ކުޑަކަމުދިއުން ކީނަމަވެސް އެއީ ކުޑަކަމެއް ނޫން!: ކައްވަޅުގަ އެންމެ ގިނަ ބައަކަށް ޢަޛާބުލިބޭ އެއްކަންތައް!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ކުޑަކަމުދިއުން ކީނަމަވެސް އެއީ ކުޑަކަމެއް ނޫން!: ކައްވަޅުގަ އެންމެ ގިނަ ބައަކަށް ޢަޛާބުލިބޭ އެއްކަންތައް!: ޑރ. ޔާސިރު ޤާޟީ

އަހަރެމެން ކިޔަނީ ކުޑަކަމުދިއުމެވެ. ނަމަވެސް ކަމުގެ ޒާތަށް ބަލައިފިނަމަ އެއީ ކުޑަކަމެއް ނޫނެވެ. ކައްވަޅުގައި އެންމެ ގިނަ ބައަކަށް ޢަޛާބް ލިބޭ އެއްކަންތަކެވެ. އެހެންކަމަށްވާއިރު އެއީ ކުޑަކަމަކަށް ބަލައިގެން ވާކަށް ނެތެއް ނޫންހެއްޔެވެ؟  

ބައެއް މީހުން މިސްކިތްތައް، ހޮސްޕިޓަލްތައް ފަދަ ޢާންމުންގެ ގިނަ ބައަކު ބޭނުންކުރާ ފާޚާނާތަކަށްވަދެވެސް ކުޑަކަމުދަނީ ކޮޅަށް ހުރެއެވެ. ނަޖިސް ތަށްޓަށް (ތަށީގެ މަތީ ތުންފަތަށް) ބުރައެވެ. ނުކުމެގެންދަނީ ތިމާ ތާހިރުވެލައިގެން ނަމަވެސް ފެންޖަހައި ތަށި ސާފެއް ނުކުރެއެވެ. ނަތީޖާއަކަށްވަނީ ދެން ވަންނަ މީހާ އެތަށީގައި އިށީނުމެވެ. އެހިސާބުން އޭނާގެ ގައިގައި ނަޖިސް އުނގުޅެއެވެ. މުޅި ސަރަޙައްދު ނުދޮންނަ ނަމަ އެމިހާ ތެދުވެގެންދާނީ ނަޖިސްތަކާއިއެކުގައެވެ.  

މިހުރީ ޢާންމުކޮށް ކުރިމަތިވާ މައްސަލަތަކެވެ. މީގެ އިތުރުން ކޮޅަށް ހުރެ ކުޑަކަމުދާއިރު އެއިން މިންވަރެއް ތިމާގެ ފަޓުލޫނަށް ނުވަތަ ލައިގެން ހުންނަ ލިބާހަށް ބުރިނަމަވެސް ނުއެނގެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ނުކުމެގެންގޮސް ނަމާދުއެކުރެވެނީ ފޭރާމުގައި ހުރި ނަޖިހާއިއެކުގައެވެ. އެއިރުން ފޭރާމުގެ ތާހިރުކަން ގެއްލުނީއެވެ. ކުރާ ނަމާދަށް އެކަމުގެ އަސަރުކުރާނެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ.  

ތިރީގައި އެވަނީ ކުޑަކަމުދިއުމާއިބެހޭ ގޮތުން ޑރ. ޔާސިރު ޤާޟީ ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

ކައްވަޅުގައި މުސްލިމުންގެ ތެރެއިން އެންމެ ގިނަ ބައަކަށް ޢަޛާބް ލިބޭނެ އެއްކަމަކީ ކުޑަކަމުދިއުމުގައި ފަރުވާކުޑަކުރުމެވެ. އެއިގެ ތެރޭގައި ގަޔަށް ނުވަތަ ފޭރާމަށް ބުރައިގެންދާނެ ގޮތަށް ކުޑަކަމުދިއުމާއި އަވަސް އަރުވާލާފައި ނުނިމެނީސް ހުއްޓައިލުމުން ގައަށް ތިކިޖެހުމާއި ރަނގަޅަށް ތާހިރުނުވުން ފަދަ ކަންކަން ހިމެނެއެވެ.  

މިކަންކަން އެހައި ބޮޑު ކަމަކަށްވެ ކައްވަޅުގައި ޢަޛާބް ލިބެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ އެމީހާގެ ސާފުތާހިރުކަމާއި ގުޅިފައިވާ ކަމަކަށްވާތީއެވެ. ސާފުތާހިރުކަން އެމީހާ ކުރާ ނަމާދާއި ގުޅިފައިވާތީއެވެ. ސާފުޠޯހިރުކަންމަތީގައި ނޫނީ ނަމާދު ނުކުރެވޭނެތީއެވެ. ސާފުތާހިރުނުވެ ކުރާ ނަމާދު ޞއްޙަ ނުވާނެތީއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިހިރީ އަހަރެމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. އަދި މިބަޔާންކުރި ކަންތަކުންވެސް އެނގިގެންދަނީ ފުރިހަމަ ގޮތުގައި ނަމާދުކުރަން މަސައްކަތްކުރަންޖެހޭނެ މިންވަރެވެ. ނަމާދަށް ރައްކައުތެރިވާންޖެހޭނެ މިންވަރެވެ!

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން