މިހާރަކަށް އައިސް ގިނަ ބައަކު ލޯބިވުމަށްފަހު ދެމަފިރިން އުޅޭގޮތަށް އުޅެން ފަށަނީއެވެ. އެފަދަ މީހުން ލޯބިވުމާއިއެކު ކައިވެނިކޮށްގެން ދެމަފިރިންނަށް ކުރުން ހުއްދަވާ ކަންކަން ކުރަންފަށަނީއެވެ. މިކުރެވެނީ ކިހައި ބޮޑު ފާފައެއްކަން ނުއެނގިތިބެއެއްވެސް ނޫނެވެ. އެނގިގެން ތިބެއެވެ. ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުންނެވެ.
އެފަދަ ދެމީހަކު ދޮރުތަޅުލައިގެން ޒިނޭކުރަން ތިއްބައި މީހަކު އެދޮރުގައި ކިތަންމެ މަޑުމަޑުން ޓަކި ޖެހިނަމަވެސް ބިރުން ތެޅިފޮޅިގަންނާނެއެވެ. ކުރަމުންދިއަ ފާފަކުރުން ހުއްޓާލައި އެކަން ފޮރުވަން މަސައްކަތްކުރާނެއެވެ. ވީމާ އެކަމުން އެނގެނީ އެދެމީހުން ކުރަން އެތިބީ ބޮޑު ފާފައެއްކަން އެދެމީހުންނަށްވެސް އެނގޭކަމެވެ.
ބިރުއެގަތީ އެމީހާއަށް އެނގިދާނެތީއެވެ. ލަދު އެގަތީވެސް އެމީހާއަށް އެކަން އެނގިދާނެތީއެވެ. އެކަން ވަޤުތުން ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް ގަންނަންޖެހޭ ބިރާއި ލަދު ކޮބައިހެއްޔެވެ؟
އެހިސާބުން އަހަރެންގެ ސުވާލަކީ ޓަކިޖެހީމާ އެހައި ވަރަށް ބިރުގަތްއިރު، ތިމާމެން އެ ބޮޑުފާފަކުރާކަން ހަމަ އެވަޤުތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާކަން އެނގޭއިރު އެކަމަށް ޖެހިލުންވެ ބިރެއް ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ވަޤުތުން ޢަޛާބު ނުދެއްވަވާތީހެއްޔެވެ؟
ދެން ބަލައިލަންވީ ލޯބިވީނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ކައިވެނިކުރެވެންދެން ކެތްތެރިވާ މީހުންނަށެވެ. އެމީހުންގެ ހަށިގަނޑުގައިވެސް އިޙްޞާޞްތައް ހުރެއެވެ، ވޭންވެސް އަޅައެވެ. އަރާމު ލިބިގަންނަން ބޭނުންވެސް ވެއެވެ. ނަމަވެސް އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އޮންނަ ބިރުވެތިކަން ބޮޑުކަމުން ކައިވެނިކުރެވޭ ވަޤުތަކަށް ކެތްތެރިވަނީއެވެ. އަމިއްލަ އިޙްޞާޞްތައް ޤުރްބާންކުރަނީއެވެ. ވޭން ލިބިގަންނަނީއެވެ.
މީސްތަކުންނޭވެ! މިދެބާވަތުގެ މީހުންނަށް ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ އެއްގޮތަކަށްކަމަށް ހީކުރަންވެސް ހެޔޮވެދާނެހެއްޔެވެ؟ އެހެންނަކުން އެކަމެއް ނުވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވެ ކެތްތެރިވާ އަޅުންނާއި އެނޫން މީހުން އެކަލާނގެ ޙަޟްރަތުގައި ހަމަހަމައެއް ނުވާނެއެވެ.
އަހުރެންނަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި އަދި ޔަޤީންކުރެވޭ ގޮތުގައި މިހާރަކަށް އައިސް ކައިވެނިކުރާތަނުން މައްސަލަޖެހި ދެމަފިރިން ދުރުވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކައިވެނީގެ ކުރިން ދެމީހުންނަށް ޢަމަލުކުރެވޭގޮތެވެ. ﷲ އަށް ބިރުވެތިވެ ތަޤްވާވެރި ނުވެވުމެވެ.
ވީމާ ދެމީހުން އެކަކު އަނެކަކުދެކެވާ ލޯބީގެކުރިއަށް ﷲ ތަޢާލާ ދެކެ ލޯބިވުން ނެރޭށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުން ނެރޭށެވެ. ނޫންނަމަ ދުނިޔޭގައިވެސް ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިވާނެއެވެ. މަރުވުމުން ހޫނު އުނދުނެއްގައި އަލިފާނުން ފިހެންޖެހޭނެއެވެ. ޒިނޭކުރުމަކީ ކައްވަޅުން ފެށިގެން އަލިފާނުން ޢަޛާބުލިބޭ ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން