ ޙަރާމްތަކެއްޗެވެ. 

ފިރިމީހާވިޔަސް އަދި އަނބިމީހާ ވިޔަސް ޙަރާމްކަންކަންކޮށްގެން ހޯދާ ފައިސާ، ޙަރާމް ގޮތުގައި ހޯދާ ފައިސާ ގެއަށްވައްދައި ޢާއިލާއަށް ކާންބޯންދޭނަމަ އެވަގުތު ބަނޑުބޮޑުވިނަމަވެސް ފަހުން ލިބޭނެ ގެއްލުން މާބޮޑުވާނެއެވެ. ކުރަންޖެހޭނެ ހިތާމަވެސް މާބޮޑުވާނެއެވެ. ވީމާ ޢާއިލާއެކުގައި ލޯބިން ދިރިއުޅެން ބޭނުންނަމަ، އަޅައިލުމާއި ލޯބި ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް ގެއަށް ވެއްދެނީ، ޢާއިލާއަށް ކާންބޯން ދެވެނީ ޙަލާލްތަކެތިކަން ކަށަވަރުކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން