ކައިވެންޏަށްފަހު އެކުގަ އުޅޭނެ ގޮތާ ކުރަންޖެހޭނެ ކަންކަން ކުރިން ލިޔެ އެއްބަސްވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކައިވެންޏަށްފަހު އެކުގަ އުޅޭނެ ގޮތާ ކުރަންޖެހޭނެ ކަންކަން ކުރިން ލިޔެ އެއްބަސްވާން އެބަޖެހޭ!

މިއީ ދެމަފިރިންވެސް މަސައްކަތްކުރާ ޒަމާނެވެ! އަދި މަސައްކަތް ނުކުރިނަމަވެސް ދެމީހުން ހަމަހަމަކަމުގެ ޒަމާނެވެ. ވީމާ ކައިވެނިކުރުމުގެ ކުރިން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކައިވެންޏަށްފަހު އެކުގައި އުޅޭނެ ގޮތާއި ކުރަންޖެހޭނެ ކަންކަން ކުރިން ލިޔެ އެއްބަސްވާން އެބަޖެހެއެވެ.  

ސަބަބަކަށްވަނީ ކައިވެނީގެ ކުރިން ދައްކާ ވާހަކަތަކަށް ކައިވެންޏަށްފަހު ޢަމަލުނުކުރުމުގެ މައްސަލައިގެ އިތުރުން އެވާހަކަތައް ހަނދާނުގައި ހުންނަކަމަށްވެސް ނުވުމެވެ. މިހެން ބުނުމުން ލިޔެ ސޮއިކޮށްފައި އޮތަސް ފައިދާކުރާނީ ޢަމަލުކުރިއްޔާ ކަމަށް ބުނެފާނެއެވެ. އެއީ ހަމަ ޙައްޤު ބުނުމެކެވެ. ނަމަވެސް ތަފާތެއް އެބަ އޮތެވެ. އެތަފާތަކީ ލިޔުމުން ފެންނަން އޮންނާނެތީ ފަހުން އޮޅުވައި ނުލެވޭނެ ކަމެވެ.  

މިހެން ބުނަން މިޖެހެނީ ވަރަށް ކުދިކުދި ކަންކަންވެސް ބޮޑެތި ކަންތަކަށް ހަދައި ދެމަފިރިން ވަރިވާ ހިސާބަށް ކަންކަންދާތީއެވެ. ރުޅިއަންނަން ބޭނުންވުމުން ކުރިން ދެކެވިފައި ހުންނަ ވާހަކަތައް ހަނދާން ނައްތައިލެވޭތީއެވެ. ދެއިރު ހެދުން ބަދަލުކުރާ އުޞޫލުން ޙަޔާތުގެ ބައިވެރިޔާ ބަދަލުކުރަން ބޭނުންވާ މީހުން ގިނަވާތީއެވެ. 

ޒަވާޖީ ހަޔާތުގެ މުހިންމުކަން ނުވަތަ އަގުވަޒަން ނުކުރުމުގެ ސަބަބުން ކުރިމަތިވަމުން އަންނަ މައްސަލަތައް ޙައްލުކުރެވޭނީ ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުންނެވެ. އެކަމަށް މަސައްކަތްކުރާނަމަ ކައިވެނީގައި ބަރަކާތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

މިޘާލެއްގެ ގޮތުން ތިރީގައިވާ ލިޔުންކޮޅު ވިދާޅުވެލައްވާށެވެ!    

ދާދިފަހުން ބައްދަލުވި ދެމަފިރިއަކު ބުނީ އެދެމީހުން ނުހަނު ލޯބިންކުރި ދެމީހުންގެވެސް އަލަތު ކައިވެނި ރޫޅިގެންދިއައީ ފިރިމީހާ އެވަގުތު ލާން ބޭނުންވި ގަމީސް އިސްތިރިކުރެވިފައި ނެތިގެން ކަމަށެވެ. އެގަމީސް އިސްތިރިނުކުރެވި އޮތްނަމަވެސް އިސްތިރިކޮށްފައި ބައިވަރު ގަމީސްވެސް ހުއްޓައެވެ.  

ހެދުނު ބޮޑު ގޯސްވިސްނި އަލުން ކައިވެނިކޮށް ދެމީހުން މިހާރު ދިރިއުޅެނީ އުފަލުގައިކަމަށާއި އިސްތިރިކުރަން މިހާރު ޤަވާއިދެއް ހަދާފައިވާ ކަމަށެވެ. އެޤަވާއިދުބުނާގޮތުން ވަޤުތުން އިސްތިރިކުރަން ފިރިމީހާ ބޭނުންވާ އެއްޗެތި އަނބިމީހާ އިސްތިރިކޮށެއް ނުދޭނެއެވެ. ބޭނުންނަމަ ޖެހޭނީ އަމިއްލައަށް އިސްތިރިކުރާށެވެ. އަނބިމީހާ ކުށްވެރިވާނީ އެއްޗެއް އިސްތިރިކޮށްފައި ނެތިއްޖެނަމައެވެ.   

މިޤަވާއިދަށް ޢަމަލުކުރަންފެށިފަހުން އިސްތިރިނުކޮށް ހުރެގެން އެއްވެސް މައްސަލައެއް ކުރިމަތިވެގެން އުޅޭކަށް ނުޖެހެއެވެ. އެވާހަކަ ފިރިމީހާ ނުވެސްދައްކައެވެ.  

- އަލަފް / މިއަދުނޫހަށް

 

މިއަދު އޮންލައިން