ފުރަތަމަ ކަމަކީ އިސްލާމް ދީނުގައި ރަޙިމުގެ ގުޅުން ދަމަހައްޓަން އޮތީ އަނެކާ ތިމާއާއިމެދު ޢަމަލުކުރި ނުވަތަ ޢަމަލުކުރާ ގޮތަށް ބައިގެން ނޫންކަމެވެ! އެކަން ކުރަން އޮތީ ﷲ ތަޢާލާ އެކަންކުރަން އަންގަވާފައިވާތީ ﷲ ތަޢާލާގެ އެންގެވުމަށް ކިޔަމަންތެރިވުމަށެވެ.
ވީމާ މައިންބަފައިން ލޯތްބާއި އަޅާލުން ނުދީ އެމީހުންގެ ޒިންމާ އަދާނުކުރިނަމަ އެކަން އެމީހުންނަށް ދޫކޮށްލާށެވެ! ދަރިފުޅު މައިންބަފައިންނަށް ހެޔޮކޮށް ހިތައި އޭނާގެ ޒިންމާ އަދާކުރީމާ ދަރިފުޅަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ! ހެޔޮ ގޮތްތައް މެދުވެރިކުރައްވަވާނެއެވެ!
މައިންބަފައިން ކަންކަންކުރި ނުވަތަ ކަންކަންކުރާ ގޮތުން ހިތުގައި އެކަން އޮތަސް (ދެރަވިޔަސް) އެކަން ޢަމަލުތަކުން ނުދައްކައި މިބުނި މަގުން ޢަމަލުކުރާނަމަ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ޘަވާބު މާގިނަ ކުރައްވަވާނެތެވެ. އިން ޝާ ﷲ. ސަބަބަކީ އޭނާ އެކަން އެކުރަނީ ހަމައެކަނި ﷲ ތަޢާލާ އެކަން ކުރަން އަންގަވާފައި އޮތް އޮތުމަށް ޢަމަލުކުރަން ކަމުގައިވާތީއެވެ.
ކޮންމެ ދަރިއަކުވެސް މައިންބަފައިންގެ ލޯތްބަށް ބޭނުންވާނެއެވެ. ނަމަވެސް އެންމެ މުހިންމީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމުންނެވެ. އެންމެ ބޮޑަށް ފައިދާކުރާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ. ވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރުމަށެވެ. ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން